މެރެތަން ރެކޯޑް މުގުރާލައި މަރީ އެހެން ހަރުފަތަކަށް!
މެރެތަން ރެކޯޑް މުގުރާލައި މަރީ އެހެން ހަރުފަތަކަށް!

ދުބާއީ މެރެތަންގައި މިއަދު 10 އަހަރުވީ ރާއްޖޭގެ އަންހެނުންގެ މެރެތަން ރެކޯޑް މުގުރާލައި މަރިޔަމް އަބްދުލްކަރީމް (މަރީ) އެތުލެޓިކްސްގައި ރޯޑް ރޭސްތަކަށް ހާއްސަ ފަސް އިވެންޓުގެ ގައުމީ ރެކޯޑުގެ ހައްގުވެރިކަން ހޯދައި ދިވެހި ކުޅިވަރުގެ މުޅިން އާ ހަރުފަތަކަށް އަރައިފި އެވެ.

މިއަދުގެ ރެކޯޑާ އެކު އޭނާގެ އަތުގައި، ރޯޑް ރޭސްތަކުގައި މިންކުރާ ފަސް ރެކޯޑް ހަމަވީ އެވެ. އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) އެވެ.

ކަސްރަތު އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރަމުން ހުސް ވަގުތު ދުވާ މަރީ ދުވުމުގެ ތެރެއަށް ވަންތާ ތިން އަހަރުވީ އިރު އޭނާ މިވަނީ ދިވެހި އެހެން ދުވުންތެރިޔަކަށް ނުހޯދޭ ވަރުގެ ކާމިޔާބެއް ހޯދައިފަ އެވެ. އުމުރުން 41 އަހަރުގެ މަރީގެ ކޯޗުން ފާހަގަކުރާ ގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ، އެންމެ ހިދުކޮޅަކަށް ވެސް ދޫނުދީ ކުރާ ވަރުގަދަ ހިތްވަރެވެ.

ހުޅުމާލޭގައި 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެމްޓީސީ މެރެތަންގައި ޒުލޭހާ އަލީ 3 ގަޑި 48 މިނެޓުން ހަދާފައިވާ ރެކޯޑް މަރީ މިއަދު މުގުރާލީ 3 ގަޑި 34 މިނެޓުންނެވެ.

މަރީ ފަސް ކިލޯމީޓަރުގެ ރެކޯޑް ގާއިމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 20:47 މިނެޓުން ދުވެގެންނެވެ. ކުރިން ރެކޯޑް އޮތީ މަޝްހޫރު ދުވުންތެރިއާ ސަމްހާ އަހުމަދުގެ އަތުގަ އެވެ.

ރާއްޖޭގެ އަންހެނުންގެ 10 ކިލޯމީޓަރު، 20 ކިލޯމީޓަރު އަދި ހާފް މެރެތަން ދުވުމުގެ ރެކޯޑް މަރީ ހެދީ މިދިޔަ އަހަރު އޮސްޓްރޭލިއާގައި އޮތް ގޯލްޑްކޯސްޓް އެއާޕޯޓް މެރެތަންގަ އެވެ. އޭނާ 2016 ވަނަ އަހަރު ދިރާގު ރޯޑް ރޭހުގައި 44:18 މިނެޓުން ދުވެގެން ހެދި ފަސް ކިލޯމީޓަރުގެ ރެކޯޑް އާކުރީ ގޯލްޑްކޯސްޓް މެރެތަންގެ ހާފް މެރެތަން ރޭހުގައި 10 ކިލޯމީޓަރުގެ ރާސްތާ 44:07 މިނެޓުން ކަޑައްތުކޮށްގެންނެވެ.

ހަމަ އެ އިވެންޓުގައި އޭނާ ހާފް މެރެތަން ރެކޯޑް ހެދީ 1 ގަޑި 34 މިނެޓުންނެވެ. ކުރިން އެ ރެކޯޑް އޮތީ 1 ގަޑި 42 މިނެޓުން ދުވެފައިވާ ސަމްހާ އަތުގަ އެވެ.

ވިހި ކިލޯމީޓަރަކީ، އެހާ އާއްމު ނޫން އިވެންޓެއް ނަމަވެސް އެއީ ވެސް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން ބަލާ އަދި ރާއްޖޭގައި ވެސް މިހާރު ރަސްމީކޮށް ޓައިމިން ރެކޯޑްކުރެވޭ އިވެންޓެކެވެ.

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ ރަނާސް މޯލްޑިވްސްގެ ތެރެއިން ދުވުމުގެ ތެރެއަށް ނުކުތް މަރީ އަކީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ފުލް ޓައިމް ކަސްރަތު އިންސްޓްރަކްޓެކެވެ. އެކަމަކު އޭނާ ވަނީ 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

މަރީ ވަނީ 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ. އެ މުބާރާތުގައި 5000 މީޓަރު ދުވުން 21 މިނެޓު 52 ސިކުންތުން މަރީ ނިންމި އިރު އެއީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އަންހެން ދުވުންތެރިޔަކު އެ އިވެންޓް ނިންމި އެންމެ އަވަސް ވަގުތެވެ.

އޭނާ މިހާރު ތަމްރީން ވަމުން އަންނަނީ ރާއްޖޭގެ މެރެތަން ރެކޯޑް ހަދާފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ ކޭއެޗް ސްޕޯޓްސް އެކަޑަމީންނެވެ.