އަނިލް ކަޕޫރުގެ "ރާމް ލަކަން" ބިރިޔާނީ
އަނިލް ކަޕޫރުގެ "ރާމް ލަކަން" ބިރިޔާނީ

ފޭނުން އެމީހުން ލޯބިވާ ފިލްމީ ތަރިން ދެކެ ވާ ލޯބި ހާމަކުރުމަށް ޚާއްސަ ކަންތައްތައް ކޮށް އުޅެ އެވެ. އިންޑިއާގެ މުމްބައިގެ ބައިކުލާ ކިޔާ ހިސާބުގަނޑުގައި ހުންނަ ރެސްޓޯރެންޓެއްގައި ތައްޔާރުކުރާ ޚާއްސަ ބިރިޔާނީ އަކަށް "ރާމް ލަކަން"ގެ ނަން ދީގެން އަނިލް ކަޕޫރުގެ ފޭނުން ވަނީ އޭނާގެ އެ ފިލްމުގެ ހަނދާންތައް އާކޮށްފަ އެވެ.

އާ އަހަރާ ދިމާކޮށް އެ ރެސްޓޯރަންޓުން އަލަށް ތައްޔާރުކުރި މެނޫގައި "ލަކަން ޖަކާސް ބިރިޔާނީ" ހިމަނާފައި ވެއެވެ. މިއީ "ރާމް ލަކަން"ގައި އަނިލްކުޅެފައިވާ ލަކަންގެ ކެރެކްޓާ އާއި އޭނާ ވަރަށް ގިނައިން އެ ފިލްމުގައި ބޭނުންކުރި ބަހެއް ކަމަށްވާ "ޖަކާސް" ގުޅުވައިގެން ދީފައިވާ ނަމެކެވެ.

"ރާމް ލަކަން" ރިލީޒްކުރިތާ 28 އަހަރު ފުރިފައި ވިޔަސް ފިލްމުގެ ފޭނުން މިހާރު ވެސް ވަރަށް ގިނަކަން މިކަމުން ވެސް ސާބިތުވެ އެވެ. "ލަކަން ޖަކާސް" ބިރިޔާނީގެ ރެސިޕީ ހެދީ އަނިލްގެ ޚާއްސަ ޝެފެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި މީހެކެވެ.

މި ފަދަ ބިރިޔާނީއެއް ރެސްޓޯރެންޓެއްގައި ވިއްކާ ޚަބަރު އަނިލް އަށް ވެސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ޓީވީން އެ ޚަބަރު އަޑުއަހާފައި ހައިރާންވި ކަމަށް އަނިލް ބުންޏެވެ. އޭނާގެ އެ ކެރެކްޓާ މިހާ ގިނަ ދުވަސްވީއިރު ވެސް މީހުން ހަނދާންކުރާކަން އެނގުމުން ވަރަށް އުފާވި ކަމަށް ވެސް އަނިލް ބުންޏެވެ.

އުމުުރުން 60 އަހަރަށް ވުރެ މަތިވިޔަސް މިޒަމާނުގެ އެކްޓަރުންނަށް ލިބޭ ވަރަށް ނުވަތަ އެއަށް ވުރެ ވެސް ގިނައިން މިހާރުވެސް އަނިލް އަށް ފިލްމު ކުޅެން ލިބެ އެވެ.

އަނިލް މިހާރު ޝޫޓްކުރަމުން އަންނަނީ އައިޝްވަރިޔާ ރާއީއާ އެކު ކުޅޭ "ފޭން ޚާން" އެވެ. އަދި ސަލްމާން ޚާން ލީޑް ރޯލު ކުޅެ ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ "ރޭސް 3"ގައި ވެސް އޭނާ ވަރަށް މުހިއްމު ރޯލެއް ކުޅޭނެ އެވެ. އަދި މާދުރީ ޑިކްޝިޓް އާއި އަޖޭ ދޭވްގަންއާ އެކު "ޓޯޓަލް ދަމާލް" ފެށުމުގެ ތައްޔާރީތައް ވެސް އަނިލް ދަނީ ވަމުންނެވެ.