14 ޖުލައި 2016 - 05:43

ޑޭވިޑް ބެކަމް އާއި އަންހެނުން ވިކްޓޯރިއާގެ ދޮށީ ދަރިފުޅު ބްރުކްލިން ބެކަމް ވެސް އޭނާގެ މައިންބަފައިންނާ އެއްވަރަށް މަޝްހޫރެވެ. އުމުރުން 17 އަހަރުގެ ބްރުކްލިންގެ ހުނަރުވެރިކަމާ އެކު ޒުވާނުންގެ ތާއީދު ހޯދައިފި އެވެ.

ބްރުކްލިން އާސަނަލްގެ ޒުވާން ފުޓްބޯޅަ ޓީމަށް ކުޅެފައިވެ އެވެ. އޭނާ ވަނީ އެކްޓުކޮށް ބޮޑެތި ފެޝަން ބްރޭންޑްތަކަށް މޮޑެލް ކޮށްފަ އެވެ. ކެމެރާ ކުރިމަތީގައި އޭނާ މަސައްކަތް ކުރުމުގެ އިތުރުން ކެމެރާ ފަހަތުގައި ފޮޓޯގްރަފަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފި އެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ފެޝަން ބްރޭންޑް ބާބަރީގެ އެންމެ ފަހުގެ ސެންޓު ބާބަރީ ބްރިޓްގެ ކެމްޕޭނަށް ފޮޓޯ ނެގީ ބްރުކްލިން އެވެ. ބާބަރީގެ ބްރިޓް ސެންޓުގެ ފޮޓޯތަކުގައި ފެންނަނީ ބްރުކްލިން ފަދަ ޒުވާނުން ވަރަށް ހިތްގައިމު ސިމްޕަލް އެކަމަކު ޒަމާނީ ގޮތަކަށެވެ.
މިއަހަރު ފެބްރުއަރީ މަހު ބާބަރީގެ އިންސްޓަގްރާމް އެކައުންޓުގައި ބްރުކްލިން އެ ބްރޭންޑުގެ ފޮޓޯތައް ނަގާނެ ވާހަކަ އިއުލާންކުރި އެވެ. ބްރުކްލިން ފޮޓޯ ނަގަމުންދާތަން ބާބަރީގެ ސްނެޕްޗެޓުގައި ދައްކާލި އެވެ.
"ބްރުކްލިން ފޮޓޯ ނަގަން ވަރަށް މޮޅު. އަދި އޭނާގެ މަސައްކަތް ވަރަށް ރަނގަޅަށް އިންސްޓަގްރާމްގައި ދައްކާލެވޭނެ. އޭނާ ބާބަރީއަށް ނަގައިފިން ފޮޓޯތައް ވަރަށް ރީތި. އޭނާގެ ސްޓައިލާއި މިޒާޖަކީ ބާބަރީ ބްރިޓްގެވެސް އަސްލު ރޫހު،" ބާބަރީގެ ކްރިއޭޓިވް ޑިރެކްޓާ ކްރިސްޓޮފާ ބޭލީ ބުންޏެވެ.