ޗެލްސީ ކަޓުވާލުމަށް ފަހު އާސެނަލް ފައިނަލަށް
ޗެލްސީ ކަޓުވާލުމަށް ފަހު އާސެނަލް ފައިނަލަށް

ލަންޑަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލު ދެ ވަނަ ލެގުގައި ރޭ 2-1 އިން ޗެލްސީ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އާސެނަލް ހޯދައިފި އެވެ.

އަންނަ މަހު 25 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި އާސެނަލް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީ ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ބްރިސްޓަލް ސިޓީ ބަލިކުރުމަށް ފަހު އެވެ.

ޗެލްސީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެން ކަމުން ރޭގެ މެޗުން މޮޅުވެގެން ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. ރޭގެ މެޗު ފަށައިގެން ހަތް ވަަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ އެޑެން ހަޒާޑް އެވެ.

އާސެނަލް މޮޅުވީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. ޗެލްސީ ލީޑުނެގިތާ ފަސް މިނިޓް ފަހުން އާސެނަލުން ނަތީޖާ ހަމަހަމަ ކުރި އެވެ. މި ލަނޑަކީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އާސެނަލް މޮޅުވި ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި ކާމިޔާބުކުރީ ގްރޭނިޓް ޝާކާ އެވެ. މި މެޗުގައި ދާދި ފަހުން އާސެނަލަށް ބަދަލުވި އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ނުކުޅެ އެވެ. އެއީ މި މުބާރާތުގައި އޭނާ މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަނުގައި ކުޅެފައިވުމުންނެވެ.

މިއީ އާސެނަލް ލީގު ކަޕް ފައިނަލަށް ދިޔަ އަށް ވަނަ ފަހަރެވެ. އެ ޓީމު މި ފަހަރު ފައިނަލުގެ ޖާގަ ހޯދިިއިރު ކުޅުނު މެޗުތަކުގައި ކާމިޔާބުކުރީ ހަ ގޯލެވެ. މިއާ އެކު އާސެނަލް ވެފައިވަނީ މި މުބާރާތުގެ ތާރީހުގައި އެންމެ މަދުން ގޯލު ޖަހައިގެން ފައިނަލުގެ ޖާގަ ހޯދި ޓީމަށެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނުނީ ޖެހިލުންކުޑަ ކުޅުމެއް ކަމަށެވެ.

"ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް އަހަރެމެންނަށް ރަނގަޅަށް ކުރެވުނު ކަމެއް އޮތް. އެއީ ނަތީޖާ ހަމަހަމަ ކުރެވުން. އެ ފިޔަވަޅު މަތީގައި އަހަރެމެން ކުޅުނީ ވަރަށް ބިރުކުޑަ ކުޅުމެއް. މިއީ ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެއް. ފައިނަލަށް ތައްޔާރުވާން ވަގުތު އެބައޮތް،" ވެންގާ ބުންޏެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ޓީމު ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނަސީބު އެހީނުވުން ކަމަށެވެ.