26 ޖެނުއަރީ 2018 - 01:05

ރާއްޖޭގެ މުޅި ސިޔާސީ ނިޒާމު ގަޑުބަޑު ކުރުމަށް ފަހު، ރައީސް އަބްދުﷲ ޔާމީން ރާއްޖެ ލޫޓުވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މޭ 1، 2015 ގައި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ މޭސްތިރި، އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުގައި ހުންނަވާތާ 1،000 ދުވަސް ފުރުން ފާހަގަ ކުރުމަށް އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އިއްވި ނަޝީދުގެ ބަޔާނުގައި ވިދާޅުވީ، ރައްޔިތުން މިހާރު ކަމަރު ބަނދެގެން ތިބީ މި ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް، ރައީސް ޔާމީން ބަލި ކުރަން ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް މި ސަރުކާރުން ނިގުޅައި ގަނެ، ރައްޔިތުންގެ އަސާސީ ހައްގުތައް މުށުތެރެއަށް ލައި، މިނިވަން މުއައްސަސާތައް ސިޔާސަކޮށް، ރައްޔިތުންގެ މަޖިލިސް ވެސް ހިސޯރު ކޮށްފައިވާ ކަމަށެވެ.

އެހެންވެ މި ސަރުކާރު ނިމުމަކަށް ކޮންމެހެން ވެސް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ބޮޑު ބައްޔަކުން ބަލި ކުރާނަން. މި އިންތިޚާބަކީ ވަކިން މުހިއްމު އިންތިޚާބެއް ކަމަށް އަޅުގަނޑުމެން ދެކެން،" މި އަހަރުގެ ރިޔާސީ އިންތިޚާބަހަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
"މިއީ ވަކި މީހެއްގެ އިންތިޚާބެއް ވެސް ނޫން. މި އަހަރުގެ ވޯޓަކީ ދުސްތޫރީ ވޯޓަކުން ދިފާއު ކުރުމަށް އެޅޭ ފިޔަވަޅެއް."
ނަޝީދު މިރޭ ވެސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ނުކުންނާނީ އެއް ކެންޑިޑޭޓަކާ އެކު ކަމަށެވެ.
"މި އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓް. މި އިންތިޚާބުގައި އެ ކެންޑިޑޭޓް ރައީސް ޔާމީން ބަލި ކުރާނެ،" މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭ އެއް ކެންޑިޑޭޓަކަށް ވުމަށް މަސައްކަތްޕުޅު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ސިފަ ކުރެއްވި ގޮތުގައި ދައުލަތް މިހާރު އޮތީ "ހޮޅިކޮށްފަ" އެވެ. ދައުލަތުގެ ގާނޫނީ ބާރުވެރިކަން ވަނީ ބީވެގެން ގޮސްފައިވާ ކަމަށާއި އެ ބާރުވެރިކަން "އަޑީ ދައުލަތަކަށް" ދަނީ ފުރޮޅެމުން ކަމަށް ވިދާޅުވި އެވެ.
"ބިރުވެރިކަމާއި އަނިޔާވެރިކަން އިންތިހާއަށް ގޮސްފި. ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެދިފައިވާ މި ވަގުތަކީ އިންސާނިއްޔަތުކަން އަނބުރާ މި ގައުމަށް ގެންނަންވީ އެންމެ މުހިއްމު ވަގުތު،" މިހާރު ސްރީ ލަންކާގައި ހުންނެވި ނަޝީދުގެ ބަޔާނުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ބިކަ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަކަށް ނުދެވޭނެ ކަމަށެވެ.
"ޝޭހް އިމްރާނާއި ފާރިސް މައުމޫނާއި މޭ ޑޭގައި ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީންގެ ދިފާއުގައި ކެނޑިނޭޅި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. މި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ. އެ މަސައްކަތުގައި ދެމިތިބޭނަން،" ނަޝީދު ވިދާޅުވި އެވެ.