27 ޖެނުއަރީ 2018 - 13:41

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަހުމަދު އަރީފު އިސްތިއުފާ ދެއްވި ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
ހަ މަސް ދުވަހު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން މިނިވަން ކުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރަން އުޅޭތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ސީޕީގެ މަގާމުން އަރީފު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އަދި އެ މަގާމުން އޭނާ ވަކިކުރެއްވިކަމަށް ވެސް ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފަ އެވެ.
އެކަން ދޮގުކޮށް ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަރީފު އަދި ވެސް ހުންނެވީ ސީޕީގެ މަގާމުގައި ފުލުހުންގެ ހިދުމަތުގައި ކަމަށެވެ.
ފާރިސްގެ އަނބިކަނބަލުންނާއި ސީޕީ އަރީފްގެ އަނބިކަނބަލުންނަކީ އެއްބަނޑު އެއްބަފާ ދެ ބެއިންނެވެ.
މިިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލި ފާރިސް މައުމޫން އަލުން ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާގެ ދައްތާފުޅު ޔުމްނާ މައުމޫން މިއަދު ވަނީ ވިދާޅުވެފަ އެވެ.