26 ޖެނުއަރީ 2018 - 16:51

ރައްޔިތުންގެ މަޖިލީހުން ފާސްނުކުރާ ގަވައިދުތަކަށް އަމަލުކުރަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ކޯޅުންގަނޑެއް ހިނގައިފި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ބޮޑަށް ހިޔާލު ތަފާތުވުން އުފެދުނީ ފަހަކަށް އައިސް މަޖިލީހުގެ ގަވައިދު ކޮމެޓީން ނިންމާ ނިންމުންތައް މަޖިލީހުގެ ތަޅުމަށް ހުށަނާޅައި ގެޒެޓްގައި ޝާއިއު ކުރުމަށް ފަހު، އެއަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވައިދުތަކާ ވެސް މުޅިން ހިލާފު އަމަލެއް ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން އެއްބަސްވެވަޑައިގަންނަވަ އެވެ.
ގަވައިދު ކޮމެޓީގައި ޕީޕީއެމްގެ އެންމެ ތިން މެމްބަރުންނަށް ކަންކަން ނުނިންމެވޭނެ ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ތިއްބެވީ "ރުޅިގަދަވެފަ" އެވެ. ގަވައިދު ކޮމެޓީގެ ނިންމުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.
އެ މެމްބަރުން ވިދާޅުވި ގޮތުން ނަމަ، ތިން މެމްބަރުން ކަމެއް ފާސްކޮށް، ރައްޔިތުން އެ މައްޗަށް ލާޒިމް ކުރުމަކީ "ހަމަ ބުއްދި ހުރި މީހަކު" ގަބޫލުކުރާނެ ކަމެއް ނޫނެވެ. ހަމައެކަނި ގަވައިދު ކޮމެޓީން ފާސްކޮށްގެން، އެތައް ކަމަކަށް ރައްޔިތުން އަމަލުކުރާ ކަން ފަޅާއަރާފައިވާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
މަޖިލިސް ޗުއްޓީގައި ވަނިކޮށް، ކުއްލި ގޮތަކަށް މިދިޔަ ބުދަދުވަހު ބޭއްވި ގަވައިދު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ މާލޭގެ ޕްލޭނިން ގަވާއިދަށް ހުށަހެޅި އިސްލާހެއް ފާސްކޮށްފަ އެވެ. އެ އިސްލާހުގައި ބުނަނީ އެކި ބޭނުންތަކަށް ދައުލަތުގެ ބިންތައް ދޫކޮށް، ތަރައްގީ ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެވެ. އެނގިފައިވާ ގޮތުގައި އިސްލާހު ފާސްކުރީ ޕީޕީއެމްގެ އެންމެ ތިން މެމްބަރުންގެ ވޯޓުންނެވެ.
ނަމަވެސް މާލޭގެ ޕްލޭނިން ގަވައިދަށް އިސްލާހު ގެންނަން ފާސްކުރީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވައިބާ ގްރޫޕްގައި އެ އިސްލާހު ފާސްކުރަން އެންގެވުމުން ކަމަށްވެ އެވެ. އެދުވަހު، އެ އިސްލާހާ ގުޅޭ ގޮތުން ބަހުސެއް ވެސް ކުރިއަކަށް ނުދެ އެވެ. އެކަމަކު އޭގެ ފަހުން، ޕީޕީއެމް ތެރޭގައި ދެބަސްވުންތަކެއް ހިނގިކަން އެކަން އެނގޭ ބައެއް މީހުން ވަނީ ކިޔައިދީފަ އެވެ.
އެ އިސްލާހަށް ވޯޓު ދެއްވި މެމްބަރުންނަކީ ވެލިދޫ ދާއިރާގެ ޔާމީން ރަޝީދާއި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އަދި މާފަންނު މެދު ދާއިރާގެ އަސްމާ ރަޝީދެވެ. ކޮމެޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ކޮމެޓީ ދޫކުރައްވައި ނުކުންނެވީ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ތިން މެމްބަރުން ތިބެގެން ކޮމެޓީން ފާސްކުރާ އިސްލާހަކަށް ރައްޔިތުން އަމަލުކުރާކަށް ނުޖެހެ އެވެ. ކޮމެޓީން ފާސްކުރާ ކަންތައްތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެއާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
"މަޖިލީހުގެ އެހެން ކޮމެޓީތަކުގައި ވެސް އަމަލުކުރާ ގޮތަކީ، ކަމަކާ މެދު ގޮތެއް ފާސްކޮށްފި ނަމަ، އެ ނިންމުމެއް މަޖިލީހުގެ ފްލޯއަށް ހުށަހަޅައިގެން ގޮތެއް ނިންމާނީ. އެކަމަކު ގަވައިދު ކޮމެޓީ މިއާ މުޅިން ތަފާތު ގޮތަކަށް އަމަލު ކުރަމުންދާތީ ކަންބޮޑުވޭ،" ޕީޕީއެމްގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
މެމްބަރުން މިސާލެއްގެ ގޮތުގައި ނެންގެވީ ބޭރުގެ މުއާހަދާތަކާއި ވަޒީރުންނަށް ރުހުން ދިނުމާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަ ފަދަ ކަންކަމާ މެދު މަޖިލީހުގެ ކޮމެޓީތަކުން ގޮތެއް ނިންމިޔަސް، އެންމެ ފަހު ބަސް ބުނަނީ މަޖިލީހުގެ ތަޅުމުން ކަމަށް ވުމެވެ.
އެގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ މެމްބަރުންގެ މުސާރަ ކަނޑައެޅުމަށް އެންމެ ފަހުން މަޖިލީހުން ފާސްކުރި ކުރުން މެމްބަރުން ފާހަގަކުރެއްވި އެވެ
"މިއީކީ މެމްބަރުން އަމިއްލަ އަނގައިން ބުނާ ވާހަކަތަކެއް ނޫން. ފޮތްފޮތުގައި ލިޔެފައި ހުރި ވާހަކަތައް. މިއަށް އަމަލުނުކުރާ ޕީޕީއެމްގެ މެމްބަރުން އެބަ ތިއްބެވި،" ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކަމެއް ނިންމަންވާނީ މަޖިލީހުގެ ތަޅުމުންނެވެ. އެއީ ކޮމެޓީން ހަމައެކަނި ނިންމޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، ހިޔާލު ތަފާތުވެފައިވާ މެމްބަރުން ވިދާޅުވަނީ، މިއީ ގާނޫނީ ފުށުއެރުންތަކެއް ހުރި ކަމެއް ކަމަށެވެ.
"ހަމައެކަނި، ޖައުފަރު، އަސްމާ، ޔާމީނު ވޯޓު ދީގެން ފާސްކުރާ އެއްޗަކަށް ރައްޔިތުން އަމަލު ކުރާކަށް ނުޖެހޭ. ކިހިނެއް އަމަލު ކުރާނީ؟ އެއީ ކޮން ބައެއް؟ ކޮން ޑިމޮކްރަސީއަކުންތޯ މި ގޮތަށް އަމަލުކޮށްފައި ހުރީ؟ ރާއްޖެ ނޫނީ މިގޮތަށް އަމަލުކުރާ ގައުމެއް ނެތް،" ޕީޕީއެމްގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.
އެ މެމްބަރުން ވިދާޅުވި ގޮތުގައި ގަވައިދު ކޮމެޓީން ނިންމާފައި ހުރި ވަރަށް ގިނަ ކަންކަން މަޖިލީހުގެ ތަޅުމަށް ހުށައެޅުމެއް ނެތި ވަނީ ގެޒެޓްކޮށްފަ އެވެ. އެއް ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމާ ގުޅޭ ގަވައިދަށް ކޮމެޓީން ގެނައި އިސްލާހެވެ. އިތުރު އިސްލާހުތައް ފަހުން ހާމަކުރާނެ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ގަވައިދު ކޮމެޓީގެ މުގައްރިރު އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ އެ ކޮމެޓީގެ މަސައްކަތަކީ ކުރިން މަޖިލީހުން ފާސްކޮށްފައި ހުރި ގަވައިދުތަކަށް އިސްލާހެއް ގެންނަ ނަމަ، އެކަމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ކޮމެޓީން ފާސްކުރާ ކަންކަން މަޖިލީހަށް ހުށަހަޅަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ގަވައިދުތަކުގައި މިސްޓޭކެއް އުޅޭ ނަމަ، އެކަމެއް ރަނގަޅު ކުރުން ކޮމެޓީގެ ބޭނުމަކީ،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ޕްލޭނިން ގަވައިދަށް ގެނައި އިސްލާހު ފާސްކުރީ، އެކަމާ މެދު ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު ކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މުބީން ދޮގުކުރެއްވި އެވެ. އަދި ޕީޕީއެމްގައި އެއްވެސް ދެބަސްވުމެއް ނޫޅޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު، މަޖިލީހުގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި މިހާރު ވެސް ޕީޕީއެމްގައި ތިއްބެވި މެމްބަރުން ކިޔައިދެއްވި ގޮތުން ނަމަ، ޕީޕީއެމްގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އެބަ ހުއްޓެވެ. އެކަން ވަރަށް އަވަހަށް މީޑިއާއަށް ފަޅާއަރާނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
މުބީންގެ ވާހަކަތައް ދޮގުކުރައްވައި ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ގާނޫނެއް ނުވަތަ ގަވައިދަކާ ގުޅޭ ގޮތުން ކަމެއް ނިންމާ ނަމަ، ފުރަތަމަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރިއާސަތުން ފޮނުވާނީ ކަމާ ގުޅޭ ކޮމެޓީއަށް ކަމަށެވެ. އަދި ކޮމެޓީން ނިންމާ ގޮތުގެ ރިޕޯޓު ތަޅުމަށް ފޮނުވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ދެބަސްވުން އުފެދިފައި މިވަނީ ހަމައެކަނި ގަވައިދު ކޮމެޓީގެ ނިންމުންތަކާ ގުޅިގެންނެއް ނޫނެވެ. ޕީޕީއެމްގެ ބައެއް މެމްބަރުންގެ މެދުގައި ބައެއް އެހެން މައްސަލަތައް ވެސް ޖެހި، ކޯޅުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތައް ވެސް ވަނީ އަރައިފަ އެވެ.