ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރުމުން ކެންސަރު ޖެހުނު އަންހެނެއް
ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރުމުން ކެންސަރު ޖެހުނު އަންހެނެއް

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކިހާ ގެއްލުންހުރި ކަމެއްކަން ނޭނގޭ ކުޑަކުއްޖަކު ވެސް މިހާރު އުޅޭކަމެއް ނޭނގެ އެވެ. ނަމަވެސް މިކަންކުރާ މީހުން ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް، އެހެން މީހުން ދޫކުރާ ދުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ.

ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރުމުން ކެންސަރު ޖެހުނު އަންހެނެއް
ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރުމުން ކެންސަރު ޖެހުނު އަންހެނެއް

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ 70 އަހަރުގެ ނާލިނީ ސައްތަނާރަޔަން އަކީ މިސާލެކެވެ.

ނާލިނީ އަކީ ކަރުތެރެއަށް ކެންސަރު ޖެހި އެ ބައްޔާ ހަނގުރާމަކުރަމުންދާ މީހެކެވެ. ބަލީގެ ސަބަބުން އޭނާގެ "ވޮއިސް ބޮކްސް" ހަލާކުވެ އެއްގޮތަކަށް ވެސް މިހާރު އަޑެއް ނުނިކުމެ އެވެ. އޭނާ އަކީ ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލުކުރި މީހެއް ނޫނެވެ. ނަމަވެސް އޭނާއަށް މި ގަދަފަދަ ވޭނުގައި އުޅެން ޖެހިފައި ވަނީ އޭނާގެ ފިރިމީހާ އަކީ ދުންފަތުގެ އިސްތިއުމާލު ކުރި މީހަކަށް ވާތީ އެވެ.

ނާލިނީގެ ކަރުތެރެއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރު އޭނާގެ ފިރިމީހާ ކެންސަރު ބަލީގައި މަރުވިތާ ވީ އެންމެ އަހަރެކެވެ. ނާލިނީގެ ނޭވާ ކުރުވެ ވާހަކަ ނުދެއްކުނީ ހަމަ ކުއްލިއަކަށެވެ. ހޮސްޕިޓަލަށް ގޮސް ޓެސްޓްތައް ހެދުމުން، ކެންސަރު ޖެހިފައިވާކަން ޔަގީންވި އެވެ.

ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށް ވިޔަސް އޭނާއަށް ކެންސަރު ޖެހުނީ ފިރިމީހާ ދުންފަތުގެ އިސްތިއުމާލު ކުރާއިރު ކައިރީގައި އިންނާތީ ދުމުގެ އަސަރު އޭނާގެ ހަށިގަނޑަށް ކޮށްގެންކަން ނާލިނީ އަށް އެނގުމުން އޭނާ ވަރަށް ހިތްދަތިވި އެވެ.

ޑޮކްޓަރުން ނާލިނީގެ ވޯކަލް ކޯޑާއި ތައިރޮއިޑް ގްލޭންޑް ނެގުމުގެ ސަބަބުން އޭނާގެ ކަރުގައި މިހާރު ބޮޑު ލޯވަޅެއް އެބައިނެވެ.

ނާލިނީ ވަނީ ފޭސްބުކް ޕޭޖްގައި އޭނާގެ ވާހަކަ އާއްމުންނާ ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ދުވަހަކުވެސް ސިނގިރޭޓެއް ނުބުޔަސް އޭނާއަށް މި ވޭނުގައި އުޅެންޖެހިފައި ވަނީ ފިރިމީހާ ސިނގިރޭޓް ބޯ ވަގުތުތަކުގައި އޭނާގެ ކައިރީގައި އިނުމުގެ ސަބަބުންނެވެ.