24 ޖެނުއަރީ 2018 - 09:04

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރަށުން ބޭރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން 1-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ބޭނުންވި ކަންތައް ހާސިލްވުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިއީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީން އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
ޓީސީ މި މެޗުން މޮޅުކޮށްދިން ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅޭ ކިރިގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވް އެވެ. ސައިފުން ދެ ވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެންމެ ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
އިއްޔެގެ މެޗުގައި ދެ ޓީމަށް ވެސް ދިމާވި އެންމެ ބޮޑު އެއް މައްސަަލަ އަކީ ދަނޑުގެ ހާލަތު ރަނގަޅުނުވުމެވެ. މެޗަށް ފަހު ނިޒާމްބެ ވެސް އެކަން ފާހަގަކުރި އެވެ.
"އަހަރެމެން އުއްމީދުކުރީ ވެސް އުނދަގޫ މެޗަކަށް. ހަމަ އެގޮތަށް މެޗު ދިޔައީވެސް. ދަނޑު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން. އެކަމަކު މެޗު ދިޔަ ގޮތް ރަނގަޅު. ހަގީގަތުގައި ހުރިހާ ކަމަކަށް ވުރެ މުހިއްމީ މޮޅެއް. އެކަން ހާސިލްވެއްޖެ. ސައިފުން ވަރަށް މަަސައްކަތްކުރި އަމިއްލަ ދަނޑުގައި މޮޅެއް ހޯދަން،" އިއްޔެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ސައިފުން ވަނީ ބަންގްލަދޭޝް ލީގުގެ އެހެން ޓީމުތަކަށް ކުޅޭ ފެންވަރު ރަނގަޅު ކުޅުންތެރިން ލޯން އުސޫލުން އެ ޓީމަށް ގެނެސްފަ އެވެ. އިއްޔެގެ މެޗުގައި އެ ޓީމުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އޭގެ ތެރެއިން ބައެއް ބޯޅަތަކެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ސައިފްގެ ކޯޗު ރަޔާން ނޯތުމޯ ބުނީ އަންނަ އަންގާރަ ދުވަހު މާލޭގައި ކުޅޭ މެޗުން ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"އަހަރެންގެ ކޮންފިޑެންސް އެބައޮތް އަވޭ މެޗުން މޮޅުވެވޭނެ ކަމަށް. އެއީ އެހާ ވަރަށް ފުރުސަތު ތަނަވަސްކުރެވިއްޖެ. ލަނޑު ނުޖެހުން މައްސަލަ އަކީ. ދެން ކުރިއަށް މި އޮތް ދުވަސްތަކުގެ ބޭނުންހިފައި އެކަން ރަނގަޅު ކޮށްލާނަން،" ނޯތުމޯ ބުންޏެވެ.
މި މެޗުން ޓީސީ މޮޅުވުމުން އަންނަ ހަފްތާގައި މާލޭގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ޕްލޭއޮފް ބުރުގެ ޖާގައެއް ހޯދޭނެ އެވެ. ޕްލޭއޮފް ބުރުގެ ޖާގައެއް ޓީސީ އަށް ލިބިއްޖެ ނަމަ އެ ޓީމު ކުޅޭނީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި އިންޑިއާގެ ބެންގަލޫރާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އިއްޔެ ބޫޓާންގެ ތިމްޕޫގައި ޓްރާންސްޕޯޓާއި ބެންގަލޫރު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.