27 ޖެނުއަރީ 2018 - 06:32

ހަދިޔާ ޖަހާން އާއި އޭނާގެ ފިރިމީހާ ޝާފިން ޖަހާންގެ ކައިވެނި ކެރެލާ ހައިކޯޓުން ރޫޅާލި މައްސަލައިގައި ހަދިޔާއާ އެއްކޮޅަށް މައްސަލަ ނިމި އޭނާގެ ކައިވެނި ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދެއް ލިބިއްޖެ އެވެ.
ހަދިޔާއަކީ ހިންދޫ އާއިލާއަކަށް އުފަން މީހަކަށް ވިޔަސް އޭނާ ވަނީ އިސްލާމް ދީން ޚިޔާރުކޮށް މުސްލިމަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް އޭނާގެ ހިންދޫ މައިންބަފައިން މިކަން ގަބޫލެއް ނުކުރެ އެވެ. އަދި އެމީހުން ބުނަނީ ހަދިޔާގެ ސިކުނޑި ދޮވެލައިގެން އޭނާ އަށް އޮޅުވާލައިގެން ކައިވެނިކޮށް ޝާފިން ޖަހާން އުޅެނީ އައިއެސް ޖަމާއަތަށް ޖިހާދަށް ފޮނުވަން ކަމަށެވެ. އެހެންވެ އިންޑިއާގައި މި މައްސަލައަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.
ހަދިޔާގެ ބައްޕަ ހައިކޯޓަށް މި މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ހަދިޔާ އާއި ޝާފިންގެ ކައިވެނި ރޫޅާލައި ހަދިޔާ އޭނާގެ މައިންބަފައިންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓަށް ހަދިޔާ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ހަދިޔާ ބެލެހެއްޓުން އޭނާ ކިޔަވަމުންދިޔަ ކޮލެޖުގެ ޑީންއާ ހަވާލުކޮށް އޭނާ އަށް ހޮސްޓެލުގައި ދިރިއުޅެވޭ ގޮތް ހަދައިދީފަ އެވެ.
މި މައްސަލަ މިހާރު ބަލަމުން އަންނަ އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އަށް، ހަދިޔާ އާއި ޝާފިންގެ ކައިވެނި ސައްހަތޯ ބަލަން ތަހުގީގެއް ނުކުރެވޭނެ އެވެ. އެންއައިއޭ އިން ބަލާފައި ވަނީ ކެރެލާގައި މީހުން އިސްލާމް ދީނަށް ބަދަލުވެ ކައިވެނިކުރާ ގޮތެވެ. އަދި އެ ރިޕޯޓަށް ބިނާކޮށް ކެރެލާ ހައިކޯޓުން ވަނީ ހަދިޔާ އާއި ޝާފިންގެ ކައިވެނި ރޫޅާލައިފަ އެވެ. މިއީ އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ހޫނު ބަހުސްތަކެއް ކުރަން ދިމާވި މައްސަލަ އެކެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ޖިނާއީ މައްސަލަތަކާއި ސިއްރު ރޭވުންތަކެއްގެ މައްސަލަތަކާއި ކައިވެންޏަކީ ވަކި އެއްޗެއް ކަމަށެވެ. އަދި މިކަމުގައި ހަދިޔާ ބޭނުންވާ ގޮތަކަށް ކަން ނިންމުމުގެ އިޚްތިޔާރު އޭނާއަށް އޮންނަން ވާނެކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
ގަދަކަމުން ދީން ބަދަލުކުރުވިކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަގައި އެ ކޯޓުން ވަނީ ހަދިޔާ އަކީ މި ކޭހުގެ ވަކި ޕާޓީއެއް ކަމަށް ނިންމައި މިކަމުގައި އޭނާ ދެކޭ ގޮތް ލިޔުމަކުން ހުށަހެޅުމަށް އަންގާފަ އެވެ.
"އޭނާ އަކީ ބޮޑުމީހެއް. އޭނާ ކޯޓަށް ހާޒިރުވެ އަހަރެމެން ކުރިމަތީ އެ ބުނަނީ އޭނާ އުޅެނީ ކައިވެނި ކޮށްގެންނޭ. އެހެންވީމަ ކޯޓަށް ކޮން ކަމެއް ކުރެވޭނީ. އޭނާ ކައިވެނިކުރި މީހާގެ ސައްހަކަން އަހަރެމެން ކިހިނެއް ހޯދާނީ. އެމީހުންގެ ކައިވެނީގެ ސައްހަކަމާ މެދު ސުވާލު އުފެއްދޭނީ އޭނާއަށް ނުވަތަ ފިރިހެންމީހާ އަށް،" ހަދިޔާގެ މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ބުނެފައިވެ އެވެ.
ހަދިޔާ، 24، އަކީ އަކިލާ އަޝޯކަންގެ ނަމުގައި އުޅެ ބޮޑުވި މީހެކެވެ. ހަދިޔާ އިސްލާމްވެ މުސްލިމަކާ ކައިވެނި ކުރީ މައިންބަފައިންނަށް ސިއްރުންނެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމުން ކައިވެނި ރޫޅަލައި ހަދިޔާ އޭނާގެ ބައްޕަގެ ގޭގައި ގައިދީއެއް ގޮތަށް ގެންގުޅެން ފެށި އެވެ. މަތީ ކޯޓުން ހަދިޔާ މިނިވަންކޮށް ކޮލެޖުގެ ޑީންއާ ހަވާލުކުީ ފަހުންނެވެ.
ހަދިޔާގެ ބައްޕަ ބުނަނީ މިއީ "ލަވް ޖިހާދު" ކަމަށެވެ. އިސްލާމުގެ ތެރެއިން ބަޔަކު ހިންދޫ އަންހެނުންނަށް ފައިސާ، ލޯބި ނުވަތަ ހަވަސްގެ ދަޅަ ދައްކައިގެން އިސްލާމް ދީނަށް ވައްދާކަމަށް ކެރެލާގެ ހިންދޫން ގަބޫލު ކުރެ އެވެ. އަދި އިސްލާމްވާ މީހުންނަށް "ލަވް ޖިހާދު" އެމީހުން ބޭނުންކުރެ އެވެ.
ހަދިޔާގެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހު 22 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.