28 ޖެނުއަރީ 2018 - 06:12

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" ރިލިޒްކުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައް ހިންގަމުން ދަނިކޮށް އެ ފިލްމު ރިލީޒްކޮށް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދަން ފަށައިފި އެވެ.

"ޕަދްމާވަތު" ފުރަތަމަ އެޅުވީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ. އެއީ ހަމައެކަނި ފާޑުކިޔުންތެރިންނާއި ނޫސްވެރިންނަށް ދެއްކި ޝޯއެކެވެ. މި ޝޯއިން ފަސް ކްރޯޑު ރުޕީސް ފިލްމު ހޯދިއިރު އާންމުންނަށް ހުޅުވާލައިގެން ޝޯތައް ދައްކަން ފެށި ފުރަަތަމަ ދުވަސް ކަމަށްވާ ޖެނުއަރީ 25 ގައި މި ފިލްމަށް ވަނީ 19 ކްރޯޑު ރުޕީސް ލިބިފަ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް މިފަހަރު ދިމާވީ ހުކުރު ދުވަހަކާ ކަމަށް ވެފައި އެ ދުވަހު ފިލްމު ބަލަން ވަން މީހުންގެ އަދަދު އާދަޔާޚިލާފަށް ވަނީ ގިނަވެފަ އެވެ. ބޮކްސް އޮފީހުގެ އަންދާޒާ ރިޕޯޓުތައް ބުނާ ގޮތުން ހުކުރު ދުވަހު މި ފިލްމަށް 32 ކްރޯޑު ލިބިފައިވެ އެވެ. މިހާރު ޖުމްލަ މި ފިލްމަށް 56 ކްރޯޑު ރުޕީސް ވަނީ ލިބިފަ އެވެ.
ޓްރޭޑް އެނަލިސްޓުން ބުނާ ގޮތުގައި ރައްކާތެރި މާހައުލެއްގައި "ޕަދްމާވަތު" ރިލީޒްކުރެވުނު ނަަމަ ދެ ދުވަހުގެ ތެރޭގައި ފިލްމަށް 70 ކްރޯޑު ލިބުނީހެވެ. ނަމަވެސް ބިރުދެއްކުންތަކާ އެކު ވެސް ހީނުކުރާ ވަރަށް ފިލްމު ބަލަން މީހުން ވަންނަމުންދާކަން ނޫސްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
މިހާރު ފެންނަމުންދާ ނަތީޖާތަކަށް ބަލާއިރު "ޕަދްމާވަތީ" ވެފައިވަނީ ފިލްމުގައި އެންމެ މުހިއްމު ދެ ރޯލު އަދާކުރި ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފެށުމެއް ލިބުނު ފިލްމަށެވެ. މި ދެ އެކްޓަރުން އެކުގައި ކުރިން ކުޅުނު "ގޯލިޔޯންކާ ރާސް ލީލާ - ރާމް ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އަށް ވުރެ ވިޔަފާރީގެ ގޮތުން "ޕަދްމާވަތު" އުޅެނީ މާ ކުރީގަ އެވެ.
"ޕަދްމާވަތު" އަކީ ޝާހިދު ކަޕޫރާއި ރަންވީރު ސިންގްގެ ވެސް އެންމެ ކާމިޔާބު ފިލްމެވެ. ފިލްމު އިންޑަސްޓްރީގައި 15 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ޝާހިދު މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކަށް 100 ކްރޯޑު ލިބިފައެއް ނެތެވެ. ޝާހިދުގެ ފިލްމަކަށް މިހާތަނަށް 60 ކްރޯޑަށް ވުރެ ގިނައިން ލިބިފައެއް ނެތެވެ.
ރަންވީރުގެ ފިލްމަކަށް ވެސް މިހާތަނަށް 100 ކްރޯޑު ހޯދިފައެއް ނެތެވެ. މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ރަންވީރުގެ ފިލްމަކީ "ގުންޑޭ" އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 16.1 ކްރޯޑު ރުޕީސް އެވެ.
ނަމަވެސް "ޕަދްމާވަތު"ގެ ވިޔަފާރި މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު މިއީ 100 ކްރޯޑު ހޯދާ ރަންވީރު އާއި ޝާހިދުގެ ފުރަތަަމަ ފިލްމަށް ވާނެ ކަން ވަނީ ޔަގީންވެފަ އެވެ.
ނަމަވެސް "ޕަދްމާވަތު" އަކީ ދީޕިކާގެ އެންމެ ކާމިޔާބު ފިލްމެއް ނޫނެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމަކީ "ހެޕީ ނިއު އިޔާ" އެވެ. ޝާހްރުކް ޚާނާއެކު ދީޕިކާ ކުޅުނު މި ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް 44 ކްރޯޑު ރުޕީސް އަށް ވުރެ ގިނައިން ލިބިފައިވެ އެވެ.
"ޕަދްމާވަތު"ގެ މަސައްކަތް ފެށީއްސުރެ އެ ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އުޅެފައިވަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ނަމަވެސް ކްރިޓިކްސް އާއި ބެލުންތެރިން ފިލްމަށް ދެމުންދާ ހިފެހެއްޓުމެއް ނެތް ތަރުހީބުން ބާންސާލީ އަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭނެކަން ޔަގީނެވެ.