26 ޖެނުއަރީ 2018 - 16:50

ސައޮ ޕޯލޯ (ޖެނުއަރީ 26) - ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ޕާސްޕޯޓް ހިފަހައްޓާ އޭނާ ގައުމުން ބޭރަށް ވަޑައިގަތުން ކޯޓުން މަނާކޮށްފި އެވެ.
ލޫލާގެ ކޮރަޕްޝަނުގެ މައްސަލައެއް މިހާރު ދަނީ ބަލަމުންނެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަނުގެ އެހެން މައްސަލައެއްގެ ހުކުމް އިސްތިއުނާފް ކޯޓަކުން ބުދަ ދުވަހު ވަނީ ދަމަހައްޓައިފަ އެވެ. ލޫލާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ހަގީގަތެއް ނެތް ކަމަށާއި އޭނާ ސިޔާސީ ޝިކާރައަކަށް ހަދައިފި ކަމަށެވެ.
ލޫލާގެ މައްޗަށް މިހާރު ތުހުމަތުކޮށް ތަހުގީގު ކުރަމުންދަނީ ބްރެޒިލްގެ ވައިގެ ސިފައިންނަށް ޖެޓްތަކެއް ގަތް މައްސަލައިގަ އެވެ. އެމެރިކާގެ ބޯއިން ކުންފުނިން ވެސް ވާދަކުރި ބިޑެއްގައި ސްވިޑަންގެ ސާބް ކުންފުންޏަށް 4.5 ބިލިއަން ޑޮލަރަށް 36 ފައިޓާ ޖެޓުގެ ކޮންޓްރެކްޓް ދީފައި ވަނީ ލޫލާ ބާރު އަޅައިގެން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އިސްތިއުނާފް ކޯޓުން ހުކުމް ދެމެހެއްޓި ނަމަވެސް ވޯކާސް ޕާޓީން ވަނީ އޮކްޓޯބަރު މަހު އޮންނަަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކީ ލޫލާ ކަމަށް އިއްޔެ އިއުލާންކޮށްފަ އެވެ.
ލޫލާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ކޮރަޕްޝަނުގެ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ކުންފުންޏަކުން ދިން މޫދާވާ ގޮތަށް ހުންނަ އެޕާޓްމަންޓެއް ގަބޫލް ކުރުމުންނެވެ. މި މައްސަލާގައި ދަށު ކޯޓުން އިއްވާފައިވާ ނުވަ އަހަރާއި ބައިގެ ޖަލު ހުކުމް އިސްތިއުފާން ކޯޓުން ވަނީ 12 އަހަރަށް ބަދަލުކޮށްފަ އެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުގައި މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ 2003 -2011 އަށް ބްރެޒިލްގައި ރައީސްކަން ކުރެއްވި 71 އަހަރުގެ ލޫލާ އެވެ. އެކަމަކު ބްރެޒިލްގެ ގާނޫނުތައް ބުނާ ގޮތުން ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކަށް ރައީސް ކަމަށް ވާދައެއް ނުކުރެވޭނެ އެވެ. ނަމަވެސް ލޫލާގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި ނަމަ އޭނާ އަށް އިންތިޚާބުގައި ވާދަކުރެވޭނެ އެވެ.