ހާރިސް މަރާލުމުގެ ދައުވާ އަށް އިންކާރު، ދައުލަތުން ގިނަ ހެކިތަކެއް
ހާރިސް މަރާލުމުގެ ދައުވާ އަށް އިންކާރު، ދައުލަތުން ގިނަ ހެކިތަކެއް

ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު މަރާލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ ދައުވާލިބޭ މީހާ އެ ދައުވާ އަށް އިންކާރުކޮށް، އެ މައްސަލާގައި ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅަން ހުރިކަން ދައުލަތުން ކޯޓުގައި މިއަދު ހާމަކޮށްފި އެވެ.

ހުޅުމާލޭ ހާފްވޭހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި، އެ ދައުވާކުރާ ސަބަބާއި ހުށަހަޅާ ހެކިތަކަކީ ކޮބައިކަން ސާފުކޮށް ދެމުން ދައުލަތުން ވަނީ ޔާމީނަށް ދެކޮޅަށް ގިނަ ހެކިތަކެއް ހުރިކަން ހާމަކޮށްފަ އެވެ.

ދައުލަތުން ބުނިގޮތުގައި އެ މައްސަލާގައި 17 މީހަކާއި 13 ކިތާބީ ހެއްކެއް ވަނީ ހުށަހަޅައިފަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހެކިވެރިންގެ ގޮތުގައި ހުށަހެޅި އެ މީހުންނަކީ ހާރިސަށް ހަމަލާދިން މަންޒަރު ފެނުނު މީހުންނާއި އެ ހާދިސާ ހިނގުމުގެ ދުވަސްތަކެއް ކުރިން ޔާމީނާ ހާރިސާ ދެމެދު ދެބަސްވުންތަކެއް ހިނގިކަން ސާބިތުކުރަން ހުށަހަޅާ މީހުން ކަމަށް ދައުލަތުން ބުންޏެވެ.

އެ ދައުވާ ސާފުކޮށް ދިނުމުން ދައުވާއާ ގުޅޭގޮތުން ޔާމީނާ ސުވާލު ކުރުމުން އޭނާ ބުނީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އެ މައްސަލަ ކޯޓަށް ފޮނުވިއިރު ހުށަހަޅާފައި ނެތް ދެ ލިޔުމެއް ދައުލަތުން މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށް ދައުލަތުން ބުނުމުން އެކަމާ މެދު ޔާމީންގެ ވަކީލް ސުވާލު އުފެއްދެވި އެވެ.

ދައުލަތުން މިއަދު ކޯޓަށް ފޮނުވީ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ތަހުގީގު ރިޕޯޓެވެ. އެ ދެ ރިޕޯޓް ކުރިން ހުށަނޭޅީ އެ މައްސަލަ ކޯޓަށް ފޮނުވިއިރު އެ ރިޕޯޓް ނުލިބި އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ލިޔުންތައް ފަހުން ހުށަހަޅާނެ ކަން ސިޓީއަކުން ކޯޓަށް ކުރިން އަންގާފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން ޔާމީންގެ ވަކީލް އާދަމް އާސިފް ވަނީ ތަހުގީގު ރިޕޯޓަކީ މައްސަލާގެ މުހިންމު ލިޔުމެއް ކަމަށް ވިދާޅުވެ، އެ ރިޕޯޓް ނުލިބެނީސް ދައުވާ ކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން މައްސަލަ ކޯޓަށް ހުށަހަޅާއިރު ހެކިތައް ހުށަހަޅަންޖެހޭ ކަމަށް ވިދާޅުވެ، އާސިފް ވިދާޅުވީ އެ ދެ ލިޔުން އެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ޔާމީނަށް ދައުވާކުރަނީ ތަހުގީގު ފުރިހަމައަށް ނިމިގެންތޯ ވެސް އޭނާ ސުވާލު ކުރިމަތިކުރި އެވެ.

އެކަމާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ ޔާމީން މިހާރު ހުރީ ރިމާންޑް ޖަލެއްގައި ކަމަށާއި ގާނޫނު އޮންނަ ގޮތުން ރިމާންޑް ޖަލެއްގައި މީހަކު ބަހައްޓާނީ އެ މީހެއްގެ ތަހުގީގު މަރުހަލާ ނިމުމުން ކަމަށެވެ. އަދި ރިމާންޑް ޖަލެއްގައި މީހަކު ބަހައްޓަން އަމުރު ކުރާއިރު، ތަހުގީގު ނިމުނުތޯ ކޯޓުން ސުވާލު ކުރާނެ ކަމަށް ވެސް ގާޒީ އާރިފް ވިދާޅުވި އެވެ.

