24 ޖެނުއަރީ 2018 - 13:03

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ހިންގާ ކެފޭގައި ދިރާގު ޕޭ އިއްޔެ ތައާރަފްކޮށްފި އެވެ.
ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ، ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.
ދިރާގުން ބުނީ، ޣިޔާސުއްދީން ސްކޫލްގައި ތައާރަފުކުރި ޚިދުމަތާއެކު، އެތަނުގެ ދަރިވަރުންނަށް ނަގުދު ފައިސާއާ ނުލައި ކެފެޓީރިޔާއިން ގަންނަ ތަކެއްޗަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ ކަމަށެވެ. ދިރާގު ޕޭ އަކީ ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭ ޚިދުމަތެކެވެ.
ދިރާގުން ބުނިގޮތުގައި ޣިޔާސުއްދީން ސްކޫލްގައި ދިރާގު ޕޭގެ ޚިދުމަތް ހޯދުމަށްޓަކައި ދަރިވަރުން ބޭނުން ކުރަން ޖެހޭނީ އެންއެފްސީ ސްޓިކާ އެއް ނުވަތަ މޯބައިން ނަންބަރަކާއި ޕިން ނަންބަރެކެވެ. ނަމަވެސް ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް މެނޭޖް ކުރާނީ ބެލެނިވެރިން ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެހެންކަމުން މި ހިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ކުދިންގެ އިންޓަވަލް ހަރަދު މެނޭޖްކޮށް މޮނިޓާ ކުރެވޭނެ. އަދި ދަރިވަރުންގެ ޓްރާންސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭ އެޕް މެދުވެރިކޮށް ބެލެނިވެރިޔާ އަށް ބަލައިލެވޭނެ. އަދި ޓްރާންސެކްޝަނެއް ހިނގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސްއެމްއެސްއެއް ވެސް ދާނެ. އަދި އެކައުންޓަކުން ފައިސާ ހުސްވެއްޖެނަމަ ދިރާގު ޕޭ އެޕް މެދުވެރިކޮށް ފައިސާ އެޅުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވޭ،" ދިރާގުން ބުންޏެވެ.
ދިރާގު ޕޭ ތައާރަފްކޮށްފައި ވަނީ ޣިޔާސުއްދީން ސްކޫލްގައި ބެލެނިވެރިންނަށް ހުޅުވާލައިގެން ބޭއްވި ހާއްސަ ސެޝަންތަކަކުންނެވެ. ދިރާގު ޕޭ އާންމުކޮށް ބޭނުންކުރަން ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.