26 ޖެނުއަރީ 2018 - 15:14

ރާއްޖޭގައި މުގުރާނުލެވި އެންމެ ގިނަ ދުވަހު އޮތް އެތުލެޓިކްސްގެ ރެކޯޑް ކަމަށްވާ ފިރިހެނުންގެ މެރެތަން ރެކޯޑް ޝިފާޒް މުހައްމަދު މުގުރާލިތާ ހަތަރު މަސް ފަހުން އޭނާ އެ ރެކޯޑް މިއަދު އާކޮށްފި އެވެ.

ޝިފާޒުގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ހެދި ރެކޯޑް އޭނާ އާކުރީ ދުބާއީ މެރެތަންގައި މިއަދު 2 ގަޑި 39:40 މިނެޓުން ދުވެގެންނެވެ.
ޝިފާޒާ އެކު ދުވި މުހައްމަދު ރަޝީދު (މޯޑް) ވަނީ، ޝިފާޒް މިދިޔަ އަހަރު އާކުރި ގައުމީ ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ރޭސް ނިންމައިފަ އެވެ. އޭނާ ރޭސް ފުރިހަމަކުރީ 2 ގަޑި 40:28 މިނެޓުންނެވެ. އެއީ ޝިފާޒުގެ ކުރީގެ ރެކޯޑަށް ވުރެ 19 ސިކުންތުގެ އަވަސްވުމެކެވެ. އުމުރުން 26 އަހަރުގެ މި ދުވުންތެރިޔާ މި ހޯދީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭނާ އަކީ ކުރިމަގުގައި ދިގު ރާސްތާ ދުވުންތަކުގައި ރާއްޖޭގައި އެންމެ ކާމިޔާބު ދުވުންތެރިޔާ އަށް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި މެރެތަންގެ ރެކޯޑަށް 27 އަހަރަށް ފަހު މުގުރާލީ މިދިޔަ އަހަރު މާޗް މަހު މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރެތަންގައި 2 ގަޑި 42:28 މިނެޓުން ދުވެގެން އަހުމަދު ޝަރަފެވެ.
އެހެންކަމުން 27 އަހަރުގެ ތެރޭގައި ނުހޯދުނުހާ ބޮޑު ކުރިއެރުމެއް އަހަރެއްހާ ދުވަސް ތެރޭ ދިވެހި ދުވުންތެރިން ތިން ފަހަރު މި ވަނީ ހޯދައިފަ އެވެ.
ސިފައިންގޭގައި ވަޒީފާ އަދާކުރާ ޝިފާޒާއި މޯޑު މި ފަހަރު ބޮޑު ކުރިއެރުމެއް ހޯދީ، ސިފައިންގޭގެ އިތުރު ދެ ދުވުންތެރިން ކަމަށްވާ އަހުމަދު ރިޒާ އާއި ނަސްރުﷲ އަހުމަދާ އެކު ހެދި ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ.
ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކަށް ފަހު ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ. އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ގުރުބާންކުރުމަށް ފަހު އެ ދުވުންތެރިން ކުރި މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފް އޮހުނެވެ.
އެ ޓީމު އިސް ދުވުންތެރިޔާ ނަސްރު ވެސް ވަނީ މިއަދުގެ ދުބާއީ މެރެތަންގައި ދުވެ ބޮޑު ކުރިއެރުމަކާ އެކު 3 ގަޑި 15 މިނެޓުން ދުވެފަ އެވެ.
މިއަދުގެ މެރެތަންގައި ރާއްޖޭގެ އަންހެނުންގެ މެރެތަން ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) ވަނީ މުގުރާލައިފަ އެވެ.
މެރެތަން ރެކޯޑާ އެކު ޝިފާޒުގެ އަތުގައި ގައުމީ ތިން ރެކޯޑް އެބައޮތެވެ. ފަސް ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަންގެ ރެކޯޑް (1 ގަޑި 14 މިނިޓް 48 ސިކުންތު) ވެސް އޮތީ އޭނާގެ އަތުގަ އެވެ. އޭނާ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ހެދީ މިދިޔަ ނޮވެމްބަރު މަހު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 16:15 މިނެޓުން ދުވެގެންނެވެ. އެ ރެކޯޑް ކުރިން އޮތީ 2016 ވަނަ އަހަރުގެ އެ ރޭހުގައި 16:31 މިނެޓުން ދުވި ހުސެއިން ފަޒީލް ހާރޫނުގެ އަތުގަ އެވެ.
ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.