ދައުލަތުން ވެސް ބުނީ ޔާމީނަށް ދައުވާކުރަނީ އޭނާގެ ބައި ތަހުގީގުކޮށް ނިމިގެން ކަމަށެވެ. އަދި ހާރިސް މަރާލުމުގައި ޔާމީން ބައިވެރިވިކަން ސާބިތު ކުރެވޭ މިންވަރު ހެކި ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ހާރިސް މަރާލުމުގައި މައްސަލާގައި އިތުރު މީހަކު ވެސް ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް މައްސަލައިގެ ލިޔުންތަކުގައި އެބައޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ހާރިސް މަރާލުމުގައި އިތުރު މީހަކު ބައިވެރިވި ކަމަށް ދައުލަތުން ބުނުމުން އެކަމާ މެދު ވެސް ދިފާއީ ވަކީލް ސުވާލު އުފެއްދެވި އެވެ. އިތުރު މީހަކު އެކަމުގައި ބައިވެރިވި ކަމަށްވާ ނަމަ ތަހުގީގު ފުރިހަމަ ނުވާނީ ކަމަށް ވިދާޅުވެ ވަކީލް އާސިފް އެދިވަޑައިގަތީ ޔާމީންގެ ބަންދަށް ލުޔެއް ދިނުމަށެވެ.

އެކަމަކު ދައުލަތުން ތަކުރާރުކޮށް ބުނީ އެ ތަހުގީގުގައި ޔާމީންގެ ބައި އޮތީ ނިމިފައިވާ ކަމަށެވެ.

އެހެންވެ، ވަކީލް އާސިފް އެދިވަޑައިގަތީ ޔާމީނާ ގުޅޭގޮތުން އިތުރު އާ އާ ކަންތައްތަކެއް އެ މައްސަލާގައި ހުށަހެޅިޔަސް އެކަން ބަލައިނުގަތުމަށެވެ.

ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރެެއިން ޔާމީންގެ ވަކީލަށް ނުލިބި ހުރި ލިޔުންތައް ދޫކުރުމާ ބެހޭގޮތުންނެވެ. އެ މައްސަލާގައި ހުށަހަޅާފައިވާ 100 އަށް ވުރެ ގިނަ ލިޔުންތަކުގެ ތެރެއިން ޔާމީންގެ ވަކީލަށް ނުލިބި ހުރި ބައެއް ލިޔުންތަކުގެ ވާހަކަ ފާހަގަ ކުރުމުން ދައުލަތުން ވަނީ ބައެއް ލިޔުންތައް ދޭން އެއްބަސްވެފަ އެވެ. ދައުލަތުން ބުނިގޮތުގައި ބައެއް ލިޔުންތައް ކުރިން ދޫ ނުކޮށް ހުރީ، އެ ލިޔުންތަކަކީ ދައުވާލިބޭ ފަރާތުން ހޯދަން ދައުވާލިބޭ ފަރާތުން އެދޭ ހާލަތުގައި ދޫކުރާ ބާވަތުގެ ލިޔުންތަކަށް ވާތީ އެވެ.

އެކަމަކު ގާޒީ އާރިފް ވަނީ އެގޮތަށް އަމަލު ނުކުރަން ދައުލަތަށް އިލްތިމާސް ކުރައްވައިފަ އެވެ. ގާޒީ ވިދާޅުވީ ހާމަ ކުރެވެން އޮތް ލިޔުމެއް ނަމަ ދައުވާލިބޭ ފަރާތުން ނޭދުނަސް، އެ ލިޔުންތައް ދޫކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ޕްރޮސެކިއުޓާ ޖެނެރަލާއި ޕީޖީ އޮފީހުގެ އިސްވެރިންނަށް ވެސް ކުރާ އިލްތިމާސެއް ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ. އެހެން ބައެއް މައްސަލަތަކުގައި އެކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެ، ގާޒީ ވިދާޅުވީ އެކަމުގެ ސަބަބުން ވަގުތުތަކެއް ބޭކާރުވެގެންދާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަސް ދުވަސް ފަހުން ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.