25 ޖެނުއަރީ 2018 - 09:59

މެޑްރިޑް (ޖެނުއަރީ 25) – އަމިއްލަ ދަނޑުގައި ލެގަނޭސް އަތުން 2-1 އިން ބަލިވެ ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް ކަޓައި ކޯޗު ޒައިނުއްދީން ޒިދާންގެ މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.
މިދިޔަ ދެ ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުގެ މި ފަހަރު ވެއްޓުނު އަޑިގަނޑުން އަދިވެސް ނާރައިގެން އުޅޭއިރު ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންނަ މަހު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ފަހު ޒިދާންގެ މުސްތަގުބަލާ ގުޅޭ ގޮތުން ގޮތް ނިންމާނެ އެވެ. ޒިދާން ވެސް ވަނީ އެފަދަ އިޝާރާތެއްކޮށްފަ އެވެ.
"އަހަންނަކަށް ނޭގޭ މިއީ މެޑްރިޑުގެ ތާރީހުގައި އެންމެ ދަށް ސީޒަންކަމެއް. އަހަރެން އެކަމަކާ ނުވެސް ވިސްނަން. މި ރޭ (ނަތީޖާ) އާ އެކު ވެސް އަހަރެން ހުންނަން ޖެހޭނީ ޕޮޒިޓިވްކޮށް. އަހަރެމެން އެބަޖެހޭ އާއްމުންގެ ގާތުން މައާފަށް އެދެން. އަދި މިކަމާ ކުރިމަތިލައި ތެދުވަން. ސަބަބަކީ 2018 އަދި ނުނިމޭތީ. އަހަރެމެން ހޮނިހިރު ދުވަހު ލީގު މެޗެއް ކުޅެން ޖެހޭ. އަދި ފެބްރުއަރީ 14 ވަނަ ދުވަހު ޗެމްޕިއަންސް ލީގު އަންނާނެ،" ޒިދާން ބުންޏެވެ.
ސްޕެނިޝް ކަޕުގެ ކުއާޓާ އިން މެޑްރިޑް ކެޓީ އަވޭ ގޯލުން ލެގަނޭސް ކުރި ހޯދުމުންނެވެ. ލެގަނޭސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން މެޑްރިޑް ކާމިޔާބުކުރިއިރު ރޭގެ މެޗު ލެގަނޭސް ކާމިޔާބުކުރުމާ އެކު ދެ ޓީމު އޮތީ 2-2 އިން އެގްރިގޭޓުން އެއްވަރުވެފަ އެވެ. އެކަމަކު ރަށުން ބޭރުގައި ޖެހި ލަނޑު ގިނަ ވުމުން ލެގަނޭސް އަށް ކުރި ލިބުނީ އެވެ.
ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި ލެގަނޭސް އިން ވަނީ ހަވިއާ އެރާސޯގެ ލަނޑުން ލީޑު ނަގައިފަ އެވެ. މެޑްރިޑަށް 47 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. އެކަމަކު 55 ވަނަ މިނެޓުގައި ގެބްރިއަލް ޖެހި ލަނޑާ އެކު ލެގަނޭސް އަށް ކުރި ލިބުނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި އެސްޕަންޔޯލާ ދެކޮޅަށް ނުކުންނާނެ އެވެ. އެސްޕަންޔޯލް ވަނީ އެ ޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 1-0 އިން މޮޅުވެފަ އެވެ.