36 އަހަރުގައި ވެސް ފެޑެރާ އަށް ބަދަލެއްނާދޭ: ލޮއިޑް
36 އަހަރުގައި ވެސް ފެޑެރާ އަށް ބަދަލެއްނާދޭ: ލޮއިޑް

މެލްބަން (ޖެނުއަރީ 27) - އުމުރުން 36 އަހަރުގައި ވެސް ރޮޖާ ފެޑެރާގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް އޭނާ ފެންނަނީ ޒުވާންކޮށް ކަމަށް ކުރީގެ ޓެނިސް ކުޅުންތެރިޔާ ޖޯން ލޮއިޑް ބުނެފި އެވެ.

ފެޑެރާ ވަނީ ހަތް ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ފައިނަލުގެ ފުރުސަތު ހޯދައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. ފެޑެރާ ފައިނަލުގެ ފުރުސަތު ހޯދީ މި މުބާރާތުގައި ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށް ފަހު ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ދެކުނު ކޮރެއާގެ ޗަން ހިއުން ސެމީ ފައިނަލުގައި ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ ދެ ވަނަ ސެޓަށް ފަހު ޗަންގެ ވާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މެޗު ކުރިޔަށް ނުގެންދެވުނެވެ.

މިއީ ފެޑެރާ އޭނާގެ ޓެނިސް ކެރިއަރުގައި ކުޅޭ 30 ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. ފައިނަލުގައި މާދަމާ މަރިން ސިލިޗް އަތުން މޮޅުވެއްޖެނަމަ ފެޑެރާގެ 20 ގްރޭންޑް ސްލޭމް ތަށި ހަމަވާނެ އެވެ. އަދި އޮސްޓްރޭލިއަން އޯޕަން ހަ ފަހަރު ހޯދައިގެން ރެކޯޑް ހަދާފައިވާ ޖޮކޮވިޗާއި ރޯއީ އެމަސަންއާ ހަމަކުރެވޭނެ އެވެ.

"ފެޑެރާގެ ހުރިހާ ވެސް ސިއްރަކީ ކާމިޔާބީ ހޯދުމަށް އޭނާ އެ ކުރާ ހިތްވަރު. ވަރަށް ގިނަ ކުޅުންތެރިން އަނިޔާގެ ސަބަބުން ވަރަށް ބޮޑަށް ކޮންފިޑެންސް ދަށްވޭ. ހާއްސަކޮށް އިންޑިވިޖުއަލް ކުޅިވަރުތަކުގައި. އެކަމަކު ފެޑެރޭ އުމުރުން 36 އަހަރުގައި ވެސް ބަދަލެއް ނާދޭ. އެ ފެންނަނީ ތަފާތުކޮށް،" ލޮއިޑް ބުންޏެވެ.

ފެޑެރާ ބުނީ އޭނާ އަކީ އަބަދުވެސް ކާމިޔާބީގެ އަޒުމުގައި ހުންނަ މީހެއް ކަަމަށެވެ.

"އަހަންނަކީ އަބަދުވެސް ކާމިޔާބީގެ އަޒުމުގައި ހުންނަ މީހެއް. ފިޓްކޮށް ހުއްޓަސް އަނިޔާގައި ހުއްޓަސް އަހަރެންގެ ފޯކަސް ބަދަލެއް ނުވާނެ. އެއީ ކެރިއަރު ނިމެންދެން ވެސް އަހަރެންގެ އަޒުމަކީ،" ސެމީ ފައިނަލަށް ފަހު ފެޑެރާ ބުންޏެވެ.

އޭނާ ބުނީ ޓެނިސް ސީޒަން ފަށާއިރު ގްރޭންޑް ސްލޭމަކާ އެކު ފެށުމަކީ މުޅި އަހަރަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ.