ކުޑަކުދިން މަރާ ކަމުގެ ތުހުމަތަށް މަރާލީ ކުށެއް ނެތް މީހެއް
ކުޑަކުދިން މަރާ ކަމުގެ ތުހުމަތަށް މަރާލީ ކުށެއް ނެތް މީހެއް

ޕާކިސްތާން ފުލުހުން މުދައްސިރު ގަޔަށް ބަޑިޖަހައި މަރާލީ އެވެ. މުދައްސިރު އަކީ ދާދިފަހުން ރޭޕްކޮށް މަރާލި ޕާކިސްތާނުގެ ކުޑަ އަންހެންކުއްޖާ ޒައިނަބް އަންސާރީ އެ އަވަށަކަށް ނިސްބަތްވާ ކަސޫރްގައި ދިރިއުޅުނު މީހެކެވެ. ޒައިނަބްގެ ކުރިން ހަމަ އެގޮތަށް މަރުވި އަންހެންކުދިންތަކުގެ ތެރޭގައި ހިމެނުނު އީމާން ފާތިމާ ކިޔާ ފަސް އަހަރުގެ ކުއްޖަކު މަރާލިކަމުގެ އިލްޒާމް ފުލުހުން އެޅުވީ މުދައްސިރްގެ ބޮލުގަ އެވެ. އޭނާގެ ގަޔަށް ބަޑިޖެހީ ހައްޔަރުކުރަން އުޅުމުން ފިލަން ދުއްވައިގަތީ ކަމަށް ބުނެފަ އެވެ.

ކުޑަކުދިން މަރާ ކަމުގެ ތުހުމަތަށް މަރާލީ ކުށެއް ނެތް މީހެއް
ކުޑަކުދިން މަރާ ކަމުގެ ތުހުމަތަށް މަރާލީ ކުށެއް ނެތް މީހެއް

ނަމަވެސް ދާދިފަހުން "ބީބީސީ ނިއުސްސައިޓް" އިން ތަހުގީގުކުރި މި ހާދިސާއިން މުދައްސިރަކީ މައުސޫމް މީހެއް ކަމާއި އީމާންގެ ގާތިލް އަދިވެސް ނުފެންނަކަން ޔަގީންވި އެވެ.

ސަބަބަކީ ޑީއެންއޭ ޓެސްޓްތަކުން ދައްކާ ގޮތުން އީމާންގެ ގާތިލަކީ އެ އަވަށުގެ ހަމަ އެ މަހުގެ ކުރީކޮޅު މަރާލި އެހެން ކުޑަ އަންހެންކުއްޖެއްގެ ވެސް ގާތިލެވެ. ޒައިނަބުގެ މަރުގެ ތަހުގީގުކުރަމުން ދިޔަ ފުލުހުންނަށް މިހާރު ޔަގީންކުރެވިފައި ވަނީ ހަމަ އެ ސިޓީގައި މީގެ ކުރިން ހަމަލާތަކުގެ ޝިކާރައަކަށްވީ ހަތް އަންހެންކުއްޖެއްގެ ހަށިގަނޑުން ފެނުނު ޑީއެންއޭ އާއި ޒައިނަބްގެ ގާތިލްގެ ޑީއެންއޭ ދިމާވެ އެވެ. މި ހަތް ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު ވަނީ މަރުވެފަ އެވެ. އީމާން އަކީ މަރުވި ކުދިންގެ ތެރެއިން ކުއްޖެކެވެ.

ޒައިނަބުގެ މައްސަލަ ފެންމަތިވުމާ ހަމަޔަށް ވެސް ފުލުހުންނާއި އީމާންގެ އާއިލާއިން ގަބޫލުކޮށްގެން ތިބީ އީމާންގެ ގާތިލަކީ މުދައްސިރް ކަމަށެވެ. އަދި ފުލުހުންނަށް އަތުނުވާން ދުވަނިކޮށް އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާތީ އީމާންގެ މަރުގެ މައްސަލަ ނިމިފައިވާ ކަަމަށް އެންމެން ވެސް ތިބީ ގަބޫލު ކޮށްގެންނެވެ.

އީމާން ފާތިމާ ހުރީ އޭނާގެ ގޭގެ ބޭރު މަގުމަތީގައި އޭނާގެ ދެބެންގެ ދެ ދަރި ކުއްޖެއް ކަމަށްވާ އަދީލް އާ އެކު ކުޅޭށެވެ. އަދީލް އަކީ ވެސް ފަސް އަހަރުގެ ކުޑަ ކުއްޖެކެވެ. ބައްޕަ ކައިރީ އިނދެ ބީބީސީ އަށް އަދީލް ކިޔައިދިން ގޮތުގައި އީމާން ކިޑްނެޕްކުރި މީހާ އޭނާ ފާރުކައިރީގައި ހުންނަން ބުނެފައި އީމާން ޖަހައިގަނެގެން ދިޔައީ އެވެ. އަދި ކައިރީގައި ހުރި ގެއެއްގެ މަތީ ބުރިއަށް އީމާން ގޮވައިގެން ގޮސް ގޯންޏަކަށް ލައިގެން އޭނާ ގޮވައިގެން ދިޔައީ އެވެ.

މި ހާދިސާ ކުޑަކުޑަ އަދީލްގެ ހަނދާނުގައި ހުރީ މިގޮތަށް ކަމުން މި ވާހަކަތަކުގައި ކޮންމެވެސް ވަރަކަށް އޮޅުން އަރާ ކަންތައްތަކެއް ހުއްޓެވެ. އުމުރު ހަގުކަމާ އެކު ވެސް، އީމާން ގެންގޮސް ވެއްދި ގެ ވެސް އަދީލް ހަނދާން ހުއްޓެވެ. އަދި އެކަންކުރި މީހާ ވެސް އަދީލް ދެއްކި އެވެ. އަދީލް ދެއްކީ 21 އަހަރުގެ މުދައްސިރެވެ. އޭނާއަކީ މީގެ ދެ އަހަރު ކުރިން ކާސޫރަށް ދިރިއުޅުން ބަދަހިކުރި އަދި އެހިސާބުގައި ހުންނަ ފެކްޓްރީއެއްގައި މަސައްކަތްކުރާ މީހެކެވެ.

ދެން ވީ ގޮތް އެކި މީހުން ކިޔައިދޭ ގޮތުގައި ޚިލާފުތަކެއް އެބަހުއްޓެވެ. ފުލުހުން ބުނަނީ މުދައްސިރް މަރުވީ ހައްޔަރުކުރަން އުޅުމުން ގަދަހަދައި ފިލަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެހެން ސީނިއަ ފުލުސް އޮފިސަރަކު ބީބީސީ އަށް ބުނީ މުދައްސިރް ހައްޔަރުކޮށްގެން ގެންގޮސް ސުވާލުކުރުމުން އީމާން މަރާލީ އޭނާ ކަމަށް އެއްބަސްވީ ކަމަށާއި ފަހުން ޖަލުން ފިލަން އުޅެނިކޮށް ބަޑިޖެހުމުން މަރުވީ ކަމަށެވެ.

ނަމަވެސް މުދައްސިރްގެ އާއިލާއިން ބީބީސީއަށް ކިޔައިދީފައިވާ ގޮތުގައި ފުލުހުންނަށް ވެސް މުދައްސިރްގެ ކުށެއް ނެތްކަން އެނގި ހުރެ އޭނާ މަރައިލީ ހަގީގީ ގާތިލް ހޯދުމަށް ނުކުޅެދުނީމަ އެވެ. ހިއުމަން ރައިޓްސް ގްރޫޕްތަކުން ވެސް މިގޮތަށް ފުލުހުން ކަންތައް ކުރާތީ ފާޑުކިޔާފައިވެ އެވެ. ހައްޔަރުކުރާ މީހުން އެއްބަސް ނުވުމުން ފިލަން އުޅެނިކޮށް ބަޑި ޖެހުމުން މަރުވީ ކަމަށް ބުނެ މައްސަލަ ނިންމުން އާދައަކަށް ހަދާފައި ވާތީ އެވެ.

އެނަލިސްޓުން ބުނަނީ "އެންކައުންޓާ ކިލިން" އަކީ ޕާކިސްތާން ފުލުހުން ވަރަށް ގިނައިން ކުރާ ކަމެއް ކަމަށެވެ. އެއީ ޕާކިސްތާނު ކޯޓުތަކުން ކުށް ސާބިތު ނުވެ މީހުން ސަލާމަތްވުން ގިނަވުމުން ކަންތައް ކުރާ ގޮތެއް ކަމަށް އެ މީހުން ބުނެ އެވެ.

