26 ޖެނުއަރީ 2018 - 06:08

ކާޖޮލް އޭނާގެ ފިރިމީހާ އަޖޭ ދޭވްގަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ "އީލާ"ގެ މަސައްކަތް ފަށައިފި އެވެ. ކާޖޮލް އިންސްޓަގްރާމްގައި ލިޔުނު މެސެޖެއްގައި ވަނީ ފިލްމުގެ މަސައްކަތް ބުދަ ދުވަހު ފެށިކަން ހާމަކޮށްފަ އެވެ.
ކާޖޮލް އެންމެ ފަހުން ކުޅެފައިވަނީ ސައުތު އިންޑިއާ ފިލްމެއް ކަމަށްވާ "ވީއައިޕީ 2" އެވެ. "އީލާ"ގައި ކާޖޮލް ކުޅެނީ އެކަނިވެރި މައެއްގެ ބައެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މަންމައަކާއި އޭނާގެ ފިރިހެން ދަރިފުޅެއްގެ ގުޅުމުގެ މައްޗަށެވެ. މިއީ އާނަންދް ގާންދީގެ ގުޖްރާތީ ޕްލޭއެއްކަމަށްވާ "ބޭޓާ ކާގްޑޯ"ގެ އެޑަޕްޓޭޝަނެކެވެ. ފިލްމު ޑައިރެކްޓްކުރަނީ ޕްރަދީޕް ސަރްކާރް އެވެ.
އިންޑިއާ ޓުޑޭއާ ވާހަކަ ދައްކަމުން ޕްރަދީޕް ބުނީ ފިލްމުގައި ކާޖޮލް ބައިވެރިވީތީ އޭނާ ވަރަށް އުފަލުން ހުރި ކަމަށެވެ. ކާޖޮލް އަކީ ވަރަށް ކުޅަދާނަ ބަތަލާއެެއް ކަމަށާއި އޭނާ ކުޅެލާ ކޮންމެ ރޯލެއް ވެސް އޭނާގެ އަމިއްލަ އެއްޗަކަށް ހަދާލާ ކަމަށެވެ.
ޕްރަދީޕް ބުނި ގޮތުގައި މިއީ "ޕަރިނީތާ" ކަހަލަ ފިލްމެއް ނޫނެވެ. "ޕަރިނީތާ" އަކީ ޕްރަދީޕް ޑައިރެކްޓްކުރި ފުރަތަމަ ހިންދީ ފިލްމެވެ.
ކާޖޮލް ފިލްމެއް ކުޅެން މި ފަށާފައިވަނީ ތިން އަހަރެއްހާ ދުވަހު ހިންދީ ފިލްމެއް ނުކުޅެ ހުރުމަށް ފަހުގަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ޝާހްރުކް ޚާނާއި ވަރުން ދަވަން އަދި ކްރީތީ ސަނަން ބައިވެރިވި "ދިލްވާލޭ" އެވެ.