27 ޖެނުއަރީ 2018 - 06:33

ސައިފް އަލީ ޚާންގެ ޒުވާން އަދި ރީތި ދަރިފުޅު ސާރާ އަލީ ޚާން މިހާރު ވަނީ ފިލްމީ މައިދާނަށް ނުކުމެފަ އެވެ. ސާރާ ކުޅޭ ފުރަތަމަ ފިލްމަކީ ސުޝާންތު ސިންގް ރާޖްޕޫތާއެކު ކުޅޭ "ކެދާރްނަތު" އެވެ. ސާރާ ފިލްމު ކުޅެން ޝައުގުވެރިކަން ފާޅުކުރުމުން ބައްޕަގެ ހައިސިއްޔަތުން ސައިފް ފިލްމެއް ޕްރޮޑިއުސްކޮށް ނުދިނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސައިފް ބުނީ އޭނާ އަކީ އެހާ ރަނގަޅު ޕްރޮޑިއުސަރެއް ކަމަށް ނުދޭ ކަމަށެވެ. ދަރިފުޅަށް ފިލްމެއް ޕްރޮޑިއުސްކޮށް ނުދިނީ އެހެންވެ ކަމަށް ބުންޏެވެ.
"ސާރާ ވެސް އެއް ދުވަހު އަހަންނާ ސުވާލުކުރި އަހަރެންގެ ޕްރޮޑަކްޝަން ހައުސް އިލުމިނާޓީ ފިލްމްސް އިން އޭނާއަށް ފިލްމެއް ޕްރޮޑިއުސްކޮށް ނުދެނީ ކީއްވެހޭ؟ އަހަރެން ބުނިން ސާރާ ބޮލީވުޑަަށް ތައާރަފްވާ ފިލްމު ޕްރޮޑިއުސްކޮށް އަމިއްލައަށް ބޮލީވުޑަށް ލޯންޗްކޮށްދޭން ބޭނުމޭ. ނަމަވެސް އެވަރުގެ ޒިންމާއެއް ނެގޭ ވަރުގެ ގާބިލްކަން އަހަރެންގެ ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ،" ސައިފް ބުންޏެވެ.
ސައިފް ބުނި ގޮތުގައި ދަރިފުޅު ލޯންޗުކުރުމުގެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ހުންނަން އޭނާ ބޭނުމެވެ. ނަމަވެސް އޭނާ އަމިއްލައަށް އެފަދަ ޒިންމާއެއް ކޮނޑުގައި އެޅުމުގެ ކުޅަދާނަކަން ހުރި ކަމަކަށް އޭނާއަކަށް ހިއެއް ނުވެ އެވެ.
ސައިފް ބުނި ގޮތުގައި އޭނާ ފިލްމެއް ޕްރޮޑިއުސް ކުރަންޏާ އެހީތެރިވާނެ ރަނގަޅު މީހަކު ބޭނުންވާނެ އެވެ. ފިލްމު ޕްރޮޑިއުސްކުރުމަކީ ކަރަން ޖޯހަރް ފަދަ ތަޖުރިބާކާރު މީހުންނަށް ކުރެވޭނެ ކަމެއް ކަމަށް ސައިފް ގަބޫލު ކުރެ އެވެ.
ސައިފް ބުނި ގޮތުގައި ދަރިފުޅު ސާރާގެ ފުރަތަމަ ފިލްމު ތައްޔާރުވަމުން ދާއިރު އޭނާ ހުރީ ވަރަށް އުފަލުން، ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ "ކެދާރްނާތު" ރިލީޒްކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ ފިލްމެއް ވެސް ސާރާ ކުޅެން ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. ބެލެވޭ ގޮތުގައި މި ފިލްމުގެ ބަތަލަކީ އަރްޖުން ކަޕޫރެވެ.