25 ޖެނުއަރީ 2018 - 11:42

ތާކަށް ދާން ނޭގި، މަގު އޮޅިގެން އުޅެން ޖެހުނު ޒަމާން މާޒީވެއްޖެ އެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު، ހުރިހާ ކަމެއް ވެސް ފަސޭހަވެގެން ދިޔައީ އެވެ. ނަމަވެސް އެ ފަސޭހަތަކާ އެކު ވެސް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބައެއް ދަތިތަކާ ކުރިމަތިވެ އެވެ. މިފަދަ ދަތިތައް ހައްލު ކުރަން ގިނަ ފަހަރަށް ނުކުންނަން ޖެހެނީ، އެ ގައުމެއްގެ ބައެކެވެ.

ދައްކަން މި އުޅެނީ ވެސް އެފަދަ ބައެއްގެ ވާހަކަ އެވެ. ގޫގުލް މެޕްސް ފަދަ ޖިއޯ ލޮކޭޝަން ހިދުމަތް ދޭ މަޝްހޫރު ކުންފުނިތަކުން ދެމުން އަންނަ ފަދަ ހިދުމަތެއް ދެމުން އަންނަ ދިވެހި އުފެއްދުމެއްގެ ވާހަކަ އެވެ. މިއީ އީއެޓޯލްސްގެ ކާމިޔާބީގެ ވާހަކަ އެވެ.
"ރާއްޖޭގަ ނެތް ޖިއޯ ލޮކޭޝަން ހިދުމަތް ފުޅާކޮށް ދެމުން އަންނަ ބައެއް. ގޫގުލް މެޕްސް އިން ވެސް ހުރިހާ ތަންތަނެއް ނުފެންނާނެ. އެހެންވެ އަޅުގަނޑުމެން މިކަން ފެށީ. އަމާޒަކީ މާލޭގެ އިތުރުން މުޅި ރާއްޖެ އަށް ހިދުމަތް ފުޅާކުރުން،" 2007 ވަނަ އަހަރު ފެށި ދަތުރާ ގުޅޭ ގޮތުން އީއެޓޯލްސްގެ ކޯފައުންޑާ މުހައްމަދު ޖަވާދު ވިދާޅުވި އެވެ.
އީއެޓޯލްސް އަކީ އެ މީހުންގެ ވެބްސައިޓުގައި ގެއެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަން ޖަހާލުމުން، އެ ތަނެއް ވަގުތުން ޗާޓުން ދައްކާލަދޭ އެޕްލިކޭޝަނެކެވެ. ގޫގުލް މެޕްސްގެ އޭޕީއައި ބޭނުންކޮށްގެން ދިވެހި ޒުވާނުންތަކެއް ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަންގެ އެންޑްރޮއިޑް އެޕެއް ވެސް ވަނީ ނެރެފަ އެވެ. އަދި އެޕަލް ބޭނުންކުރާ ފަރާތްތަކަށް ވަރަށް އަވަހަށް އައިއޯއެސް އެޕެއް ތައާރަފް ކުރާނެ އެވެ.
އެޕްލިކޭޝަންގެ އިތުރުން ރަށްރަށުގެ ޗާޓް ޕްރިންޓް ކުރުމުގެ ހިދުމަތް ވެސް ދެމުން އަންނަ އީއެޓޯލްސް މެދުވެރިކޮށް 20،000 އަށް ވުރެ ގިނަ ލޮކޭޝަން ބަލާލެވޭނެ އެވެ. އެއީ މާލޭގެ އިތުރުން ސ. ހިތަދު އާއި ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށި ފަދަ ބޮޑެތި ރަށްތަކުގެ އެޑްރެސްތަކެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގެ އެޑްރެސްތަކާއި ވިޔަފާރިތައް މި އެޕްލިކޭޝަނަށް އެޅުމަކީ އީއެޓޯލްސްގެ އަމާޒެވެ.
- މާލެ (ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް)، ހދ. ކުޅުދުއްފުށި، ވ. ފެލިދޫ، ކ. މާފުށި، އދ. މަހިބަދޫ، އއ. ރަސްދޫ، ކ. ތުލުސްދޫ، ހއ. ދިއްދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ގދ. ތިނަދޫ، ޅ. ނައިފަރު، ސ. ހިތަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ޏ. ފުވައްމުލަށް (މައުލޫމާތުތައް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ)
ހިލޭ ބޭނުން ކުރެވޭ އީއެޓޯލްސްގެ ހިދުމަތް، މިހާރު ވެސް ގިނަ ބަޔަކު ބޭނުން ކުރެ އެވެ. އަދި ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް އީއެޓޯލްސްގެ ހިދުމަތް ބޭނުން ކުރަން ވަނީ ފަށާފަ އެވެ.
ގޫގުލް މެޕްސް އަށް ވެސް އެޑްރެސްތަކާއި ވިޔަފާރިތަކުގެ މައުލޫމާތު އަޅަނީ އާންމުންގެ އެހީތެރިކަމާ އެކު އެވެ. އަދި އެ ކުންފުނިން ވެސް ބަލަނީ ވީހާ ވެސް ބޮޑަކަށް، އާންމުންނާ އެކު މަސައްކަތް ކުރުމަށެވެ.
އީއެޓޯލްސްގެ އަމާޒަކީ ވެސް ވީހާވެސް ބޮޑަކަށް އާންމުންނާއި ގުޅިގެން މި ހިދުމަތް ފުޅާ ކުރުމެވެ. އަދި މިކަމުގައި ވީހާވެސް ގިނަ ބައެއް ބައިވެރިވުމަކީ، މުޅި މުޖުތަމައު އަށް ވެސް އޭގެ ފަސޭހަތައް ލިބިދޭނެ ކަމެއްކަން ޔަގީނެވެ.