26 ޖެނުއަރީ 2018 - 06:07

މައްސަރު ކަންތަކާ ގުޅޭ ގޮތުން އުފެއްދި "ޕެޑްމޭން"ގެ ޕްރޮޑިއުސަރު އަދި ފިލްމުގެ ބަތަލުު އަކްޝޭ ކުމާރާއި އިންޑިއާގެ ސެންސަރު ބޯޑާ މެދު "ޕުއްލޫ"ގެ ޑައިރެކްޓަރު އަބީޝެކް ސަަކްސޭނާ ވަރަށް ހިތްހަމަނުޖެހިއްޖެ އެވެ.
ސަކްސޭނާގެ "ފުއްލޫ" އަކީ ވެސް މައްސަރުކަންތައް ޖެހުމާއި އެ ދުވަސްވަރު ސާފުތާހިރުކަން ބަހައްޓަން ޖެހޭ ގޮތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ނަމަވެސް މިކަން ގިނަ ބަޔަކު ހަނދާން ވެސް ނެތުމަކީ ވެސް ޑައިރެކްޓަރުގެ ޝަކުވާ އިތުރުވާން ދިމާވި ސަބަބެކެވެ.
"މައްސަރުކަންތައް ޖެހުމާއި އެ ދުވަސްވަރު ސާފުތާހިރުކަން ބަހައްޓަން ޖެހޭ ގޮތާ ގުޅޭ ގޮތުން ތައްޔާރުކުރި ފުރަތަމަ ފިލްމަކީ އަހަރެންގެ ފުއްލޫ. އަކްޝޭގެ ޕެޑް މޭން އުފައްދާކަން އިއުލާން ކުރުމުގެ މާ ކުރިއްސުރެ ވެސް ފުއްލޫ އޮތީ ކުޅެ ނިންމާފަ. އަހަރެންގެ އަތުގައި ސެންސަރު ސެޓްފިކެޓް ވެސް އޮންނާނެ. އެ ފިލްމު އޮންނާނީ 2015 ގައި ރަޖިސްޓްރީ ކޮށްފައި،" ސަކްސޭނާ ބުންޏެވެ.
ސަކްސޭނާ ގަބޫލުކުރާ ގޮތުގައި ސެންސަރު ބޯޑުން ވެސް އަކްޝޭ އަށް ކަންތައްތައް ކޮށްދެނީ މާ ރަނގަޅަށެވެ. އަދި "ފުއްލޫ" އޮތީ މުޅިން އެއްފަރާތް ކޮށްލާފަ އެވެ. އަކްޝޭގެ "ޕެޑް މޭން" އަށް ޔޫ/އޭ ސެޓްފިކެޓެއް ދީފައިވާއިރު އޭނާގެ ފިލްމަކީ އެޑަލްޓް ފިލްމެއް ކަމަށް ބުނެ އެ ފިލްމަށް ދިނީ އޭ ސެޓްފިކެޓެއް ކަމަށް ވެސް ސަކްސޭނާ ބުންޏެވެ. "އޭ" ސެޓްފިކެޓެއް ދިނުމުން ސިނަމާތަކުގައި ފިލްމު އަޅުވަން ދަތިތައް ދިމާވެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
"އަހަރެމެން ވެސް ބޭނުން މި މައުލޫއަށް މީހުން ހޭލުންތެރި ކުރުވަން. އަދި ސްކޫލް ކުދިންނަށް ވެސް ފިލްމު ދައްކަން. ނަމަވެސް އެކަމެއް ކުރެވޭކަށް ނެތް. ކޮންމެ މީހަކުވެސް ބުނަނީ "އޭ" ސެޓްފިކެޓެއް އޮތީމަ ފިލްމެއް ނުދެއްކޭނެޔޭ،" ސަކްސޭނާ ބުންޏެވެ.
"ފުއްލޫ"ގެ ޕްރޮޑިއުސަރު އަންމޯލް ކަޕޫރު ވެސް ވަނީ އަކްޝޭ އަށް ރުޅި ބާލައިފަ އެވެ. އޭނާ ބުނި ގޮތުގައި "ޕެޑް މޭން" އަކީ މައްސަރުކަންތަކާ ގުޅޭ ގޮތުން ދުނިޔޭގައި އުފެއްދި ފުރަތަމަ ފިލްމު ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރުން މީޑިއާތަކުގައި ދަނީ ބުނަމުންނެވެ. އަދި ބީބީސީއަށް ވެސް އެމީހުން މައުލޫމާތު ދީފައިވަނީ އެގޮތަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި 2017 ގެ ޖޫންގައި ރިލީޒްކުރި "ފުއްލޫ" އަކީ މައްސަރު ދުވަސްވަރުގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން ދުނިޔޭގައި އުފެއްދި ފުރަތަމަ ފިލްމު ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.
ޕްރޮޑިއުސަރު ބުނި ގޮތުގައި ފިލްމު އިޝްތިހާރު ކުރުމުގެ ބޭނުމުގައި ނަމަވެސް އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ އަކްޝޭ މެން ވަރަށް ގޯސްކޮށް ކުރާ ކަމެކެވެ. އަދި "ފުއްލޫ" ސެންސަރުކުރި ގޮތާ ބެހޭގޮތުން ސެންސަރު ބޯޑުން އެއްޗެކޭ ބުނަން ޖެހޭނެ ކަމަށް ޕްރޮޑިއުސަރު ދެކެ އެވެ.
އާރް. ބާލްކީ ޑައިރެކްޓްކޮށްފައިވާ "ޕެޑް މޭން" ފެބްރުއަރީ 9 ވަނަ ދުވަހު ރިލީޒްކުރާއިރު "ފުއްލޫ" ވަނީ ޖެނުއަރީ 24 ގައި ޓީވީ ޗެނަލަކުން ދައްކަން ފަށައިފަ އެވެ.
"ފުއްލޫ"ގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުގެ ވާހަކަތަކަށް އަކްޝޭ އާއި "ޕެޑް-މޭން"ގެ ޓީމުން އަދި ޖަވާބެއް ނުދެ އެވެ.