13 ޖުލައި 2016 - 11:15

ލަންޑަން (ޖުލައި 13) - ލެސްޓާ ސިޓީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ކުޅެންވީ ބޮޑު ކްލަބަކަށް ކަމަށް ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑާއި ޗެލްސީ އަށް ކުޅުނު މިޑްފީލްޑަރު ކްލައުޑިއޭ މަކަލޭލޭ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ލެސްޓާ އިނގިރޭސި ޕްރިިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ މެދުތެރޭގައި ކާންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ އަށް ވަނީ ފްރާންސް ގައުމީ ޓީމުން ވެސް ފުރުސަތު ދީފަ އެވެ.
ކާންޓޭގެ ކުޅުމާ މަކަލޭލޭގެ ކުޅުމާ އެއްގޮތް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް މަކަލޭލޭ އެ ކަމަށް އެއްބަހެއްނުވެ އެވެ.
"އަހަރެން ބޭނުމެއް ނޫން ކާންޓޭ އާއި އަހަންނާ އަޅާކިޔާކަށް. ކާންޓޭ އަކީ ތަފާތު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދީފި. އަހަރެން ވަރަށް ގަޔާވާ ސްޓައިލެއްގެ ކުޅުންތެރިއެއް ކާންޓޭ އަކީ. އެއީ އޭނާ އަކީ ލަނޑެއް ނުޖެހުނަސް ޓީމަށް ފައިދާ އަށް ކުޅޭ ކުޅުންތެރިއެއް. އެއީ ވަރަށް މަދުން ފެންނާނެ ސްޓައިލެއްގެ ކުޅުންތެރިއެއް،" މަކަލޭލޭ ބުންޏެވެ.
އުމުރުން 25 އަހަރުގެ ކާންޓޭ އަކީ ފްރާންސްގެ ކާއެން އިން އަށް މިލިއަން ޕައުންޑަށް މިދިޔަ ސީޒަނުގައި ލެސްޓާ އިން ގެނައި ކުޅުންތެރިއެކެވެ. ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަނީ އޭނާ ވިއްކަން ބޭނުންނުވާ ކަމަށާއި ނަމަވެސް ކްލަބް ދޫކޮށްލަން އޭނާ އެދެފިނަމަ އެ ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.
މަކަލޭލޭ ބުނީ ކެރިއަރުގައި އިތުރަށް ކުރިއަށްދާން ބޭނުންނަމަ ކާންޓޭ ގުޅެންވީ ބޮޑު ކްލަބަކާ ކަމަށެވެ.
"މި ސީޒަނުގައި ލެސްޓާގައި ހުރެފިނަމަ ކާންޓޭ އަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ. އެއީ ކުރިއެރުމެއް. އެކަމަކު އެބަޖެހޭ އެންމެ މަތީ ފެންވަރުގައި އަބަދު ކުޅެވޭ ކްލަބަކާ ގުޅެން. އެއީ ލެސްޓާ އަށް މި ސީޒަނުގައި ޕްރެޝަރު ބޮޑުވާނެތީ އަހަންނަށް ހިއެއްނުވޭ މިއީ އެ ޓީމަށް ކާމިޔާބު ސީޒަނަކަށް ވާނެހެން. ކާންޓޭ އަށް ކުރިއެރުން އޮތީ ބޮޑު ކްލަބަކަށް ބަދަލުވެގެން،" ފްރާންސް ގައުމީ ޓީމަށް ވެސް ކުޅުނު މަކަލޭލޭ ބުންޏެވެ.
ކާންޓޭ ހޯދުމަށް ޕީއެސްޖީ އާއި ޗެލްސީ އަދި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.