25 ޖެނުއަރީ 2018 - 06:16

ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ޒަމާނާއެކު ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދުވަސްވަރާ ދިމާކޮށް ސްކޫލްކުދިންނަށް އަމާޒުކޮށްގެން ލެނޯވޯއިން އާ ލެޕްޓޮޕްތަކެއް ބާޒާރަށް ނެރެން ތައްޔާރުވާން ފަށައިފި އެވެ. މީގެތެރޭގައި ތިން ކްރޯމްބުކް ވެސް ހިމެނެއެވެ.
މިފަހަރު މި ނެރޭ ލެޕްޓޮޕްތައް ފަރުމާކޮށްފައި ވަނީ ކުޑަކުދިންގެ އަތްމަތީގައި ދިމާވެދާނެ ހުރިހާ ގެއްލުމަކަށް ވިސްނައިގެންނެވެ. ފުލުގައި ހުރީ ރަބަރު ބަމްޕަރެވެ. ކީބޯޑުތައް ހުރީ ވަކި ނުކުރެވޭނެ ފެންވަރަށް ހަރުކޮށްފައެވެ. ހުޅުވާލައްޕާ ހުޅުތައް ވެސް އާދަޔާ ޚިލާފަށް ވަރުގަދައެވެ.
ކިޔަވާކުދިންގެ ބޭނުމަށް މިފަހަރު ތައާރަފްކުރާ ލެނޯވޯ 500އީ ގައި ޕްރެޝަ ސެންސިޓިވް ޕެންއަކާއި ލެޕްޓޮޕްގެ ނުފުށުގައި 5 މެގަޕިކްސަލްގެ ކެމެރާއެއް ހިމެނެއެވެ. ބޭނުން ނަމަ ބޯޑުގައިވާ ފިލާވަޅުގެ ފޮޓޯއެއް ނަގަންވީއެވެ. ނޫންނަމަ ހެދި ޕްރޮޖެކްޓްގެ ފޮޓޯއެއް ވެސް ނެގިދާނެއެވެ. މި ކޮންވާޓިބްލް ކްރޯމްބުކް މަސައްކަތްކުރަނީ އިންޓަލް ސެލެރޯން ޕްރޮސެސަރެއްގެ އެހީގައެވެ. 8ޖީބީ ރެމްއަކާއި 64ޖީބީ ރައްކާ ކުރެވޭނެ ޖާގަ މީގައި ހުރެއެވެ. ލެނޯވޯ 500އީގެ ސްކްރީނަކީ 11.6އިންޗީގެ ހައިޑެފިނިޝަން ޓަޗްސްކްރީނެކެވެ. މީގެ ލެޕްޓޮޕް ވިއްކާނީ 349 ޑޮލަރަށެވެ.
އަލަށް ތަޢާރަފްކުރާ 300އީ އަކީ ލެޕްޓޮޕް ޒާތުގެ ޓެބްލެޓެކެވެ. މިއީ ކްރޯމްބުކް ނޫނީ ވިންޑޯޒް 10 ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ލެޕްޓޮޕެކެވެ. މީގެ ވިންޑޯޒް މަސައްކަތްކުރަނީ އިންޓަލް އެޕޯލޯ ލޭކް ޕްރޮސެސަރުގެ ބާރުންނެވެ. މީގެ ކްރޯމްބުކް ވަޝަން ހިންގަނީ މީޑިޔާޓެކް އެމްޓީކޭ 8173ސީ ޕްރޮސެސަރުންނެވެ. މި ބާވަތުގެ ލެޕްޓޮޕް އާންމުކޮށް ވިއްކަން ފަށާނީ ފެބްރުއަރީގައެވެ. އަގަކީ 279ޑޮލަރެވެ.
މިފަހަރު ނެރޭ އެންމެ އާދައިގެ ލެޕްޓޮޕަކީ 100އީ އެވެ. 11.6 އިންޗީގެ ޑިސްޕްލޭއެއް ހުންނަ މި ލެޕްޓޮޕް ގައި ހުންނަނީ އިންޓެލް ސެލެރޯން ޕްރޮސެސަރެކެވެ. މާޗު މަހު ބާޒާރަށް ނެރޭ މި ލެޕްޓޮޕްގެ އަގަކީ 219 ޑޮލަރެވެ.