27 ޖެނުއަރީ 2018 - 11:57

މިިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަލުން ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާގެ ދައްތާފުޅު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަހު، ހަ މަސް ފަހުން އޭނާ މިނިވަންކުރީ ތިން ޝަރުތަކާ އެކު އެވެ. އެއީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ އަމަލެއް ނުކުރުމާއި މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ.
ނަމަވެސް ފާރިސް ދޫކޮށްލިތާ ތިން ވަނަ ދުވަހު، އޭނާ އަލުން ހައްޔަރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. އެއީ އަނިޔާއެއް ކަމަށް ވެސް ޔުމްނާ ފާހަގަކުރެއްވި އެވެ.
ފާރިސް ދޫކޮށްލަން ކޯޓުން ކުރި އަމުރު، ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ފާރިސް ދޫކޮށްލަން ނިންމެވީ އެ މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ބަންދުގައި ހޭދަކޮށްފައިވުމާއި މިހާތަނަށް އައިއިރު އެ މައްސަލައަށް އަސަރު ފޯރާނެ ފަދަ ކަމެއް ހިނގާފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމެވުމުގައި، އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި އެކަމުގައި ވަށައިގެންވާ ކަންކަމަށް ވެސް ރިއާޔަތް ކުރައްވާފައިވާ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ.