ލޯގަނޑު ވެސް ސްމާޓްވެއްޖެ
ލޯގަނޑު ވެސް ސްމާޓްވެއްޖެ

އެންމެ ދޮނީ ކާކުތޯ އަހަން ލޯގަނޑާ ސުވާލުކޮށް ލޯގަނޑު ޖަވާބުދިން ވާހަކަ އަޑުއެހިންހެއްޔެވެ؟ އެއީ 19 ވަނަ ގަރުނުގައި ޖަރުމަނުވިލާތުގައި ކިޔައި އުޅުނު ވާހަކައިގެ މައްޗަށް ބިނާކޮށް، ކާޓޫނުފިލްމު އުފައްދާ މަޝްހޫރު ކުންފުނި ވޯލްޓް ޑިޒްނީއިން 1937 ވަނަ އަހަރު އުފެއްދި "ސްނޯވައިޓް އެންޑް ދަ ސެވަން ޑުވޯފްސް" ކާޓޫނުގެ މަންޒަރެކެވެ. އެތައް ޒަމާނަކަށްފަހު އެކަން މިއަދު ހަގީގަތަކަށްވަނީއެވެ.

ވައިޔޯ މިރަ އަކީ ސްމާޓް ލަގަބު ލިބިފައިވާ ލޯގަނޑެކެވެ. ޓަޗް ލެޑް ބޮކީގެ އައްޔާ އެކު ފަރުމާކޮށްފައިވާ މީގެ ލޯގަނޑު، ކޮންމެ ތާކު ބެހެއްޓިޔަސް ހުންނާނީ ހެޔޮވަރު ވަރަކަށް ދިއްލިފައެވެ. ދިގަށްވިޔަސް ހުރަހަށްވިޔަސް މި ލޯގަނޑު ފާރުގައި ބެހެއްޓެއެވެ. އެއް ފިތުން ބްލޫޓޫތާ ގުޅުވައިދެއެވެ. ފޯނެއް އަތުވެއްޖިއްޔާ ބްލޫޓޫތުން ލޯގަނޑާ ގުޅުވައިގެން ފޯނަށް ޖަވާބުދެވެއެވެ.

ފާޚާނާގައި ވައިޔޯ މިރަ ބަހައްޓާފައި ހުރިއްޔާ ލޯގަނޑަށް ފުސް ނުބުރާނެހެން އެއް ފިތުން ހަމަޖައްސާލެވެއެވެ. ފެންވަރަން ފެށުމުގެ ކުރިން "އެންޓި ފޮގް" މޯޑަށް ލާންވީއެވެ. މި ލޯގަނޑުގައި ބޭނުންކުރާ ބެޓެރީގެ ބާރު ހަ ގަޑިއިރަށް ހިފަހައްޓައިދެއެވެ. ނޫނީ ކަރަންޓަށް ޖަހައިގެން ވެސް ބޭނުންކުރެވެއެވެ.