26 ޖެނުއަރީ 2018 - 18:16

ފްލޮރިޑާ (ޖެނުއަރީ 26) - އެމެރިކާގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާގައި މިހާތަނަށް 30 ކުޑަ ކުދިން މަރުވެއްޖެ އެވެ.
އެންމެ ފަހުން މަރުވެފައި ވަނީ ފްލޮރިޑާގެ 12 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާ އިން ބުނީ ސިއްހަތު ރަނގަޅުކޮށް ހުރި ކުއްޖާ އަށް ހުން ޖެހުނީ ހޯމަ ދުވަހު ކަމަށާއި މަރުވީ އަންގާރަ ދުވަހު ކަމަށެވެ. އަދި ކުއްޖާގެ ކުއްލި މަރާ ގުޅިގެން އާއިލާ އަށް ޝޮކެއް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހުމުގައި މަރުވި މީހުންގެ ތެރޭގައި މެރަތަން ދުވާ 40 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.
އެމެރިކާގައި ހުމުގެ ރޯގާގައި އަހަރަކު 12،000 އާއި 56،000 އާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވެސް މީހުން މަރުވާ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ހުމުގެ ނުރައްކާ ބޮޑީ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަޖްރިބާކާރުން ބުނީ މި އަހަރު އެ ގައުމުގައި ފެތުރެމުންދަނީ އެންމެ ބޮޑަށް ރައްކާތެރިވެވޭނެ ފްލޫ ވައިރަސް ކަމަށްވާ އެޗް3އެން2 އެވެ.
އެމެރިކާގައި ފެތުރޭ އިންފްލުއެންޒާއާ ގުޅިގެން 12 ސްޓޭޓެއްގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. ބަލި މީހުން ގިނަވެގެން ބައެއް ހޮސްޕިޓަލްތަކުގައި ވަނީ ޓެންޓްތައް ވެސް ޖަހައިފަ އެވެ. ޑޮކްޓަރުން ބުނެފައި ވަނީ އިންފްލުއެންޒާ އިން ރައްކާތެރިވެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ފްލޫ ވެކްސިން ޖެހުން ކަމަށެވެ.