އިދިކޮޅު ފަރާތްތައް ބަލިކުރާނީ ވާދަކޮށްގެން، އިންތިހާބު މިނިވަންވާނެ: ޝައިނީ
އިދިކޮޅު ފަރާތްތައް ބަލިކުރާނީ ވާދަކޮށްގެން، އިންތިހާބު މިނިވަންވާނެ: ޝައިނީ

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން، އިިދިކޮޅު ފަރާތްތައް ބަލިކުރާނީ ވާދަވެރި އިންތިހާބަކުން ކަމަށާއި އެ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވެސް ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތައް ބަލިކުރާނީ ވާދަކޮށްގެން، އިންތިހާބު މިނިވަންވާނެ: ޝައިނީ
އިދިކޮޅު ފަރާތްތައް ބަލިކުރާނީ ވާދަކޮށްގެން، އިންތިހާބު މިނިވަންވާނެ: ޝައިނީ

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖޭން ހޯދުމަށް ކުރަމުންދާ ކެމްޕޭންގައި ތާއީދު ހޯއްދެވުމަށް އެކި ގައުމުތަކަށް ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މިނިވަން އިންތިހާބެއް ބާއްވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުތަކެއް ކުރިއަސް މިނިވަން އިންތިހާބެއް ނުބާއްވަން ސަރުކާރުން ކުރާ އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ބޭނުން ވަނީ ވަރަށް ވާދަވެރި މިނިވަން އިންތިހާބަކުން އިދިކޮޅު ފަރާތްތައް ބަލިކޮށްފައި ރައީސް ޔާމީން 2018 ގައި ހޮވަން. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން އިދިކޮޅު އެއްވެސް ފަރާތެއް ނެތި އިލެކްޝަނަކަށް ދާކަށް،" ޝައިނީ ވިދާޅުވި އެވެ.

މިހެން މިކަން އޮތަސް، މިހާރު ސުވާލު އުފެދިފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް އެ ފުރުސަތު ދެއްވަފާނެތޯ ކަމަށް ޝައިނީ ވިދާޅުވި އެވެ. ސަބަބަކީ، އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަން އެނގިވަޑައިގެން ހުންނަވައި ވެސް ދޫނުދެއްވައި އިދިކޮޅު ފަރާތްތައް "ގުނބޯ ހައްދަމުން" ގެންދަވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް ކުރިމަތިނުލެވެންޏާ އެހެން އެއްވެސް ފަރާތަކަށް ކުރިމަތިލިޔަ ނުދޭން އެހެން ނޫނިއްޔާ ރައީސް ނަޝީދު ބޭނުންވާ ކޮންމެ ކަމެއް ކުރެވޭނެ މީހަކު ހޯދުމަށްޓަކައި ދެން ތިބި އެއްވެސް ޕާޓީއެއްގެ މެމްބަރަކަށް ފުރުސަތު ނުދިނުމަށްޓަކައި މިހާރު ވެސް ލަސްކުރައްވަމުން އެ ގެންދަވަނީ،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ކާމިޔާބުކުރި ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވަމުން ޝައިނީ ވިދާޅުވީ އެ އިންތިހާބު ވެސް ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ކަމަށެވެ. އިންތިހާބު ބޭއްވުމުގެ ކުރިން، މިނިވަން ނުވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަށް ފަހު، ގޮނޑިތައް ކާމިޔާބުވާން ފެށުމުން އެ އިންތިހާބު ރަނގަޅު ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދިވެހިންނަށް ވެސް މިހާރު ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ އިންތިހާބަށް ވަޑައިގަތް އިންޓަނޭޝަނަލް އޮބްޒާވަރުންގެ ރިޕޯޓުތައް އެބަހުރި ދެން އޮންނަ އިންތިހާބެއްގައި ވަޑައިގަންނަވާ އޮބްޒާވަރުން ކިޔަން ވެސް. އެހެންވީމަ ދިވެހިންނަކީ ދިވެހިންގެ މަސްލަހަތު ހިފެހެއްޓޭނެ ބައެއް ކަން ވަނީ ދައްކައިދީފައި،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ޕީޕީއެމާއެކު ރައީސް ޔާމީންގެ ކޯލިޝަންގައި ތިބި އެމްޑީއޭ އާއި ޑީއާރުޕީ އެއްކޮށްލުމުން "ބޮޑު ތަނުން ރާއްޖޭގެ މެޖޯރިޓީ" އެވެ. އިންތިހާބުގައި އެ މަނިކުފާނު ބަލި ކޮށްލެވޭވަރުގެ އިދިކޮޅު ކެންޑިޑޭޓަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.