25 ޖެނުއަރީ 2018 - 11:08

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ހަދަން ނިންމާފައިވާ ފިލްމު "ލީނާ" ގެ ތަރިން އިއުލާނުކޮށް ފިލްމުގެ ޝޫޓިން އަށް މިއަދު ފުރިއިރު ފިލްމުގެ އެންމެ މުހިންމު ރޯލު ކަމަށްވާ ލީނާގެ ގާތިލް ޒުހޭރުގެ ރޯލަށް ނަގާފައިވާ ތަރިއެއް އިއުލާނެއް ނުކުރެ އެވެ.
މިއަދު މުއާ ބުނީ އެ ރޯލަށް މިހާރު ތަރިއެއް ހަމަޖައްސާފައިވާ ކަމަށާއި އެ ރޯލު ކުޅޭނީ އޭނާ ކަމަށެވެ. މީގެ 16 އަހަރު ކުރިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ހަދާ އެ ފިލްމުގައި އަޒްލީނާ ނުވަތަ "ލީނާ"ގެ ރޯލުން ފެނިގެންދާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. އިތުރު ތަރިންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހްމަދު ސައީދު، އަދި މަރިޔަމް ހަލީމް އެވެ.
"ލީނާ" ޑައިރެކްޓް ކުރާނީ ވެސް މުއާ އެވެ. އޭނާ އަކީ އެ ފިލްމުގެ އެއް ޕްރޮޑިއުސަރުވެސްމެ އެވެ. "ލީނާ"ގެ އަނެއް ޕްރޮޑިއުސަރަކީ ސައްޔާހު އައްބާސް އެވެ.
މުއާ ބުނީ އެ ރޯލު އޭނާ ކުޅެން ނިންމީ އެފަދަ ރޯލަކީ މުއާ އަބަދުވެސް ކުޅެން ބޭނުންވާ ފަދަ ރޯލަކަށްވާތީ ކަމަށެވެ.
"ވަރަށް ގިނަ ގޮތް ގޮތަށް ވިސްނާފަ އަހަރެން އެ ރޯލު ކުޅެން ނިންމީ ވެސް. އެއީ އަބަދުވެސް މަ ކުޅެން ބޭނުންވާ ކަހަލަ ރޯލަކަށް ވީމަ އާ އެކު، ކޮންމެހެން އެ ރޯލު ކުޅެވޭނެ އެހެން ތަރިން ނެތިގެނެއް ވެސް ނޫން. ޑައިރެކްޓް ކުރަމުން އެކްޓް ކުރުމަކީ އަހަންނަށް ވަރަށް އުނދަގޫވެސް ކަމެއް. އެކަމަކުވެސް މި ރޯލު ހަމަ ކުޅެން،" މުއާ ބުންޏެވެ.
އއ. އުކުޅަހުގައި ޝޫޓްކުރާ އެ ފިލްމުގައި ދޮން އައްޔަ ކުޅޭނީ އައްޒަ ނުވަތަ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. އަދި އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒޫ ފެންނަ އިރު މަރިޔަމް ހަލީމަކީ މަންމަ އެވެ. ޒުހޭރުގެ ލޯބިވެރިޔާގެ ގޮތުގައި ޒީނަތު ފެނިގެންދާއިރު ސައީދަކީ ކައުންސިލް ރައީސް އެވެ. ނިމާލް ފެނިގެންދާނީ ކުޑަ ރޯލަކުން ކަމަށާއި އަދި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވާނެ ކަމަށް މުއާ ބުންޏެވެ.
އެ ފިލްމުގައި އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭނެ އެވެ. ފިލްމު އެއްކޮށް ނަގާނީ އުކުޅަހުގަ އެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ މަސައްކަތްތައް ނިންމާ މި އަހަރުގެ މެދުތެރޭގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.