ބަނޑުގައި ރިއްސާފައި "ވިހެއީ" އަންގިއެއް
ބަނޑުގައި ރިއްސާފައި "ވިހެއީ" އަންގިއެއް

ލޭޓެކްސް އަންގިއަކާއި ފަސް ކޮމްޕްރެސަސް (ލެޔާއި ދުޅަ މަނާކުރަން ބޭނުންކުރާ ފޮތި) "ވިހޭ" އަންހެނަކު، އޭނާ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރާ ދެކޮޅަށް ދައުވާ ކޮށްފި އެވެ. ސަބަބަކީ މި އެއްޗިއްސަކީ އޮޕަރޭޝަން ކުރި ޑޮކްޓަރު ހަނދާންނެތިގެން އަންހެން މީހާގެ ރަހިމުގައި ބަހައްޓާފައި ހުރި އެއްޗިއްސަށް ވާތީ އެވެ.

ފްރާންސްގެ މާސޭލްގެ ޕްރައިވެޓް ކްލިނިކެއްގައި 48 އަހަރުގެ މި އަންހެންމީހާ ހެދީ އެންޑޮމެޓްރިއަލް-އެބްލޭޝަން ކިޔާ ސާޖަރީއެކެވެ. މިއީ ރަހިމު ނުނަގާ، މައްސަރުކަންތައް ޖެހުން ހުއްޓުވުމަށް ހަދާ ސާޖަރީއެކެވެ. މިދިޔަ އޭޕްރީލް މަހު ކުރި މި އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން އަންހެންމީހާ ގާތު ބުނީ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

ނަމަވެސް އޮޕަރޭޝަން ކުރިތާ މާ ގިނަ ދުވަހެއް ނުވެ އަންހެންމީހާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސަން ފެށި އެވެ. އަދި ކުޑަކަމުދާން ދަތިވެ ނިދަން ވެސް އުނދަގޫވި އެވެ.

"މީހަކު އަހަރެންގެ ބަނޑަށް ވަޅިއެއް ހަރާ ކަަހަލަ އިހްސާސްތަކެއް ކުރެވެނީ. މިއީ އޮޕަރޭޝަން ކުރި ފަހުން ވާން ފެށި ގޮތެއް ވީމަ އެކަމާ ގުޅޭ ކަމެއް ކަމަށް އަހަންނަށް ގަބޫލުކުރެވުނު،" ފްރާންސްގެ ނޫހަކަށް އަންހެންމީހާ ބުނެފައިވެ އެވެ.

ތަދުވާ ކަމުގެ ޝަކުވާ ޑޮކްޓަރުންނާއި ނަރުހުން ކައިރި ވެސް އަންހެންމީހާ ކުރި އެވެ. އެމީހުން ބުނީ އޭނާގެ ބަރުދަން ލުއިކަމުން ދިމާވާ ކަމެއް ކަމަށެވެ. އަދި ވާ ގޮތެއް ބަލައިނުލާ، ތަދުކަނޑުވާ ބޭސްތަކެއް ދީފައި ފޮނުވާލީ އެވެ.

އަންހެންމީހާ ގެއަށް ދިޔައަސް އޭނާގެ ބަނޑުގެ ރިހުމަކަށް ބަދަލެއް ނާދެ އެވެ. އެގޮތަށް ތިން ދުވަސް ވަންދެން ބަނޑުގައި ރިހިފައި ކުއްޖަކު ވިހަން ބަނޑުގައި ވޭންވަރު ނަގާ ގޮތަށް އަންހެންމީހާގެ ބަނޑުގައި ރިއްސަން ފެށީ އެވެ. އަދި ވޭންވަރުގައި އަންގިއަކާއި ފަސް ކޮމްރެސަސް އަންހެންމީހާ "ވިހެ" އެވެ. އެ ފަހަރު އަންހެންމީހާގެ ބަނޑުގައި ހަތަރު ގަޑިއެއްހާއިރު ރިހުނުއިރު އޭނާގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ވެސް ބޭރުވި އެވެ.

އެހާވަރަށް ބަނޑުގައި ރިއްސި ސަބަބު އަންހެންމީހާއަށް އެނގުމުން އަނެއްކާވެސް ކްލިނިކަށް ދިޔަ އެވެ. އަދި އޭނާ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރާ މިކަމާ ބެހޭ ގޮތުން ސުވާލު ކުރި އެވެ.

"ޑޮކްޓަރު އަމަލުކުރި ގޮތުން އަހަރެން ވަރަށް ރުޅި އައި. އޭނަ ބުނި ހިތްހަމަނުޖެހެންޏާ އިންޝުއަރެންސް ކުންފުންޏަށް ދާށޭ. އޭނައަކީ އިންޝުއަރެންސް ކޮށްފައި ހުރި މީހެކޯ،" އަންހެންމީހާ ބުންޏެވެ.

އަންހެންމީހާ ބޮޑަށް ރުޅިއައީ އޭނާއަށް ކުރިމަތިވި ވޭނަކީ އެހާ ސީރިއަސް ކަމަކަށް ޑޮކްޓަރު ނަހަދައި އޭނާއަށް ހެދުނު ގޯސް ވެސް ގަބޫލު ނުކުރީމަ އެވެ. ހުރިހާ އިލްޒާމެއް ޑޮކްޓަރު އެޅުވީ ނަރުހުންގެ ބޮލުގަ އެވެ.

މި މައްސަލަތައް ދިމާވުމުން އަންހެންމީހާއަށް ވަޒީފާ އަދާކުރަން ނުދެވި ވެސް އެތައް މަހެއް ހުންނަން ޖެހުނެވެ. އަދި މިހާރުވެސް ކުޑަކަމުދާނިޒާމުގައި އިންފެކްޝަން އުފެދުމުގެ މައްސަލަ ވަރަށް ގިނައިން ކުރިމަތިވެ ކައުންސެލިން ހޯދަން ޖެހުނެވެ.

މި މައްސަލަ މިހާރު ފްރާންސްގެ ކޯޓެއްގައި ކުރިޔަށް ދާއިރު އަންހެންމީހާ ބުނީ އަންގި އާއި އެނޫންވެސް އެއްޗެތި ރަހިމުގައި ހުރުމުގެ ސަބަބުން ލޭ ވިހަވެ އޭނާ މަރުނުވިކަން އެއީ ހަމަ ނަސީބެއް ކަމަށެވެ.