މުގާބޭ އަށް 10 މިލިއަން ޑޮލަރުގެ ރިޓަޔާމެންޓް ޕެކޭޖެއް
މުގާބޭ އަށް 10 މިލިއަން ޑޮލަރުގެ ރިޓަޔާމެންޓް ޕެކޭޖެއް

ހަރާރޭ (ޖެނުއަރީ 25) - ޒިމްބާބުވޭގައި ގަދަބާރާ އެކު ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރޮބަޓް މުގާބޭ ހިތްހަމަޖެހިގެން އުޅެން ދޫކޮށްލާފައިވާ ކަމަށާއި އޭނާ އަށް އަގު ބޮޑު ރިޓަޔާމެންޓް ޕެކޭޖެއް އަރުވާފައިވާ ކަމަށް އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވި މުގާބޭގެ ވެރިކަމުގައި އޭނާ ބޭނުން ކުރެއްވި ލަގްޒަރީ ވެހިކަލްތަކާއި ސެކްރެޓަރީން ވެސް ދީފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފަސްޓް ކްލާހުގައި ސިންގަޕޫރަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ޕެކޭޖުގެ އަގު ނަންގަގްވާ ވިދާޅު ނުވި ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޕެކޭޖުގެ އަގު 10 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

އެކަމަކު ބީބީސީ އަށް ނަންގަގްވާ ވިދާޅުވީ ދައުވާތަކުން ސަލާމަތްވުމަށް އެއްވެސް މީހަކަށް ޚާއްސަ އިމްތިޔާޒުތަކެއް ދީފައި ނުވާ ކަމަށެވެ. މުގާބޭގެ ވެރިކަމުގައި އޭނާގެ އިތުރުން އަނބިކަލުން ގްރޭސް އުޅުއްވި އަގު ބޮޑު ދިރިއުޅުމާއި ކުރި ހޭދަތަކަށް އެ މީހުން ޒިންމާ ކުރުވަން ޖެހޭނެ ކަމަށް ޒިމްބާބުވޭގެ ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

މިދިޔަ ނޮވެމްބަރު މަހު މުގާބޭ ވެރިކަމުން ބޭލީ 37 އަހަރަށް ފަހު އެވެ. އޭނާގެ ދިގު ވެރިކަމަށް ނިމުން އައީ އަނބިކަނބަލުންނަށް ވެރިކަން ހޯއްދަވައިދެއްވުމުގެ ގޮތުން ނައިބް ރައީސް ނަންގަގްވާ މަގާމުން ދުރުކުރުމުން ސިފައިން ނުކުމެ ގައުމު ކޮންޓްރޯލް ކުރި ހިސާބުންނެވެ.