އެމްޕީއެލްގެ ލޭބާ ކުއާޓަރު ހުރި ތަނުގައި ބޮޑު އިމާރާތެއް އަޅަނީ
އެމްޕީއެލްގެ ލޭބާ ކުއާޓަރު ހުރި ތަނުގައި ބޮޑު އިމާރާތެއް އަޅަނީ

އެމްޕީއެލްގެ ލޭބާ ކުއާޓަރު ހުރި ތަނުގައި ބޮޑު އިމާރާތެއް އަޅަން އެތަން ހުސްކުރަން އަންގައިފި އެވެ.

އަމީނީމަގުގައި ހުންނަ ލޭބާ ކުއާޓަރުގައި ދިރިއުޅޭ އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައި ވަނީ އެތަން އަންނަ ހޮނިހިރު ދުވަހުގެ ކުރިން ހުސްކުރަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުސްނުކުރާ ނަމަ އެތަނުގައި އުޅޭ މީހުން ނެރެ ރޫމްތައް ހުސްކުރާނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު "މިހާރު" އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ގާތްގަނޑަކަށް 10،000 އަކަފުޓޫގެ ބިިން ހުސްކުރަނީ ބޮޑު އިމާރާތެއް އަޅަން ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެތަން ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން. ބޮޑަށް މިބަލަނީ އޮފީސް އަދި އެކޮމޮޑޭޝަން ހިމެނޭ ގޮތަށް ބޮޑު ބިލްޑިންއެއް އަޅަން،" އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އެމްޕީއެލް އަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް ހުރި ތަންތަން އަޅާނުލައި ދޫކޮށްލާފައި އެބަހުރި ކަމަށެވެ. އަދި އެތަންތަނުން ކުންފުންޏަށް ލިބެން އޮތް އެންމެ ބޮޑު ފައިދާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.