24 ޖެނުއަރީ 2018 - 22:08

މިދިޔަ ސެޕްޓެމްބަރު މަހު، މާފަންނު އައިޓަމްސް ފިހާރަ ކައިރިން ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އެއީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ އާއި ސ. ހިތަދޫ މުޑުދާސް، އަލީ ހަސަން އާއި ނ. ޅޮހީ ކަނީރުމާގޭ، މުހައްމަދު ރިޔާޒް އަދި މ. ދިއްގަރު ދެބުދާރުގޭ، އަހުމަދު އީޖާދު މުހައްމަދުގެ މައްޗަށެވެ.
އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މާރާމާރީއާ ގުޅިގެން ސައްމާހާއި އިތުރު މީހެއްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ. އެގޮތުން، މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެއް ވެސް ސައްމާހާއި ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެއް ވެސް ނާޝިޒްގެ މައްޗަށް ވަނީ ކޮށްފަ އެވެ.
މިއަދު ބޭއްވި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުވާލިބޭ ފަސް މީހުން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ، މިއަދުގެ އަޑުއެހުން ނިންމާލީ ވަކީލުން ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް އެ މީހުންނަށް ދިނުމަށް ފަހު އެވެ.