25 ޖެނުއަރީ 2018 - 07:42

ބްރެންޑެންބާގް (ޖެނުއަރީ 25) - ޖަރުމަނުގެ ކަނާތު ފިޔައިގެ އިސްލާމް ދީނާ ދެކޮޅު ޕާޓީއެއް ކަމަށްވާ އޯލްޓަނޭޓިވް ފޯ ޖާމަނީ (އޭއެފްޑީ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ޕާޓީ ދޫކޮށްލުމަށް ފަހު އިސްލާމް ވެއްޖެ އެވެ.
އިރުމަތީ ޖަރުމަނުގެ ބްރެންޑަންބާގަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ އާތާ ވަގްނާ ޕާޓީން ވަކިވީ އަމިއްލަ ސަބަބުތަކަކަށް ޓަކައި ކަމަށް އޭއެފްޑީގެ ތަރުޖަމާނަކު ބުންޏެވެ. ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރި ވަގްނާ ވަނީ އޭނާ ޕާޓީން ވަކިވި ސަބަބު ހާމަކުރަން ދެކޮޅު ހަދައިފަ އެވެ.
"އެއީ އަހަރެންގެ އަމިއްލަ ކަމެއް،" ވަގްނާ އިސްލާމްވިކަން ފުރަތަމަ އިއުލާންކުރި ނޫހަށް އޭނާ ބުންޏެވެ.
އޭއެފްޑީން މަސައްކަތް ކޮށްފައި ވަނީ އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށެވެ. މި ގޮތުން އެ ޕާޓީން އެންމެ ބޮޑަށް ދެކޮޅު ހަދާފައި ވަނީ ޖަރުމަނަށް މުސްލިމް ރެފިއުޖީން އެތެރެވުމާ ދެކޮޅަށެވެ. އެ ޕާޓީން ވަނީ ޖަރުމަނުގައި މިސްކިތްތައް އިމާރާތް ކުރުމާ ދެކޮޅަށް ވެސް ކެމްޕޭން ކޮށްފަ އެވެ.
ވަގްނާ ކުރިން ނިސްބަތްވީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) އަށެވެ. އޭއެފްޑީގައި އޭނާ މަސައްކަތް ކޮށްފައި ވަނީ ވެސް ކްރިސްޓަނުން ޕްރޮމޯޓް ކުރާ ގޮފީގަ އެވެ. އޭއެފްޑީން ބުނެފައި ވަނީ އިސްލާމް ދީނަކީ ޖަރުމަނަށް ނިސްބަތްވާ ދީނެއް ނޫން ކަމަށެވެ. ޖަރުމަނުގައި އެންމެ ފަހުން އޮތް ފެޑެރަލް އިންތިޚާބުގައި 2013 ވަނަ އަހަރު އުފެއްދި އޭއެފްޑީ ޕާޓީ ވަނީ 12.6 ޕަސެންޓް ވޯޓު ހޯދައިފަ އެވެ.