24 ޖެނުއަރީ 2018 - 09:37

ނިޔޯން، ސްވިޒަލެންޑް (ޖެނުއަރީ 24) - ފުޓްބޯޅަ ކުޅުންތެރިން އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވާއިރު އޭޖެންޓް ފީ ނެގުމުގައި އަމަލުކުރަންވީ ގަވާއިދުތަކެއް ކަނޑައެޅުމަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއިން މަޝްވަރާ ކޮށްފި އެވެ.
ސްވިޒަލެންޑްގެ ނިޔޯންގައި އިއްޔެ ޕްރޮފެޝަނަލް ފުޓްބޯލް ސްޓްރެޓިޖީ ގްރޫޕް (ޕީއެފްއެސްޖީ) އިން ބޭއްވި ބައްދަލުވުމުގައި ވަނީ ކުޅުންތެރިންގެ ޓްރާންސްފާތަކުގައި ގަވާއިދާ ހިލާފަށް އޭޖެންޓުން ފީ ނަގަމުންދާތީ އޭގެ ސަބަބުން ކްލަބްތަކާއި ކުޅުންތެރިންނަށް ގެއްލުންތަކެއް ވަމުންދާތީ އެކަން ހުއްޓުވޭނެ ގޮތްތަކެއް ހެދުމަށް މަޝްވަރާކޮށްފަ އެވެ.
މީޑިއާގައި ދާދި ފަހުން އެންމެ ބޮޑަށް ދެކެވުނު ވާހަކަތަކަކީ ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާގެ ތަރި ނޭމާ ގެނައިރު އޭނާގެ އޭޖެންޓަށް ގިނަ ފައިސާތަކެއް ދިން ކަމުގެ ތުހުމަތުތަކާއި މެންޗެސްޓާ ޔުނައިޓުން ޕައުލް ޕޮގްބާ އާއި އަލެކްސިސް ސަންޗޭޒް ގެނައިިއިރު އެ ދެ ކުޅުންތެރިންގެ އޭޖެންޓުންނަށް ބޮޑު ފީއެއް ދީފައިވާ ވާހަަކަ އެވެ.
ރިޕޯޓްތައް ބުނާގޮތުން 2016 ވަނަ އަހަރު ޕޮގްބާ ޔުނައިޓެޑަށް ބަދަލުވިއިރު އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް ވަނީ 24 މިލިއަން ޕައުންޑް ދީފަ އެވެ. އަދި ދާދި ފަހުން އާސެނަލާއި ޔުނައިޓެޑުން އަލެކްސިސް ސަންޗޭޒާއި ހެންރިކް މިކިތާރްޔަން ބަދަލުކުރި ޓްރާންސްފާގައި ސަންޗޭޒްގެ އޭޖެންޓް ފެނާންޑޯ ފެލިސެވިޗް ވަނީ 10 މިލިއަން ޕައުންޑްގެ ފީ އެއް ނަަގައިފަ އެވެ.
ޕީއެފްއެސްޖީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯޅައިގެ އެކި ހިއްސާދާރުންނަށް ވެސް ފައިދާވާނެ ގޮތެއް ހޯދުން މުހިއްމު ކަމަށާއި އޭޖެންޓީ ފީ އާއި އެހެނިހެން ކަންތައްތައް ވެސް މޮނިޓާކޮށް ރަނގަޅު އުސޫލެއްގެ ތެރެއިން ގެއްދިއުން މުހިއްމު ކަމަށެވެ. އަދި ފުޓްބޯޅައިގެ ކޮންމެ ޓްރާންސްފާއެއްގެ ކަންތައްތައް ވެސް ކުރިއަށްދާން ޖެހޭނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އޭޖެންޓީ ފީ ނެގުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިންތަކެއް ހެދުން މުހިއްމު ކަމަށާއި ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދު ތެރޭގައި އޭޖެންޓް ފީ ނެގުމުގެ މިންތަކެއް ހިމެނުން މުހިއްމުކަމަށް ޕީއެފްއެސްޖީގެ ބަޔާނުގައިވެ އެވެ.