ބަދަލުހިފުމުގެ ގޮތުން ކަރްނީ ސޭނާއިން ބާންސާލީގެ މަންމަގެ ފިލްމެއް އުފައްދަނީ
ބަދަލުހިފުމުގެ ގޮތުން ކަރްނީ ސޭނާއިން ބާންސާލީގެ މަންމަގެ ފިލްމެއް އުފައްދަނީ

ކަރްނީ ސޭނާ އިން ކުރަމުންދިޔަ ހަޅުތާލުތަކާ އެކު ވެސް ސަންޖޭ ލީލާ ބާންސާލީ ވަނީ "ޕަދްމާވަތީ" ރިލީޒްކޮށްފަ އެވެ. އެހެންވެ ބާންސާލީ ކިބައިން ބަދަލުހިފުމުގެ ގޮތުން އޭނާގެ މަންމައާ ގުޅޭ ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ބުރާސްފަތި ދުވަހު އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. އަދި ފިލްމަށް ކިޔާ ނަމަކީ "ލީލާ ކީ ލީލާ" ކަމަށް ވެސް އެމީހުން ވަނީ އިއުލާންކޮށްފަ އެވެ.

ކަރްނީ ސޭނާ އަކީ ޕަދްމާވަތަކީ ހިންދީންގެ ރާނީއެއްގެ އަގު ވައްޓާލާފައިވާ ފިލްމެއް ކަމަށް ބުނެ އެ ފިލްމާ އެންމެ ބޮޑަށް ދެކޮޅު ހަދާ ޖަމާއަތެވެ.

ޗިއްތޯރްގަރްގައި ބޭއްވި ޕްރެސް ކޮންފްރެންސެއްގައި ކަރްނީ ސޭނާގެ ޑިސްޓްރިކްޓް ޕްރެޒިޑެންޓް ގޯވިންދް ސިންގް ބުނީ ފިލްމު ޑައިރެކްޓްކުރާނީ އަރްވިންދް ވިޔާސް ކަމަށާއި ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ފަނަރަ ދުވަސް ތެރޭގައި ފިލްމުގެ މުހޫރަތު (ފެށުމުގެ ރަސްމިއްޔާތު) ބާއްވާނަން. އަހަރެއްހާ ދުވަހުގެ ތެރޭގައި ފިލްމު ރިލީޒްކުރަން ގަސްތުކޮށްފައިވަނީ،" އޭނާ ބުންޏެވެ.

ކަރްނީ ސޭނާ ލީޑަރު ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ބާއްވާނީ ރާޖަސްތާނުގެ އެކި ހިސާބުތަކުގަ އެވެ.

"ބާންސާލީ ވަނީ އަހަރެމެންގެ މަންމަ ޕަދްމާވަތީ އަށް އިހާނެތިކޮށް ހިތާފައި. ނަމަވެސް އަހަރެމެން އުފައްދާ ފިލްމަކީ އޭނާ ފަޚުރުވެރިވާ ފަދަ ފިލްމަކަށް ހަދާނެކަމުގެ ޔަގީންކަން އަހަރެމެން އޭނާއަށް ދެން،" ކަރްނީ ސޭނާ ޗީފް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑިއާ އަކީ ޚިޔާލު ފާޅުކުރުމުގެ މިިނިވަންކަން ފުރިހަމައަށް ލިބިފައިވާ ގައުމެކެވެ. އެހެންކަމުން އެ ހައްގުގެ ބޭނުން އެންމެ ފުރިހަމަައަށް އެމީހުން ހިފާނެ އެވެ.