އީމާން ފާތިމާ މަރާލާފައި އޮއްވާ ފެނުމުން އެހިސާބުގަނޑު މީހުން ރުޅިގަދަވެ އިހްތިޖާޖްކުރަން ފެށި އެވެ. އަދި ފުލުހުންނަށް އެއްވެސް ކަމެއް ނުކުރެވޭކަމަށް ބުނެ ފާޑުކިޔަން ފެށި އެވެ. އޭގެ މަހެއްހާ ދުވަސް ކުރިން ފަސް އަހަރުގެ އައިޝާ އާސިފް ވެސް ޖިންސީ އަނިޔާކޮށް މަރާލާފައި އޮއްވައި ވަނީ ފެނިފަ އެވެ.

މުދައްސިރްގެ މަންމަ ޖަމީލާ ބީބީސީ އަށް ބުނި ގޮތުގައި ދަރިފުޅު މަރުވުމުން އޭނާގެ ހުރިހާ އެއްޗެއް ވަނީ ގެއްލިފަ އެވެ. ކުށެއް ނެތް ދަރިފުޅު މަރާލީ ފުލުހުން ކަމަށް އޭނާ ތުހުމަތު ކުރި އެވެ. ރޮވިފައި އިނދެ ޖަމީލާ ބުނީ ކަސޫރުން އެ އާއިލާ އެހެން ހިސާބަކަށް ހިޖުރަކުރީ އެހިސާބުގަނޑު އެއްވެސް މީހަކު އެމީހުންނާ ވާހަކަ ދައްކާ ގުޅުން ނުބާއްވާތީ ކަމަށެވެ. މުދައްސިރް އާއިލާއިން ބުނަނީ އީމާން ފާތިމާ މަރާލާފައި އޮއްވާ ފެނުނު ދުވަހު މުދައްސިރް ހައްޔަރުކޮށްގެން ގެންގޮސް ހަމަ އެ ދުވަހު އޭނާ މަރާލާފައިވާ ކަމަށެވެ. އާއިލާގެ މީހުންނަށް މުދައްސިރުގެ ހަށިގަނޑު ފެނުނީ ހޮސްޕިޓަލުންނެވެ.

ކަސޫރް ޕޮލިސް އޮފިޝަލުން ބީބީސީ އަށް ބުނި ގޮތުގައި އީމާން ކިޑްނެޕްކުރީ މުދައްސިރްކަމަށް ހެކި ދީފައިވަނީ އޭނާގެ ދެބެންގެ ދެ ދަރި އަދީލް ކަމަށެވެ. ނަމަވެސް ޒައިނަބްގެ މަރުގެ ހާދިސާގައި އެއްކުރި ޑީއެންއޭ ހެކިތައް ދައްކާ ގޮތުން ހަގީގީ ގާތިލަކީ މުދައްސިރެއް ނޫނެވެ.

މުދައްސިރް މަރާލީ ފެބްރުއަރީ 2017 ގައެވެ. އޭގެ ފަހުން ކަސޫރުގައި ޒައިނަބާ އެކު ހަތަރު އަންހެންކުއްޖަކަށް ހަމަލަ ދީފައިވެ އެވެ. ތިން ކުއްޖަކު މަރުވިއިރު އެއް ކުއްޖަކު އަދިވެސް އޮތީ ހޮސްޕިޓަލުގައި މަރާ ހަނގުރާމަކުރާ ހާލު އެވެ. މިކުދިންގެ ގައިން ހޯދުނު ޑީއެންއޭ ޓްރޭސް އާއި އީމާން ފާތިމާގެ ގައިން ފެނުނު ޑީއެންއޭ ދިމާވެ އެވެ. މާނައަކީ މި ހުރިހާ ކުދިންގެ ގާތިލަކީ އެކަކު ކަމެވެ. އަދި އެއީ މުދައްސިރެއް ނޫނެވެ.

މި ހުރިހާ ހެކިތަކެއް ހާމަކޮށް މި މައްސަލަ ފަޅާ އަރުވާލީ ބީބީސީންނެވެ. މައްސަލަ ފަޅާ އެރުމުން ޕަންޖާބު ސަރުކާރުގެ ތަރުޖަމާނު ބުނީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި ޝަރުއީގޮތުން މައްސަލަ ނުނިންމައި، ތަހުގީގީ މަރުހަލާގައި މީހުން މަރާފައިވާ މީހުން އެކަމާ ޒިންމާ ކުރުވާނެ ކަމަށް ބުންޏެވެ.