24 ޖެނުއަރީ 2018 - 16:14

ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ފަނޑިޔާރުން ކަނޑައަޅައިފި އެވެ.
ޖޭއެސްސީން ބުނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ނިޔާޒް ކަމަށެވެ.
ކްރިމިނަލް ކޯޓަށް އައްޔަން ކުރަން ނިންމީ ޖޭއެސްސީން ބުނިގޮތުގައި، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ޝަހީދާއި ސ. ހިތަދޫ އޯޝަން ލީޑް އަހުމަދު ހައިލަމް އެވެ.
ޖޭއެސްސީން ބުނީ ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ނިންމީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑަައިގެންނެވި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ނިޔާޒް އައްޔަން ކުރަން ޖޭއެސްސީން ނިންމީ އެ ކޯޓުގެ ބެންޗުން މިހާރު ހުސްވެފައި އޮތް ހަތަރު މަގާމުގެ ތެރެއިން މަގާމަކަށެވެ. ބާކީ އޮތް ތިން މަގާމަށް ބޭފުޅުން އަދި އައްޔަނެއް ނުކުރެ އެވެ.
ހައި ކޯޓުގެ ބެންޗުން ހަތަރު މަގާމެއް މިއަދާ ހަމައަށް ހުސްކޮށް އޮތީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔާވެ ވަޑައިގަތުމުން ދެ މަގާމެއް ހުސްވުމާއި އަދި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11 އަށް އިތުރު ކުރުމުންނެވެ. ކުރިން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ނުވަ އެކެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ ކްރިމިނަލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންނެވެ. އެ ކޯޓުގައި ބާކީ އޮތް ދެ މަގާމަށް އަދި ބޭފުޅުން އައްޔަނެއް ނުކުރެ އެވެ.