ރަޗެލް މޮރިސަން އޮސްކާގެ ތާރީހުގެ ތެރެއަށް
ރަޗެލް މޮރިސަން އޮސްކާގެ ތާރީހުގެ ތެރެއަށް

އަންނަ މާޗް މަހުގެ 4 ވަނަ ދުވަހު 90 ވަނަ އޮސްކާ އެވޯޑް ހަފުލާ ބާއްވާ އިރު، މި އެވޯޑްސްގައި މިހާތަނަށް އަންހެން ފަންނާނަކަށް ނުލިބޭ ޝަރަފެއް ފުރަތަމަ ފަހަރަށް އަންހެނަކު ހޯދައިފި އެވެ. އޮސްކާގެ ދިގު ތާރީހުގައި މިހާތަނަށް އަންހެން ސިނަމޮޓޯގްރާފަރަކު ނުވަތަ ޑިރެކްޓަ އޮފް ފޮޓޯގްރީ ކެޓެގަރީން ނޮމިނޭޓްވެފައެއް ނުވެ އެވެ.

ނަމަވެސް އަންގާރަ ދުވަހު ނޮމިނޭޝަންތައް އިއުލާން ކުރި އިރު، އެންމެ އުފާވެރި އެއް ކަމަކީ "މަޑްބައުންޑް" ގެ ސިނަމޮޓޯގްރާފަރު ރެޗެލް މޮރިސަން އެ ކެޓަގަރީން ނޮމިނޭޓްވެ، އޮސްކާގެ ތާރީހުގެ ތެރެއަށް ގޮސް، އޭނާގެ ނަން ރަން އަކުރުން ލިޔެވިގެން ދިއުމެވެ.

ރެޗެލްއާ އެކު އެންމެ މޮޅު ސިނަމޮޓޯގްރަފީ އަށް ދެން ވާދަ ކުރަނީ ރޮޖާ ޑީކިންސް (ބްލޭޑް ރަނާ 2049)، ބްރޫނޯ ޑެލްބޮނެލް (ޑާކެސްޓް އަވާ)، ހޯއިޓް ވެން ހޮއިޓެމާ (ޑަންކާކް) އަދި މާޓިން މެކްޑޮނާ (ތުރީ ބިލްބޯޑްސް އައުޓްސައިޓް އެބިން، މިސޯރީ) އެވެ.

މި އަހަރުގެ އޮސްކާ އަށް ރެޗެލް ނޮމިނޭޓްވުމުގެ އިތުރަށް އެމެރިކަން ސޮސައިޓީ އޮފް ސިނަމޮޓޯގްރާފާސްގައި ވެސް އޭނާ ކެމެރާ ކުރި "މަޑްބައުންޑް" ވަނީ ނޮމިނޭޓްވެފަ އެވެ.

ރެޗެލް އަށް ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން "މަޑްބައުންޑް" ގެ ޑައިރެކްޓަރު ޑީ ރީޒް ބުނީ ރެޗެލް ކަހަލަ ހުނަރުވެރި އަންހެން އެތައް ސިނަމޮޓޯގްރާފަރުން އެބަތިބި ކަމަށެވެ. އަދި އެ މީހުންގެ ބޭނުން ހިފައި، ހުރި ކުޅަދާނަ ދައްކުވައި ދޭން ފުރުސަތު ދޭން ޖެހޭކަން މިކަމުން ސާބިތުވެއްޖެ ކަމަށް ބުންޏެވެ.

"ހަމައެކަނި ރެޗެލްއެއް ނޫން. މިކަހަލަ ކިތަންމެ ރެޗެލްއެއް އެބަ އުޅޭ. ނިކަން ބަލާލަބަލަ ސެންޑީ ސިސެލް، އެލެން ކޫރަސް،" ނިއުޔޯކް ފިލްމް ކްރިޓިކްސް ސާކްލްގެ ސިނަމޮޓޯގްރަފީ ޕްރައިޒް ވެސް ހާސިލް ކުރި ރެޗެލްއާ ބެހޭ ގޮތުން ޑީ ބުންޏެވެ. "މި މީހުންނަކީ ފިރިހެނުން ކެމެރާމަނުންނަށް ދޫނުކުރާ ވަރުގެ މީހުން. އަހަރެން ވަރަށް އުފާވެއްޖެ މަޑްބައުންޑްގައި ރެޗެލް ބައިވެރި ކުރެވުނީތީ."

ސިނަމޮޓޯގްރާފަރެއްގެ ގޮތުގައި 2002 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ރެޗެލް، 39، ކެމެރާކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ކޭކް (2014)، ފުރްޓްވެލް ސްޓޭޝަން (2013) އަދި ޑޯޕް (2015) ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި މާވެލްގެ "ބްލަކް ޕެންތާ" ހިމެނެ އެވެ.

ރެޗެލްގެ އޮސްކާ ނޮމިނޭޝަނާ އެކު ހޮލީވުޑްގައި އިތުރު ދާއިރާއަކުން އަންހެނުންގެ ބާރުވެރިކަން ދައްކުވައި ދީފި އެވެ. ދެން އޮތީ އޭނާ އަށް އޮސްކާ އުފުލައިލެވިދާނެތޯ ބަލައިލަން މަޑުކޮށްލުމެވެ.