ގްރޫޕް ސްޓޭޖާ މެދު އަދި ނުވިސްނަން: ބެންގަލޫރު
ގްރޫޕް ސްޓޭޖާ މެދު އަދި ނުވިސްނަން: ބެންގަލޫރު

ބެންގަލޫރު އެފްސީގެ ވިސްނުން އަދި ހުރީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބޫޓާނުގެ ޓްރާންސްފޯޓް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗަށް އެކަނި ކަމަށާއި ގްރޫޕް ސްޓޭޖާ މެދު ވިސްނާނީ އެ ހިސާބަށް ދިއުމުން ކަމަށް އެ ޓީމުގެ ކޯޗު އަލްބާޓް ރޮކާ ބުނެފި އެވެ.

ބެންގަލޫރު އަކީ ދެކުނު އޭޝިއާ ސަރަަހައްދުން އޭއެފްސީ ކަޕްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ ޓީމެވެ. ބެންގަލޫރު 2016 ވަނަ އަހަރުގެ ފައިނަލުން ބަލިވީ އިރާގުގެ އެއާފޯސް އަތުން ބަލިވުމުންނެވެ. މިިދިޔަ އަހަރު ބެންގަލޫރު ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔައީ ރާއްޖޭގެ މާޒިޔާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ބެންގަލޫރަށް މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގަ ނުލިބުނީ އައި ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. އިންޑިއާގެ ލީގު ޗެމްޕިއަން ހޯދައިގެން މި ފަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ޖާގަ ހޯދީ އައިޒޯލް އެވެ.

ޓްރާންސްފޯޓްގެ މައްޗަށް ބެންގަލޫރުން ކުރި ހޯދައި ޕްލޭއޮފް ބުރަށް ގޮސްފިނަމަ އެ ޓީމުން ނުކުންނަން ޖެހޭނީ ސައިފް ސްޕޯޓިން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ތެރެއިން ޓީމަކާ ދެކޮޅަށެވެ. ޓީސީ ވަނީ ރަށުންބޭރުގައި ސައިފް އަތުން 1-0 އިން ފުރަތަމަ ލެގު ކާމިޔާބު ކޮށްފަ އެވެ. ޕްލޭއޮފުން ކުރި ލިބޭ ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕުގައި މިހާރު އޮތީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.

އޭއެފްސީ ޕްލިމިނަރީ ބުރުގައި ބޫޓާނުގައި އެ ގައުމުގެ ޓްރާންސްޕޯޓް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޕްލޭއޮފް ބުރުގެ ޖާގައެއް ހޯދަން ބެންގަލޫރަށް ވަނީ އަމިއްލަ ދަނޑުގައި އަންނަ އަންގާރަ ދުވަހު ކުޅޭ ދެ ވަނަ ލެގުން މޮޅުވާން މަޖުބޫރުވެފަ އެވެ.

"މިހާރު އަހަރެމެންގެ ފޯކަސް މިހުރީ ހަމައެކަނި މި ވަގުތު ކުޅެން ޖެހޭ މެޗަށް. އެއީ ޓްރާންސްޕޯޓާ ދެކޮޅަށް އޮތް ދެ ވަނަ ލެގުގެ މެޗު. ދެން އަހަރެމެން ވިސްނާނީ ޕްލޭއޮފަށް ގޮސްފިއްޔާ އެ މެޗަކަށް. ގްރޫޕް ސްޓޭޖަށް ވިސްނާނީ އެ ހިސާބުން،" ކުރިން ބާސެލޯނާގައި އިރުޝާދުދިން ސްޕެއިނުގެ އަލްބާޓް ރޮކާ ބުންޏެވެ.

ބެންގަލޫރު އޮތީ މިހާރު ކުރިއަށްދާ އިންޑިއަން ސުޕަ ލީގުގެ ދެ ވަނައިގަ އެވެ. އެ ޓީމުން ޓްރާންސްޕޯޓާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރީ ސުޕަ ލީގުގައި މި ވަގުތު ބޭނުން ނުކުރެވޭ ކުޅުންތެރިންނަށެވެ. އެއީ ކުރިއަށް ހުރި މެޗުތަކުގެ މުހިއްމު ކަމުންނެވެ.

"އަހަރެމެން ވިސްނަން ޖެހޭ މެޗުތައް ކުރިއަށް އެބަހުރި. ޓްރާންސްފޯޓާ ދެކޮޅަށް ރަށުންބޭރުގައި ބޭނުން ކުރި ގިނަ ކުޅުންތެރިންނަކީ އަހަންނަށް ސުޕަ ލީގުގައި ފުރުސަތު ނުދެވޭ ކުޅުންތެރިން. ހޯމް މެޗުގައި ޓްރާންސްފޯޓް ބަލިކުރެވޭނެ،" ރޮކާ ބުންޏެވެ.