24 ޖެނުއަރީ 2018 - 05:59

އާދިއްތަ ދުވަހާ ގުޅޭ
އަހަރުމެންގެ އޮފީހަކީ، އާންމުންގެ ދިރިއުޅުމާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކާ ގުޅިލާމެހިފައިވާ ތަނެކެވެ. ކަންކަމުގެ ހުއްދައަށް އެދި ވަރަށް ގިނަ ސިޓީތަކާއި ފޯމުތައް އޮފީހަށް ހުށައަޅާނެއެވެ. ބައެއް ހުއްދަ ހުންނާނީ އެތައް މިލިޔަން ރުފިޔާއެއްގެ ވިޔަފާރިޔަކާ ގުޅިފައެވެ. އަވަހަށް ހުއްދަ ލިބިއްޖެ ނަމަ ލިބޭ ފައިދާ ބޮޑުވާނެއެވެ. ހަމަ އެހެންމެ، ލަސްވާ ވަރަކަށް ގެއްލުން ވެސް ބޮޑުވާނެއެވެ. އޮންނަ އުސޫލުން ކަންކަން ހިނގައްޖެއްޔާ އަވަހަކަށް އެއް ކަމެއް ވެސް ނުވާނެއެވެ. މުވައްޒަފުންގެ ފަރުވާ ކުޑަކަމަކުން ނޫނެވެ. އޮބިއޮންނަ ވަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ކަންކަން ކުރަންޖެހޭތީއެވެ. އެހެންނަމަވެސް، އާދައިގެ މުވައްޒަފުންނަށް ކޮށްދެވޭނެ ކަންކަން ހުންނާނެއެވެ. ކިޔުގެ ތަރުތީބު ބަދަލުކޮށްލުމެވެ. ފަހުން އަންނަ ސިޓީ ކުރިޔަށް ޖައްސައިލުމެވެ. ބަދަލުގައި "ހަދިޔާ" ލިބޭނެއެވެ. ހީ ވެސް ނުކުރާ ބޮޑެތި އަދަދުތަކެވެ. އާރިފަކީ ލިބޭތާ ލިބިގަންނަ މީހެކެވެ. ތިރީސް ހާސް ރުފިޔާއަކީ އާރިފުގެ އެންމެ ދަށް ރޭޓެވެ. މަތިވެގެން ގޮސް ލައްކަޔަށް ވެސް އަރައިފައި ހުއްޓެވެ. މެސެޖުތައް އައިސްފައި ހުންނަނީ ތަފާތު އެކި ނަންބަރުތަކުންނެވެ. އެއްވެސް ނަންބަރެއްގައި ނަމެއް ނޯވެއެވެ. އޮންނަނީ ކުރު ލަފުޒެކެވެ. ދެން އޮންނަނީ ހުށައަޅާ އަދަދަކާ މެދު އެއްބަސްވުމުގެ ގޮތުން ދެކެވޭ ވާހަކަތަކެވެ. ކަމުގެ ބާވަތް އެނގިދާނެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނުހުރެއެވެ. އާރިފު ފާޚާނާއިން ނުކުމެގެން އައިއިރު އަހަރެންގެ މޫޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ނިމިއްޖެއެވެ. އެ އިން އެއްވެސް ކަމެއް އަހަންނަށް އެނގުނުކަމަށް ނުހަދައިފި ނަމަ، ވަރަށް ހަމަޖެހިލައިގެން އުފަލުގައި އުޅެންވީއެވެ. ފައިސާ އޮހޭނެއެވެ. އަހަރެން ރިޝްވަތެއް ނުހިފަމެވެ. އެހެން ހިތަށްއަރުވައިލައިފައި އުޅޫނީމައި ނިމުނީއެވެ. އޭނަ ކުރި ކަމެއް އޭނަޔަށެވެ.
ގޭގެ އެންމެންގެ ރުހުން އާރިފު ހޯދިއެވެ. ގުރޫޕުހަދައިގެން ރެސްޓޯރަންޓަށް ގޮސް، އުފަންދުވަސް އައުމުން ހަދިޔާ ދީ ހެދިއެވެ. އާރިފު ގެއަށް އަންނަ ދުވަހަކު ޕިއްޒާ ގެންނާނެއެވެ. އެހެންނޫނީ ކެއުންގަނޑެއް ތައްޔާރު ކޮށްލައެވެ. އާރިފު ގެއަށް ވަނުމާއެކު ގެއަށް ދިރުން އާދެއެވެ. ދައްކާ މަޖާ ވާހަކައާއި، ކޮށްލާ މަޖާ ކަންތައްތަކުން އެންމެންގެ ހިތް އަތުލައެވެ. އެ މަޅިން އަހަރެންގެ މަންމައާއި ބައްޕަ ވެސް ސަލާމަތެއް ނުވިއެވެ. އެ މީހުންނަށް އަގު ބޮޑު ސެންޓާއި، ގަޑިއާއި، ފޯނު ގެނެސްދިނެވެ. އާރިފުގެ ރަނގަޅުކަން ދެއްކީ އެ ގޮތަށެވެ. ހިތް އަތުލީ ހަރާން ލާރިންނެވެ. އެ މަންޒަރުތައް އަހަރެން ބެލީ ހަމަހިމޭންކަމާ އެކުގައި ހިތާ ދެކޮޅަށެވެ. ބުނަން ބޭނުންވެއެވެ. އެކަކު ވެސް އެ ފައިސާގައި ނުޖެހޭށެވެ. އެއީ އަލިފާނެވެ. އެކަމަކު ބުނާކަށް އަހަންނަކަށް ނުކެރެއެވެ. އާރިފު ބޭޒާރުކުރަން ބޭނުން ނުވަނީއެވެ. އަހަންނަކީ އެ މިޒާޖުގެ މީހެއް ނޫނެވެ. އެންމެ ދެރަ ކަމަކީ، އެހާ ގިނަ ފައިސާ އާރިފު ހޯދަނީ ކިހިނެއްތޯ އެކަކު ވެސް ނާހާކަމެވެ.
ރިޝްވަތުގެ ކަށި އަހަރެންގެ ކަރުގައި ހުރަހަށް އަޅައިގަންނާން ފެށިއެވެ. ހިންދިރުވަން އުނދަގޫވާ ވަރަށެވެ. އާރިފު ކެއުމެއް ދިނަސް އަހަރެންގެ ސިކުނޑި ބުނެއެވެ. އެ ކެވެނީ ހަރާން ލާރިއެވެ. އެ ހިސާބުން މޭބޮޑުވާ ގޮތް ވެއެވެ. އެންމެ ފަހުން އެއްޗެއް ނުކައި އަހަރެން ނުކުންނަނީއެވެ. ކާހިތް ކެނޑުނު ކަމަށް ބުނެފައެވެ. ނުވަތަ ބިލު ދައްކަނީ އަހަންނެވެ. މާ ގިނައިން އަހަރެން އެހެން ހަދަން ފެށުމުން އާރިފު އެ ކަމާ އުޒުރުވެރިވާން ފެށިއެވެ. އަހަންނަށް ވުރެ ކުރިން އާރިފު ބިލު ދައްކަން ދިމާކުރިއެވެ. އަހަރެން އެދުނީ އަހަރެން ކެއި އެއްޗެއްސަށް އަހަރެން ފައިސާ ދައްކާށެވެ. ގޮތަކީ ވަރަށް ހެއްވާ ގޮތެކެވެ. އެންމެ ފަހުން އެއީ މައްސަލައަކަށް ވިއެވެ. އަހަންނަށް މާ ކުރިން ވެސް އެނގެއެވެ. އެ ދުވަސް ނަހިއެއް ނުދާނެއެވެ.
"ތި ހީކުރަނީ އާރިފު ލާރި ހޯދާ ގޮތް އަހަންނަށް ނޭނގޭކަމަށްތަ؟" އަހަރެން ދިމާއަށް ބުނީމެވެ. އެހެން މީހަކަށް ނީވޭނެ ވަރަށެވެ. "ފޯނުގަ ހުރި މެސެޖުތައް މަށަށް ފެނިއްޖޭ! ކީއްވެގެން އެ ކަހަލަ ކަންތައް ކުރަނީ؟"
އާރިފު އިރުކޮޅެއް ވާންދެން އެއްޗެއް ނުބުނެ އިނެވެ. އޮޅުވާލަން އިތުރަށް ދެއްކޭނެ ވާހަކައެއް ނެތްކަން އެނގުމުން އާރިފު މަސައްކަތް ކުރީ ދިފާޢު ކުރާށެވެ.
"އެއީ ދެން މައްސަލައެއް ނޫނެއްނު،" އާރިފު ބުނެލިއެވެ. "އެންމެން ވެސް ކުރާ ކަމެކޭ އެއީ. ލިބޭ ސެލަރީން ދެކޮޅު ޖެހޭތަ؟ އަޅެ ބުނެބަލަ! މިލިޔަނުން އެހެން މީހުން ނަގާއިރު އަހަރެން ކަހަލަ މީހަކު އެއްޗެއް ނެގީމަ ހަނާއަށް ތި ފެންނަނީ."
"ތީ މަގޭ ބިޓޭ!" އަހަރެން ބުނީމެވެ. "ތަނެއްގަ މީހަކު ކޮންމެ ކަމެއް ކުރިޔަސް އާރިފު އެހެން ހަދައިގެން ނުވާނެ. އަހަރުމެންނަށް މުސާރަ ލިބެއެއްނު. މުސާރަ ކުޑައިއްޔާ އެހެން ޖޮބެއް ހޯދާނީ. ހަމަ ރަނގަޅަށް މި ބުނީ އާރިފު ތި ގޮތަށް ހޯދާ އެންމެ ރުފިޔާއެއް ވެސް އަހަންނަށް ނޫނީ އަހަރެންގެ ފެމެލީއަށް ސްޕެންޑް ނުކުރާތި! ދެން އެ ކަހަލަ ކަމެއް ކޮށްފިއްޔާ މަށަށް އެނގޭނެ ހަދާނެ ގޮތް."
އަހަރެންގެ އެ ސިފައަކީ އާރިފަށް ކުރިން ފެނިފައިވާ ސިފައެއް ނޫނެވެ. އަނެއްކޮޅުން ފައިސާގެ އަވައިގައި އާރިފަށް ޖެހެވިފައިވަނީ ދުރުވާން އުނދަގޫވާ ވަރަށެވެ.
"ބުނަންތަ ވާހަކައެއް. ހުރިހާ މީހުންނަކީ ވެސް މިހެން އުޅޭ މީހުން،" އާރިފް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "އެ ހުންނަނީ ކުދިކުދި ބިޒްނަސް. އޭނަ ބޭނުންވީ އަވަސްކޮށްލަން. ލާރިކޮޅެއް ދިނީމަ އަހަރެން އެ ކަން ކޮށްދެނީ. ނިމުނީނު. އެހެންނޫނީ އޭނަ ލާ ސިޓީ، ކިތަންމެ ޒަމާނެއް ވިޔަސް އޮންނާނީ އޮތް ތާނގަ. ކާކު އެ ކަމާ އަޅާލާނީ. މަސައްކަތެއް ކޮށްގެންތާ އަހަރެން ލާރި މި ހޯދީ. ވައްކަމެއް ނުކުރަންތާ! މީހަކު އަތުން ފޭރި ނޫނީ މަކަރެއް ނަހަދަންތާ! ދެން އޯކޭ! މި ހިސާބުން މި ކަން ނިމުނީ. މައްސަލައެއް ނެތެއްނު!"
ލޯތްބަކީ ބާރުގަދަ އެއްޗެކެވެ. ލޯބިވެރިޔާއަށް ޓަކައި މީސްމީހުން ބޮޑެތި ޤުރުބާނީތައް ވެއެވެ. އެ ފަދަ ޤުރުބާނީއެއް އާރިފު ވެސް ވެދާނެއެވެ. އޭރުން އަހަންނަށް އެ ލިބުނީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ. ގޯސް މަގުން އާރިފަށް ދެވުނީ އޭނައަށް ވިސްނައިދޭނެ މީހަކު ނެތީމައެވެ. ރަނގަޅު ގޮތް ނުވިސްނުނީމައެވެ. އެ ފަދަ ރަނގަޅު ގޮތްގޮތަށް އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ.
