27 ޖެނުއަރީ 2018 - 15:48

ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ ގެ މ. އެންދެރިމާގެ ފާސްކުރަން ފުލުހުން "ވަދެގަތީ" ކަމަށާއި އެއީ ކޯޓު އަމުރާ ހިލާފަށް ފުލުހުން ކުރި ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯޓު އަމުރުގައި އޮތީ އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކަމަށާއި އެކަމަކު "އެންދެރިމާގެއަކު ފާރިސްގެ ކޮޓަރިއެއް އޮފީހެއް ވެސް ނުހުންނާނެ" ކަމަށެވެ.
"މިހެން ބުނީމަ ވެސް ވަދެގަތީ. އަދި ތަންތަނާއި ތަކެތި ބަލަނީ،" މައުމޫން ވިދާޅުވި އެވެ.
އެންދެރިމާގޭގައި ދިރިއުޅުއްވަނީ މައުމޫނާއި އެމަނިފާނުގެ އާއިލާގެ ބައެއް މެމްބަރުންނެވެ. ފާރިސް ދިރިއުޅުއްވަނީ އަނބިކަނބަލުންގެ ގެ މ. ސްނޯރޯޒް ގައެވެ. ފުލުހުން ވަނީ އެ ގެ ވެސް މިއަދު ބަލައި ފާސްކުރަން ފަށައިފަ އެވެ. އަދި ދާދި ދެންމެއަކު ފާރިސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސް ކުރުމުގެ އަމުރުގައި އެ ގެ ބަލައި ފާސްކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހި ކަމަށް ތުހުމަތު ކުރެވޭތީ އާއި، މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން، ވެރިކަން ވައްޓައިލުމަށް ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމެވެ.
މި ދެ ތުހުމަތުގެ ތެރެއިން، ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތަކީ މީގެ ކުރިން ފާރިސް ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް ނޫނެވެ.