ޕަދްމާވަތުގެ ރިވިއު: ފިލްމުގެ ދިރުމަކީ ރަންވީރު
ޕަދްމާވަތުގެ ރިވިއު: ފިލްމުގެ ދިރުމަކީ ރަންވީރު

އިންޑިއާގެ އެންޓަޓައިންމަންޓް ޖާނަލިސްޓުންނަށާއި ޓްރޭޑް އެކްސްޕާޓުންނަށް ޚާއްސަކޮށްގެން "ޕަދްމާވަތު"ގެ ޚާއްސަ ޝޯއެއް އަަންގާރަ ދުވަހުރޭ ވަނީ ބާއްވައިފަ އެވެ. ޝޯ ބެލި ނޫސްވެރިންގެ ނަޒަރުގައި ސަންޖޭ ލީލާ ބާންސާލީގެ މި ފިލްމަކީ "މާސްޓަޕީސް" އެކެވެ.

ޕަދްމާވަތުގެ ރިވިއު: ފިލްމުގެ ދިރުމަކީ ރަންވީރު
ޕަދްމާވަތުގެ ރިވިއު: ފިލްމުގެ ދިރުމަކީ ރަންވީރު

ފިިލްމު ބެލި އެންމެންގެ ހިތް މި ފިލްމު ވަނީ އަތުލައިފަ އެވެ. ހުރިހާ އެންމެން ވެސް ބުނެފައިވަނީ މިއިން ޒަމާނަކުވެސް މިހާ މޮޅު ފިލްމެއް ނުބަލާ ކަމަށެވެ. ފިލްމުގެ ގިނަ ރިވިއުތަކުގައި ނޫސްވެރިން މި ފިލްމަށް ފަސް ތަރިން، ހަތަރު ތަރި ދީފައިވެ އެވެ. މިއީ ވަރަށް މަދު ފިލްމަކަށް ނޫނީ ލިބޭ ވަރެއް ނޫނެވެ.

ފިލްމުގެ ޑައިރެކްޝަން، ސިނަމަޓޯގްރަފީ އަދި ތަރިންގެ ޕާފޯމަންސަށް އެންމެން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.

ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުން ފިލްމުގެ ރޫހަކީ އަދި ދިރުމަކީ ރަންވީރު ސިންގެވެ. އަލާއުއްދީން ޚިލްޖީ ކިޔާ އަނިޔާވެރި ރަސްކަލެއްގެ ރޯލު އޭނާ ކުޅެލާފައިވާލެއް ފުރިހަމަކަމުން ދީޕިކާ އާއި ޝާހިދު ކަޕޫރުގެ މޮޅު ޕާފޯމަންސަށް ވެސް ހިޔަނި އެޅިފައިވާ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ބުނެފައިވެ އެވެ.

ފިލްމު ކްރިޓިކް އަތުލް މޯހަން ކުރި ޓުުވީޓެއްގަައި ބުނެފައި ވަނީ "ޕަދްމާވަތު" އަކީ ލޯ ތަރަތަރަ ޖަހައިގެންދާ ވަރުގެ ފިލްމެއް ކަމަށެވެ. އަދި ރާޖްޕޫތުންގެ ސަގަފާތާއި ތާރީޚު ވަރަށް ފުރިހަމައަށް މި ފިލްމުގައި ދައްކާދީފައިވާ ކަމަށެވެ.

"ބައެއް ފަހަރަށް އޭނާ ބެލުންތެރިން އުފާކުރުވާ. އަނެއްބައި ފަހަރު ލޮލުން ކަރުނަ ހިލުވާލާ. ރާޖްޕޫތެއްގެ ހުރި ރީތިކަމާއި ރާނީއެއްގެ ބާރާއި ވިސްނުން އޭނާ ބެލުންތެރިންނަށް ދައްކައިދޭ،" ދީޕިކާގެ ޕާފޯމަންސަށް ތައުރީފުކުރަމުން ޓްރޭޑް އެނަލިސްޓެއްގެ ޓުވީޓްގައި ލިޔެފައިވެ އެވެ.

ފިލްމް ކްރިޓިކްސް ވަޖީރް ސިންގް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ޕަދްމާވަތު" ޓީމުގައި ބައިވެރިވާ ކޮންމެ މީހަކުވެސް ކުރެވުނު އެންމެ ފުރިހަމައަކަށް މަސައްކަތް ކޮށްފައިވާ ކަަމަށެވެ. އަދި ޓެކްނީޝަނުން ކަމަށް ވިޔަސް އެމީހެއްގެ ހުރި ހުނަރެއް މި ފިލްމުގައި ދައްކާފައިވަނީ އާދަޔާޚިލާފު މޮޅަށް ކަމަށް އޭނާގެ ޓުވީޓްގައިވެ އެވެ.

ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި "ޕަދްމާވަތު" އަކީ ޝާހިދު ކަޕޫރުގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ފިލްމެކެވެ. ޝާހިދަކީ އާދަޔާޚިލާފު މޮޅު އެކްޓަރެއް ނަމަވެސް ފަހަކަށް އައިސް އޭނާ ކުޅުނު ގިނަ ފިލްމުތަކަށް އެކަށީގެންވާ ކާމިޔާބެއް ނުލިބި އޭނާގެ ކެރިއަރު އޮތީ ވަރަށް ބޮޑަށް ވަޅުޖަހައިފަ އެވެ.

މިދިޔަ ތިން އަހަރު ނުކުތް ޝާހިދުގެ "ޝާންދާރް"، "އުޅްތާ ޕަންޖާބު" އަދި "ރަންގޫން" އަށް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ. "ޕަދްމާވަތު" އަކީ ޝާހިދު އަށް ގޭމް ޗޭންޖާ އަކަށް ވާނެ ކަމަށް ގަބޫލުކުރެވެނީ ފިލްމަށް މިހާރު ލިބެމުން އަންނަ ތަރުހީބުންނެވެ.

ޝާހިދުގެ އެއްވެސް ފިލްމަކަށް މިހާތަނަށް 100 ކްރޯޑު (އެއް ބިލިއަން ރުޕީސް) ލިބިފައެއް ނެތެވެ. މިހާރު ބޮކްސް އޮފީސް ރިޕޯޓުތައް ބުނާ ގޮތުން "ޕަދްމާވަތު" އަށް ވަރަށް ފަސޭހައިން މި ވަރު ހޯދޭނެ އެވެ. އެހެންކަމަށް ވެއްޖެ ނަމަ މި ފިލްމު ވާނީ ޝާހިދުގެ ފުރަތަމަ 100 ކްރޯޑު ފިލްމަށެވެ.

"ޕަދްމާވަތު" ގައި ޝާހިދު ކުޅެފައިވަނީ ވަރަށް ރަނގަޅު ރަސްކަލެއްގެ ރޯލެވެ. ރަންވީރުގެ ރޯލާ އެއްވަރަށް މި ރޯލުގެ ބާރުގަދަ ނޫނަސް ޝާހިދު ވަނީ އޭނާއާ ހަވާލުކުރި މަސައްކަތް ވަރަށް ރަނގަޅަށް ފުރިހަމަ ކޮށްފައި ކަމަށް ފިލްމު ބެލި މީހުން އެއްބަސްވެ އެވެ. އަދި އެކަށީގެންވާ ރަނގަޅު ރޯލުތައް ލިބޭނަމަ ވަރަށް ފުރިހަމަ ޕާފޯމަންސެއް އޭނާ ދައްކާނެކަން މި ފިލްމުން ވަނީ ޔަގީންވެފަ އެވެ.