ކުރިން ވެސް އާރިފު ކުރިކަމެއް ކުރީ ވަރަށް ސިއްރުންނެވެ. ދެން ވެސް އަހަންނަށް ސިއްރުން އާރިފަށް ރިޝްވަތު ނުހިފެންވީ ސަބަބެއް ނެތެވެ. އެކަމަކު އަހަރެން އިތުބާރު ކުރީމެވެ. އަހަރެން ދެކެ އެހާ ގިނަ ދުވަހު ލޯބިވި މީހަކު އަހަންނަށް ދޮގު ނަހަދާނެކަމަށް ހީކުރީމެވެ. ލޯބިވެރިން، ކޮންމެ ހާލެއްގައި ނަމަވެސް އެކަކުއަނެކަކަށް ތެދުވެރި ވާނެއެވެ. ނުވަތަ އެއީ އަހަރެންގެ ލޮލުގައި އެޅުވި ކުލަ ގަދަ އަނދުނެއް ހެއްޔެވެ؟ އުންމީދުގެ ހުޅުކޮޅު ވަށައިގެން ދެ އަތުން ހިމާޔަތްކޮށްގެން އަހަރެން ހުރީމެވެ. އެހެންނަމަވެސް، ވާން އޮތް ކަމެއް ހުއްޓުވޭނީ ކާކަށް ހެއްޔެވެ؟ ދައްކަވަން ހުރި ކަމެއް ފޮރުވުމުގެ ބާރު ލިބުނީ ކޮން އިންސާނަކަށް ހެއްޔެވެ؟ އާރިފާއި އަހަރެން ސައިކަލުގައި ބުރުޖަހަން އުޅެފައި ޕެޓުރޯލުއަޅާ ތަނަށް މަޑުކުރީ، ސައިކަލުގައި ހުރި ޕެޓުރޯލުން ގެއާ ހަމައަށް ނުފޯރަފާނެތީއެވެ. ކިޔުގައި ކުރިޔަށް ދަމުން ގޮސް އަހަރުމެންނާ ޖެހުމުން އަހަރެން ސައިކަލުން ފޭބީމެވެ. އެކަމަކު އަހަރެން ހުރީ އާރިފާ ވަރަށް ގާތުގައެވެ. އާރިފު ސައިކަލުގެ މަޑި ހުޅުވައިލިއެވެ. ފަތްޖަހައިލައިފައިވާ ބޯ ސިޓީއުރަ އޮތީ ދިމާއަށް ފެންނާށެވެ. ކުއްލި ސިހުމަކާ އެކު އެ ސިޓީއުރަ ފޮރުވަން އާރިފު މަސައްކަތް ނުކުރި ނަމަ އަހަންނަށް އެ ކަން ފާހަގަ ނުވެސް ކުރެވުނީސް ކަންނޭނގެއެވެ. ނުވަތަ އޭގެ ފަހުން ވެސް އާދަޔާޚިލާފު ގޮތަކަށް އާރިފުގެ ޚަރަކާތްތައް ނުބެހެއްޓި ނަމަ، އޭނަގެ ބަހަށް އަހަރެން ހެއްލުނީހެވެ. ޕެޓުރޯލުއަޅާ ނިމިގެން ސައިކަލަށް އަރައިފައި އެންމެ ބަހެއް ވެސް އާރިފު ނުބުންޏެވެ. ހީނ ސަކަރާތްޖަހަމުން ކުރި ދަތުރު ކުއްލިއަކަށް ހަމަހިމޭން ޖަނާޒާއަކަށް ބަދަލުވުމުން އިތުރު ހެއްކަކަށް އަހަރެން ބޭނުމެއް ނުވިއެވެ.
