މޮރީނިއޯގެ ތައުރީފް ސަންޗޭޒަށް
މޮރީނިއޯގެ ތައުރީފް ސަންޗޭޒަށް

މެންޗެސްޓާ (ޖެނުއަރީ 27) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޔޯވިލް ޓައުން އަތުން މެންޗެސްޓާ ޔުނައިޓެޑު 4-0 އިން މޮޅުވި މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުނު އަލެކްސިސް ސަންޗޭޒަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ތައުރީފްކޮށްފި އެވެ.

ސަންޗޭޒް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މާކަސް ރެޝްފޯޑާއި އެންޑަ ހެރޭރާ އާއި ޖެސޭ ލިންގާޑްގެ އިތުރުން ރޮމެލޫ ލުކާކޫ އެވެ. މި މެޗުގެ ފުރަތަމަ ދެ ލަނޑުގައި ސަންޗޭޒްގެ ދައުރު ފާހަގަކުރެވެ އެވެ.

"ސަންޗޭޒް ތަފާތު ދައްކާނެކަން ކުރިން ވެސް އެނގޭ. ޔުނައިޓެޑް ކުޅުންތެރިންނާއި އަހަރެންގެ ފުރިހަމަ އިތުބާރު އޭނާ އަށް އެބައޮތް. މޮޅެތި ކުޅުންތެރިން ބޭނުންވާނީ ވެސް މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމެއްގައި ކުޅެން. މިހާރު ސުވާލަކީ ސަންޗޭޒް އައުމުން ފުރުސަތު ގެއްލޭނީ ކޮން މޮޅު ކުޅުންތެރިޔަކަށްތޯ،" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗަކީ މޮރީނިއޯ ޔުނައިޓެޑަށް އިރުޝާދުދިން 100 ވަނަ މެޗެވެ. މޮރީނިއޯ ބުނީ ސަންޗޭޒް އައުމުން އޭނާގެ ޓީމުގެ އެޓޭކް ފުރިހަމަވީ ކަމަށެވެ.

"ޔުނައިޓެޑްގެ އެޓޭކުގައި މަދުވެގެން އުޅުނު ބައި ސަންޗޭޒް ފުރިހަމަ ކޮށްދީފި. މި މެޗުގައި ރެޝްފޯޑް އެ ޖެހި ގޯލަކީ ހަގީގަތުގައި ސަންޗޭޒްގެ ފަރާތުން އައި ތަފާތެއް. މިއީ އަހަރެން ކުރިއަށް އޮތްތަނުގައި ބޭނުންވާ ފެންވަރަށް މި ޓީމު ކުޅޭނެ ކަމަށް އަހަންނަށް ލިބުނު ހިތްވަރެއް،" އޭނާ ބުންޏެވެ.

ރޭގެ މެޗުގައި ސަންޗޭޒްގެ އިތުރުން ޔުނައިޓެޑުގެ ކެޕްޓަން މައިކަލް ކެރިކް ވެސް ވަނީ ކުޅެފަ އެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރު ހުރުމަށް ފަހު އެނބުރި އައިސް ކެރިކް ކުޅުނު ފުރަތަމަ މެޗެވެ. މި ސީޒަނަށް ފަހު ކެރިކް ފުޓްބޯޅަ ކުޅުން ހުއްޓާލާނެ އެވެ. އެ އަށް ފަހު އޭނާ ގުޅޭނީ ޔުނައިޓެޑުގެ ކޯޗިން ޓީމާ އެވެ.