25 ޖެނުއަރީ 2018 - 06:14

ޓެމީ ޑަކްވޯތަކީ އިރާގު ހަނގުރާމައިގައި ބައިވެރިވި އެމެރިކާ ސިފައިންގެ މީހެކެވެ. އެމެރިކާގެ އާމީ ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި އުޅެނިކޮށް ހަނގުރާމައިގެ ތެރޭގައި ހިނގި އެކްސިޑެންޓަކަށް ފަހު ޓެމީގެ ދެ ފައި ވަނީ ބުރިކޮށްލައިފަ އެވެ.
މިހާރު އުމުރުން 50 އަހަރު ފުރެން ގާތްވެފައިވާ ޓަމީ ދާދި ފަހުން އިއުލާން ކުރެއްވި ގޮތުގައި ވަރަށް އަވަހަށް އޭނާއަށް ދަރިއަކު ލިބިވަޑައިގަންނަވާނެ އެވެ. މީގެ މާނައަކީ އެމެރިކާގެ ސެނެޓަރެއްގެ ވަޒީފާ އަދާކުރައްވަނިކޮށް ދަރިއަކު ލިބިވަޑައިގަންނަވާ ފުރަތަމަ އަންހެނަކަށް ޓެމީ ވުމެވެ.
މިހާތަނަށް ކޮންގްރެސްގައި މަސައްކަތް ކުރައްވަނިކޮށް ދަރިން ލިބިވަޑައިގެންފައިވަނީ އެންމެ ނުވަ އަންހެން ބޭފުޅުންނަށެވެ. މި އެންމެންނަށް ވެސް ދަރިން ލިބިވަޑައިގަތީ ހައުސްގެ މަގާމު ފުރުއްވަނިކޮށެވެ. ސެނެޓަކު ނޫނެވެ.
އިރާގު ހަނގުރާމައިގެ ލިބުނު ޒަޚަމްތަކަކާ ގުޅިގެން ފައި ބުރިކޮށްލާފައި ވާތީ ޓެމީ އަކީ ސެނެޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ނުކުޅެދޭ ހަމައެކަނި މެންބަރެވެ.
މީގެ އިތުރަށް ވެސް ޓެމީ ޚާއްސަވާ އެހެން ސަބަބެއް އެބައޮތެވެ. އެއީ ސެނެޓުގައި މަަސައްކަތްކުރައްވާ ތައިލެންޑަށް އުފަން ފުރަތަމަ ސެެނެޓަރެވެ. މަންމައަކީ ޗައިނާ ދަރިކޮޅުގެ މީހެކެވެ. ބައްޕައަކީ ދެ ވަނަ ބޮޑު ހަނގުރާމައިގަ އާއި ވިއެޓްނާމް ހަނގުރާމައިގައި ބައިވެރިވި އެމެރިކާ ސިފައިންގެ މީހެކެވެ.
ޗިކާގޯ ޓްރިބިއުސް އާ ވާހަކަ ދައްކަމުން ޓަމީ ވިދާޅުވީ ވަރަށް ގިނަ ފިރިހެން ސެނެޓަރުންނަށް ވަޒީފާގައި ތިއްބަވަނިކޮށް ދަރިން ލިބިވަޑައިގެންފައި ވިޔަސް އަންހެން ސެނެޓަރުންގެ ތެރެއިން ފުރަތަމަ ދަރިއަކު މި ލިބެނީ އޭނާއަށް ކަމަށެވެ.
ޓެމީގެ 2016ގެ ކެމްޕެއިންގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބައިވެރިވެ ވަޑައިގެން ޓެމީ އަށް ކެމްޕެއިން ކޮށްދެއްވި އެވެ. ޓެމީ ހޮވުނީ ސެނެޓުގައި އޮބާމާ ކުރިން ފުރުއްވި އިިލިނޮއިގެ ސެނެޓު ގޮނޑިއަށެވެ. އޭގެ ކުރިން ޓެމީ ވަނީ އޮބާމާގެ އެސިސްޓެންޓް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.