ޓެސްޓްކޮށްލަން ދަތްއެޅި އައިފޯނު ބެޓެރީ ގޮވައިފި
ޓެސްޓްކޮށްލަން ދަތްއެޅި އައިފޯނު ބެޓެރީ ގޮވައިފި

ބާރު ހުރިތޯ ބެލުމަށް ބެޓެރީގައި ދޫޖެއްސުމަކީ ދިވެހިން ވެސް ކުރާ ކަމެކެވެ. އެކަމަކު ދޫ އައްސިވުން ނޫން ކަމެއް ގިނަ ބަޔަކު ތަޖުރިބާނުކުރެ އެވެ. މި އޮތީ އެކަހަލަ އެކަމަކު ތަންކޮޅެއް ބާރުގަދަ ހާދިސާއެކެވެ.

ޗައިނާގައި މީހަކު އައިފޯނެއްގެ ބެޓެރީ ބަދަލުކުރަން، ފޯނު މަރާމާތުކުރާ ފިހާރައަކަށް ދެ އެވެ. އެ ފިހާރާގައި ހުރި ސެކިޔުރިޓީ ކެމެރާއިން ފެންނަ ގޮތުގައި، ޓެސްޓްކޮށްލުމަށްޓައި މީހަކު ބެޓެރީގައި ދަތްއަޅަ އެވެ. ދަތްއެޅުމާ އެކު ދުންގަނޑެއް އަރަ އެވެ. އަދި ކައުންޓަރު ކައިރީގައި ތިބި އެންމެން ރައްކާތެރި ހިސާބަށް ދުއްވައިގަނެ އެވެ. ތަންކޮޅެއް ދުރުގައި ތިބި މީހުން ވެސް އެ ދިމާ އަށް އެނބުރެ އެވެ. ބެލެވޭ ގޮތުގައި ބާރު އަޑެއް ވެސް އިވުނީ އެވެ.

ޗައިނާ އަކީ ފޭކް މުދާ ގިނަ ގައުމެއް ކަމަށް ބުނާތީ، އެ ބެޓެރީގެ ސައްހަކަމާ މެދު ޝައްކުކުރެވެ އެވެ. ދޭހަ އަކީ އެއީ އެޕަލްގެ އޮރިޖިނަލް ބެޓެރީއެއް ކަމަށް ބެލުމަށް އޮތް ފުރުސަތު ހަނިވުމެވެ.

ސްމާޓްފޯން ބެޓެރީ ގޮވުމަކީ އަދަކު، އިއްޔެއަކު އަލަށް ވެގެން އުޅޭ ކަމެއް ނޫނެވެ. ވަކި ވަރަކަށް ވުރެ ހޫނު ގަދަވުމުން ގޮވައި ހުޅުހިފުމަކީ، ބެޓެރީގެ ތަބީއަތެވެ. ބެޓެރީ އިރައިގެން ދިއުން އަދި ފަޅައިގެންދިއުން ފަދަ ހާލަތްތައް ތަޖުރިބާކުރި ބައެއް މީހުން ފިހިފައި ވެސް ވެ އެވެ.

އައިފޯނަކީ އެޕަލް އިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ އާލާތެކެވެ. އައިފޯނުގެ ބައިތައް އުފެއްދުމަށް އެޕަލް އަށް އެނގި ހުރި ހުރިހާ ޓެކްނޮލޮޖީއެއްގެ ބޭނުންހިފަ އެވެ. އެހެންކަމުން އެޕަލްގެ ޑިވައިސްތަކުން ބަލިކަށިކަން މަދުހާލަތެއްގައި ނޫނީ ފާޅެއް ނުވެ އެވެ. އަދި ވަކިން ބެޓެރީ އަށް އެޕަލް ދޭ އަހަންމިއްޔަތު ބޮޑެވެ.