މޮރީނިއޯގެ ކޯޗުކަމުގައި ކާމިޔާބު ހޯދޭނެ: ރޫނީ
މޮރީނިއޯގެ ކޯޗުކަމުގައި ކާމިޔާބު ހޯދޭނެ: ރޫނީ

މެންޗެސްޓާ (ޖުލައި 13) - މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމަށް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

ރޫނީ ބުނީ ފާއިތުވި ތިން އަހަރުގައި އެ ޓީމަށް ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.

"ފާގަސަން އަށް ފަހު ޔުނައިޓެޑަށް އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓޭ. ގިނަ މައްސަލަތަކެއް ދިމާވި. މޮރީނިއޯ އަކީ ތަޖުރިބާހުރި މޮޅު ކޯޗެއް. އޭނާ މި ޓީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ،" އުމުރުން 30 އަހަރުގެ ރޫނީ ބުންޏެވެ.

ޔުނައިޓެޑަށް އެންމެ ފަހުން ކޯޗުކޮށްދިން ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލްގެ ކޯޗުކަމުގައި ރޫނީ ކުޅުވާފައިވަނީ މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. އެކަމަކު މޮރީނިއޯ ވަނީ އޭނާގެ ޓީމުގައި ރޫނީ މެދުތެރެއަށް ނުކުޅުވާނެ ކަމަށް ބުނެފަ އެވެ.

ރޫނީ ބުނީ ކޮންމެ މަގާމަކަށް ކުޅުނު ނަމަވެސް ބޭނުންވަނީ ޓީމުގެ ފައިދާ އަށް ކުޅެން ކަމަށެވެ.

"މެދުތެރެއަށް ކުޅެން ވެސް އުނދަގުލެއް ނޫން. ކޯޗު ބޭނުންވާ މަގާމަކަށް ކުޅެގެން ޓީމު މޮޅުކޮށްދޭން ބޭނުންވަނީ. މޮރީނިއޯގެ ކޯޗުކަމުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ކަމެއް،" ރޫނީ ބުންޏެވެ.

މޮރީނިއޯ ވަނީ ޔުނައިޓެޑަށް ޕީއެސްޖީގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗާއި ޑޯޓްމަންޑްގެ ހެންރިކް މިކިތާރްޔަން އަދި ވިޔަރެއާލްގެ އެރިކް ބެއިލީ ގެނެސްފަ އެވެ. ރޫނީ ބުނީ އާ ކުޅުންތެރިންނާ އެކު ޓީމު އިތުރަށް ވަރުގަދަވުމަކީ ލިބޭ އިތުރު ހިތްހަމަ ޖެހުމެއް ކަމަށެވެ.