"އާރިފަށް އެނގޭތަ؟" އަހަރެން ބުނީމެވެ. "ސައިލެންސަކީ ބައެއް ފަހަރު ހާދަ އަޑުގަދަ އެއްޗެކޭ. އަހަންނަށް މިހާރު އިވޭ އަޑުތައް ބުނަންތަ؟ އާރިފަކީ ވަރަށް ރަނގަޅު މީހެކޭ. އަހަރެން ބުނާ ކޮންމެ ކަމެއް ވެސް އާރިފު ކުރާނޭ. އާރިފަށް މުހިންމީ ލާރިއެއް ނޫނޭ ހަނާއޭ."
"މީ ތި ހީކުރާ ކަހަލަ ތެދުވެރި މީހުން އުޅޭ ޒަމާނެއް ނޫނޭ ހަނާ،" ހިތްހަމަނުޖެހިފައި އާރިފު ބުންޏެވެ. "ހުވަފެނުން ހޭލަބަލަ! އެންމެން އެއްގޮތަކަށް އުޅޭއިރު އަހަރުމެން އެހެން ނޫޅެފިއްޔާ އަހަރުމެން ވާނީ މޮޔައިންނަށް. އަނގަޔާ އަތާ ދިމާކުރަން ބޭނުމިއްޔާ ސައިޑު ކަޓެއް ނުޖަހައެއް ނޫޅެވޭނެ. އޮފީހުގެ އެހެން މީހުންނާ ބަލާފަ މަ ނުވާނެ އެއްޗަކަށް. ފަހުން ހައްޖެއް ކޮށްލީމަ އޯކޭވާނެ. މަ ހާދަހާ ސަދަގާތެއް ވެސް ކުރަމޭ."
ރިޝްވަތުގެ ފައިސާއިން އާރިފު ކުރާ "ހެޔޮ" ކަންތަކުގެ ދިގު ލިސްޓެއް ކިޔައިލިއެވެ. މީހަކު ޢުމުރާއަށް ފޮނުވައިދިނުމާއި، ރާއްޖެއިން ބޭރުން ބޭސްފަރުވާ ކޮށްދިން ވާހަކައެވެ. އަތްމަތި ދަތި މީހުން ދިރިއުޅޭ ތަންތަނުގެ ކުލިދައްކައިދިނުމާއި، އެތައް ބަޔެއްގެ ގެދޮރު މަރާމާތު ކޮށްދިން ވާހަކައެވެ. އެކަމަކު އެ އިން އެއްވެސް ވާހަކައަކުން އަހަރެންގެ ވިސްނުން ބަދަލެއް ނުކުރެވުނެވެ.
"ރިޝްވަތު ހިފުން ހުއްޓާލާ!" ތަކުރާރުކޮށް އަހަރެން އެދުނީމެވެ. "އެ ކަން ހުއްޓާލައިފިއްޔާ އާރިފަކީ އަހަރެންގެ ލައިފަށް އައި އެންމެ ރަނގަޅު މީހާއަށް ވާނެ. ޕްލީޒް!"
އެއްޗެއް ނުބުނުމުން އާރިފުގެ ވިސްނުން ބަދަލުވާހެން އަހަންނަށް ހީވި ދަނޑިވަޅެއް ވެސް އައެވެ. ކައިވެންޏަކާ ހަމައަށް ދާން އަހަރެން ހުރީ ވަރަށް ބޭނުންވެފައެވެ. ހީވި ކަހަލައެވެ. އަހަންނާއި އާރިފާ ދެމެދު އަޅައިފައި އޮތީ ބިއްލޫރި ދާލަމެކެވެ. ފަރުވާތެރިކަމާ އެކުގައި އަހަރެން ލަސްލަހުން ފިޔަވަޅުއެޅީމެވެ.
"ސޮރީ!" އާރިފު ދިނީ ކުރު ޖަވާބެކެވެ.
އަހަރެން ކުރިޔަށް އެޅި ފިޔަވަޅާ އެކު ބިއްލޫރިގަނޑުގައި ރެނދު ލި އަޑު ވެސް އަހަންނަށް އިވުނު ކަހަލައެވެ.
ނުނިމޭ