ހެލިކޮޕްޓަރަކާއި މަތިންދާ ބޯޓެއް ވައިގެ ތެރޭގައި ޖެހި ހަތަރު މީހުން މަރުވެއްޖެ
ހެލިކޮޕްޓަރަކާއި މަތިންދާ ބޯޓެއް ވައިގެ ތެރޭގައި ޖެހި ހަތަރު މީހުން މަރުވެއްޖެ

ފިލިޕްސްބާގް (ޖެނުއަަރީ 24) - ހެލިކޮޕްޓަރަކާއި ކުޑަ މަތިންދާ ބޯޓެއް ޖަރުމަނުގެ ހުޅަނގު ދެކުނުގެ ހިސާބެއްގައި ވައިގެ ތެރޭގައި ޖެހި ހަތަރު މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރެސްކިއު ޖަމާއަތެއް ކަމަށްވާ ޑީއާރުއެފް އިން ބުނީ ފިލިޕްސްބާގު މަތިން ޖެހިފައި ވަނީ ޓްރޭނިން ފްލައިޓެއްގައި އުޅުނު ރެސްކިއު ހެލިކޮޕްޓަރެއް ކަމަށެވެ. އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެ އެވެ. އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ. ޑީއާރްއެފް އިން ބުނީ މަރުވެފައި ވަނީ ހެލިކޮޕްޓަރުގެ ދެ ޕައިލެޓުންނާއި މަތިންދާ ބޯޓުގެ ދެ ޕައިލެޓުން ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ހެލިކޮޕްޓަރާއި މަތިންދާ ބޯޓުގައި ތިބި ޕައިލެޓުން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. މި އެކްސިޑެންޓުގައި އެހެން ބަޔަކު މަރުވި ކަމަށް ތަރުޖަމާން ވިދާޅެއް ނުވެ އެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ނިއުކްލިއާ ޕްލާންޓެއް ހިންގާ ޓައުނެއް ކަމަށްވާ ފިލިޕްސްބާގުގެ އިރުން ތިން މޭލު ދުރުގަ އެވެ.