26 ޖެނުއަރީ 2018 - 06:12
މިހާރު ކުދިންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ވައިފައި ވެސް ހިމެނެން ފަށައިފިއެވެ. ނަމަވެސް ރައްކާތެރި ގޮތުގައި އޭގެ ބޭނުން ހިފާނެ ގޮތާއި ވައިފައިގެ ބޭނުން ކުރެވޭނެ މިންގަނޑު ދަސްކޮށްދޭން ޖެހެނީ ބެލެނިވެރިންނާއި މައިންބަފައިންނެވެ. މިކަމަށް ލުއިފަސޭހަ މަގުތައް މިހާރު އަންނަނީ ފެންނަމުންނެވެ.
ރައިފައި ޕޯޒް ބަޓްންއަކީ ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް ގޭގެ ވައިފައިގެ މައްޗަށް ބެލެނިވެރިންނަށް ބާރު ހިންގައިދޭ ވަސީލަތެކެވެ. މިއީ ގޭގައި ހުންނަ ވައިފައި ރައުޓަރާ ގުޅޭ ގޮތަށް ހަދާފައިވާ ކުޑަ މޯޑަމްއެކެވެ. ބޭނުން އިރަކު ވައިފައި ދޫކުރުމާއި ހުއްޓުމުގެ ބާރު އޮންނާނީ ބެލެނިވެރިންގެ އަތްމަތީގައި އޮންނަ ސްމާޓްފޯނު އެޕްގައެވެ. ބޭނުމިއްޔާ ވައިފައި ދޫކުރާނެ ވަކި ވަގުތުތަކެއް ކަނޑައެޅެއެވެ. ނޫންނަމަ ވައިފައި ދޫކޮށްފަ ބަހައްޓާނެ ވަކި މުހުލަތެއް އިޚުތިޔާރުކުރެވެއެވެ. މައިގަނޑު މަގުސަދަކީ ކުދިން ސްކްރީންތަކަށް ގެއްލި ތިބުމަށް ހައްދެއް ކަނޑައެޅުމެވެ.
ރައިފައި ގެންގުޅުމުގައި ފަސޭހަ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ އެސްއެމްއެސްގެ ޒަރީއާއިން ރައިފައިއާ މުއާމަލާތު ކުރެވުމެވެ. ރައިފައި ޖައްސަންވިޔަސް ކަނޑާލަންވިޔަސް ވަކި އިރަކުން ކަނޑާލަން ބޭނުންވިޔަސް ޓެކްސްޓް މެސެޖެއް ފޮނުވާލައިގެން އެކަން ކުރެވިދާނެ އެވެ.
ރައިފައި އަކީ ކުދިން އިންޓަނެޓުގައި ހޭދަކުރާ ވަގުތާއި ފިލާވަޅު ހެދުމާއި ގޭތެރެގައި އެކި ކަންކަން ކުރުމަށް ހޭދަކުރާ ވަގުތާއި ކުޅިވަރު ކުޅެން ލިބޭ ވަގުތު އަންދާޒާކޮށްދޭނެ އެހީތެރިޔެކެވެ.