25 ޖެނުއަރީ 2018 - 06:13

"ސީކްރެޓް ސުޕަސްޓާ" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއެކު އާމިރު މިހާރު ހުރީ ޗައިނާގެ ޝަންހާއީ ގައެވެ. އޭނާ ދެކިލުމަށްޓަކައި އެތައް ހާސް ފޭނުންނެއް އޭނާ ހުރި ތަނަށް ޖަމާވެފައިވެ އެވެ. އަދި އާމިރާ ބައްދަލުކުރާ ހިތުން އުޅުނު ގިނަ ބަޔަކާ ބައްދަލު ކުރި އެވެ.
އާމިރު ބުނާ ގޮތުގައި ޗައިނާ އަކީ އޭނާއަށް ވަރަށް ޚާއްސަ ގައުމެކެވެ. ސަބަބަކީ އިންޑިޔާ އިން އޭނާގެ ފިލްމުތަކަށް ލިބޭ ވަރަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާ އިން ލިބޭތީ އެވެ. އަދި ޗައިނާ މީހުން އޭނާގެ ފިލްމުތައް ބެލުމަށް ލޯބިކުރާތީ ވަރަށް އުފާވާ ކަމަށް އާމިރު ބުންޏެވެ.
"ސީކްރެޓް ސުޕަސްޓާ" ޗައިނާގައި ރިލީޒްކޮށްފައި މިވަނީ އާމިރުގެ "ދަންގަލް" ރިލީޒްކޮށް ޗައިނާ ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރިތާ އެތައް މަހެއް ފަހުންނެވެ. އަދި މިފިލްމަށް އެންމެ ހަތަރު ދުވަހު ތެރޭގައި 200 ކްރޯޑު (ދެ ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ. މިއީ އިންޑިޔާ އިން މި ފިލްމަށް ލިބުނު އަދަދަށް ވުރެ ދެ ގުނަ އަށް ވުރެ ވެސް މަތީ އަދަދެކެވެ. އިންޑިޔާއިން މުޅި އެކު ލިބުނު ރެކޯޑް ޗައިނާގައި މި ފިލްމު މުގުރާލީ އެންމެ ދެ ދުވަސް ތެރޭގަ އެވެ.
ޗައިނާގައި ހުންނަ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ އަނަންތު ކްރިޝްނަން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އާމިރާ ހެދި މޮޮޔަވެފައިވާ ގިނަ ބަޔަކު އޭނާ ދެކިލަން އެއްވެފައިވާ ކަމަށާއި އާމިރުގެ "ދަންގަލް" އަށް ފަހު އަނެއްކާވެސް އޭނާގެ އިތުރު ފިލްމަކަށް ހަމަ އެހާ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.