ބްރިސްޓަލް ބަލިކޮށް ސިޓީ ލީގު ކަޕް ފައިނަލަށް
ބްރިސްޓަލް ބަލިކޮށް ސިޓީ ލީގު ކަޕް ފައިނަލަށް

ބްރިސްޓަލް، އިންގްލެންޑް (ޖެނުއަރީ 24) - ފަހު ވަގުތު ކެވިން ޑިބްރޭނާ ވައްދާލި ގޯލާ އެކު 3-2 އިން ބްރިސްޓަލް ސިޓީ ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.

މި ދެ ޓީމު ސިޓީ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. ރޭގެ މޮޅާ އެކު ސިޓީ ފައިނަލުން ޖާގަ ހޯދީ 5-3 ގެ އެގްރިގޭޓް ނަތީޖާ އަކުން ބްރިސްޓަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފުރަތަމަ ހާފުގައި ލިރޯއީ ސާނޭގެ ގޯލުން ސިޓީ ލީޑުނެގިއިރު، ދެ ވަނަ ހާފް ފެށިގެން ހަތަރު މިނިޓް ތެރޭ ސާޖިއޯ އަގުއޭރޯ ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. ސިޓީ ހަމަޖެހިލައިގެން ތިއްބައި ބްރިސްޓަލްގެ މާލޮން ޕެކް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އުއްމީދު އާ ކޮށްދީފަ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި އަޑެން ފްލިންޓް ބްރިސްޓަލް އަށް އެއްވަރުކޮށްދިނުމުން ސިޓީ ހާސްވި އެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ޑިބްރޭނާ ވަނީ ސިޓީ ގޯލު ޖަހައި ސިޓީ މޮޅުކޮށްދީފަ އެވެ.

މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގެ 500 ވަނަ މެޗެވެ. އޭގެ ތެެރެއިން 363 މެޗުން ގާޑިއޯލާ ވަނީ މޮޅުވެފަ އެވެ. އަދި މި މެޗަކީ އޭނާ ސިޓީ އަށް ކޯޗުކޮށްދިން 92 މެޗުގެ ތެރެއިން ހޯދި 63 ވަނަ މޮޅެވެ.

މިއީ ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީން މުބާރާތެއްގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭނާ ބުނީ މިއީ އޭނާ އަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

"މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކުރިއަށް އެޅުނު ފިޔަވަޅެއް. ހަމަ އެ ގޮތަށް ސިޓީ އެހެން ލެވެލަކަށް ދިއުމަށް ކުރާ މަސައްކަތަަށް ވެސް ލިބުނު ހިތްވަރެއް،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހު ކުޅޭ ލީގު ކަޕް ފައިނަލުގައި ސިޓީއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ އާސެނަލާއި ޗެލްސީ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗަށް ފަހު އެވެ.